އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގައި އަންހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން އެމްއެންޔޫއެސްޔޫ ބިޒްނަސް (ބީއެސް) އިން ސެންޓަފޯ ފައުންޑޭޝަން ސްޓަޑީޒް (ސީއެފްއެސް) ބަލިކޮށްފިއެވެ.

ޤައުމީ ޔުނިވާސިޓީގެ ޕީއީ ހޯލްގައި ކުޅުނު އެ މެޗު ފިނިފައިވަނީ ފޯރިގަދަ މެޗެއްގެ ގޮތުގައެވެ. ދެ ޓިމުން ވެސް ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ.

މި މެޗުން ބީއެސް މޮޅުވެފައިވަނީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 22-25 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ސެޓު ބީއެސް އިން ކާމިޔާބުކުރީ 18-25 އިންނެވެ. އެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އެ ޓީމުގެ ޖާޒީ ނަމްބަރު 9، އައިޝަތު ވިސާމާއެވެ.

މި މުބާރާތުގައި ފިރިހެން ޑިވިޝަންގެ ތިން މެޗު ވަނީ ކުޅެން ހަމަޖެހިފައެވެ. އެގޮތުން 8:00 ގައި ބީއެސް އާއި އެފްއެޗްއެސްއެވެ. އަދި 21:00 ގައި ސެންޓަ ފޯ މެރިޓައިމް ސްޓަޑީޒް އާއި ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ ބައްދަލުކުރާއިރު މިރޭގެ ފަހުމެޗުގައި ނިކުންނާނީ އެސްއެން އާއި ސީއެފްއެސްއެވެ. އެ މެޗު ކުޅެން ހަމަޖެހިފައިވަނީ 22:00 ގައެވެ.

އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

މި އަހަރު މި ބޭއްވޭ އަށް ވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މިއަހުރު އެމްއެންޔޫއެސްޔޫ އިންޓފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ.