ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ރަށު މާރުކޭޓުން 12 ގޮޅި ކުއްޔަށް ހިފުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ހުޅުވާލައިފިއެވެ.

ރަށުމާރުކޭޓަށް އެދި ހުށަހަޅާ ފޯމު އެޗްޑީސީގެ ވެބްސަޓުން ޑައުންލޯޑުކުރެވޭނެއެވެ.

އެކަމާ ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައި ވަނީ ގޮޅި ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ މި ހަފުތާގެ ހޯމަ ދުވަހު 09:00އިން 11:00އަށް ރެހެންދި ސްކޫލުގެ ހޯލުގައި ކަމަށެވެ. އަދި ގުރުއަތު ނެގުން އޮންނާނީ ހަމަ އެދުވަހު 11:30ގާ ރެހެންދި ސްކޫލު ހޯލުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ގޮޅިއަށް އެދި ފޯމު ހުށަހަޅާއިރު، ފޯމާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންޖެހޭނެއެވެ. އަދި ހުރިހާ ލިޔެކިޔުމަކާއެކު ފޯމް ހުށަހަޅަންޖެހޭނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ.

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ގޮޅިތައް ކުއްޔަށް ދޫކުރަން އެޗްޑީސީން ނިންމާފައިވަނީ މަހަކު 3،500 ރުފިޔާއަށް ތިން މަސްދުވަހުގެ މުއްދަތަކަށެވެ.