13 Mar 2022, 20:03
ކޮވިޑާ ގުޅިގެން އިއުލާން ކުރަމުން އައި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދުން ފެށިގެން އުވާލައިފިއެވެ.
އެކަން އިއުލާންކުރެއްވީ މިރޭ ގައުމާ މުޚާތަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އިއުލާންކުރަމުން އައި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލަން ނިންމީ ޞިއްޙީ މާހިރުންގެ ލަފާގެ މަތިން، ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮވިޑްގެ ގެއްލުންތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނުފޯރާ އެންމެ އާއިލާއެއްވެސް ރާއްޖޭގައި ނެތް ކަމަށެވެ. ކޮވިޑް ބަލީގެ ނުސީދާ އުނދަގޫތައް ތަހައްމަލްކުރާ އެތައް ބަޔަކު މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބަލީގައި މިހާތަނަށް 297 މީހަކު ވަނީ ރާއްޖެއިން މަރުވެފައެވެ.
"އެ ހުރިހާ އެންމެންނަށް މާތް ﷲ ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރަން. އަދި ކޮވިޑް ބަލީގެ ވޭން ތަޙައްމަލްކުރަމުންދާ ހުރިހާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުޢާކުރަން،"
މާތް ﷲގެ މަތިވެރި އޯގާވަންތަކަމާއެކު، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނައި ނަމަވެސް، މިދިޔަ ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކުރި ތަޖުރިބާތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބަލިން ރައްކާތެރިވުމަށްޓަކައި އަޅުގަނޑުމެންގެ އާދައަކަށް ހެދި، ޞިއްޙީ ރަނގަޅު އާދަތައް އެ ގޮތުގައި ދަމަހައްޓަން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިތާ ވަރަށް ކުރީކޮޅު، ބަލިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު ކަމަށެވެ. އެކަމުގެ ނަތީޖާއަކަށްވީ، ކޮވިޑް ކޮންޓްރޯލް ކުރެވޭ ޤައުމުތަކުގެ އެންމެ އިސް ސަފުގައި ރާއްޖެ ހިމެނި، އިޤްތިޞާދީ އަދި އިޖްތިމާޢީ ހަރަކާތްތައް އަވަހަށް ފެށުމަށް މަގުފަހިވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް، ކޮވިޑްގެ ވަބާއީ ހާލަތަށް އިޖާބަ ދިނުމުގައި ރާއްޖޭންވެސް މިހާރު އަމާޒު ހިފާފައިވަނީ، ބަލީގެ ނުރައްކާ ބޮޑު މީހުން ރައްކާތެރިކުރުމަށާއި، އެނދުމަތިކުރަންޖެހޭ މީހުންނާއި މަރުވާ މީހުންގެ ނިސްބަތް މަދުކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ މިންވަރަށް ބަލީގެ ޙާލަތު ބަލަހައްޓަމުން ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކޮވިޑްގެ ނުރައްކާތެރިކަން އަދިވެސް ބަލަމުން އަންނަނީ ވަބާއެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން، ބަލީގެ ހާލަތު ނުރައްކާތެރިވާ ފަދަ އައު ބާވަތެއްގެ ވައިރަހެއް އުފެދިއްޖެ ނަމަ، އެކަންކަމަށް ރިޢާޔަތްކޮށް ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކުރިމަގުގައި ކޮވިޑް-19 އަށް އިޖާބަ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ނޭޝަނަލް ސްޓްރެޖީއާއި އެކްޝަން ޕްލޭނެއް، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅުއްވައިގެން ކުރިއަށް ގެންދަވާނެ." ރައީސް ވިދާޅުވިއެވެ.