ރަޝިޔާއިން ޔޫކްރޭނާ ދެމެދު ހުރި ދެބަސްވުންތަކަށް ހައްލެއް ހޯދުމަށް މަޝްވަރާގެ މޭޒަށް އައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

ގައުމާ މުޚާތަބު ކުރައްވަމުން ރައީސް ޞާލިޙް މިރޭ ވިދާޅުވީ މިއީ ޔޫކްރެއިންގެ ރައްޔިތުންނަށް ވަރަށް ހިތްދަތި ވަގުތުތަކެއް ކަމަށާއި އެމީހުންނަށް ލިބެމުންދާ އަނިޔާތަކާ މެދު އެމަނިކުފާނު ހަމްދަރުދީވެވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރަޝިޔާ އާއި ޔޫކްރޭންގެ މެދުގައި ހުރި ދެބަސްވުންތަކަށް ހައްލެއް ހޯދުމަށްޓަކައި، ދެ ފަރާތުންވެސް މަޝްވަރާގެ މޭޒުދޮށަށް އެނބުރި އައުމަށް، ބައިނަލްއަޤުވާމީ މުޖްތަމަޢުން ގޮވައިލާ ގޮވައިލުން ރާއްޖެއިންވެސް ތަކުރާރުކުރާ ކަމަށެވެ.

ރައީސް ވިދާޅުވީ ޔޫކްރޭން ހަނގުރާމަ އެހިނގަނީ ރާއްޖެއާ އެތައް މޭލެއް ދުރުން ވިލާތުގެ ބައްރުގައި ކަމަށް ވިޔަސް އެ ހަނގުރާމައިން އުފެދޭ އިޤްތިޞާދީ ލޮޅުންތައް، ދުރާއި ގާތުގައިވާ ހުރިހާ ޤައުމަކަށް އެބަ ފޯރާ ކަމަށެވެ. އަދި އެކަމުގެ ލޮޅުންތައް ރާއްޖެއަށްވެސް ފޯރަން ފަށައިފި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަޝިޔާއާއި ޔޫކްރެއިނަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމު ކަމަށާއި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޔޫކްރޭން މައްސަލައިގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު ކަމަށާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ ކޮންމެ ޤައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތަށް ޙުރުމަތްތެރިކޮށް ހިތުމުގެ މައްޗަށް ކަމަށެވެ.

"މިއީ، އ.ދ. ގެ ޗާޓަރުގައި ކަޅާއި ހުދުން ކަނޑާނެގިފައިވާ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ބިންގާ. ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮވެ، އަޅުގަނޑުމެން ޒަމާނުއްސުރެއް ވަކާލާތުކުރަމުން މިއަންނަނީ، އެ ބިންގަލުގެ މަތީގައި ބައިނަލްއަޤުވާމީ ގުޅުންތައް ދަމަހައްޓަން. މިއީ އަޅުގަނޑުމެން ޤަބޫލުކުރާ ހަމަ،" ރައީސް ވިދާޅުވިއެވެ.

ރަޝިއާއިން ޔޫކްރޭއިނަށް އަރައިގަތުން ކުށްވެރިކޮށް، ހަނގުރާމަ ވަގުތުން ހުއްޓާލައި ޔޫކްރެއިނުން ފޭބުމަށް، މިމަހުގެ ދެ ވަނަ ދުވަހު އދ.ގެ އާންމު މަޖިލީހުގައި، 141 ޤައުމުން ގޮވައިލި ގޮވައިލުމުގައި ބައިވެރިވެ ރާއްޖެ ވަނީ، ކުދި އަދި ނިސްބަތުން ބާރު ދަށް ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް، ރާއްޖެއިން އުފުލަމުން އަންނަ އަޑު އަނެއްކާވެސް ތަކުރާރުކޮށްފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ހަނގުރާމަ ކޮންމެ ދުވަހަކުން ކޮންމެ ގޮތަކަށް ނިމުނަސް، ޔޫކްރޭން މިހާރު އޮތް ޙާލަތުން އަރައިގަތުމަށް އަހަރުތަކެއް ނަގާނެ ކަމަށެވެ. އަދި އެ ހަނގުރާމައިން ދުނިޔޭގެ އިޤްތިޞާދަށް ލިބޭ ގެއްލުންތައް ފޫބައްދަން ވެސް އެހާ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންކަމުން، ޔޫކްރޭން މައްސަލައާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މިއަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން،" ރައީސް ވިދާޅުވިއެވެ.

މިހަނގުރާމަ ދިގުދެމިގެން ގޮސް، އެންމެ ގޯސް ޙާލަތަކަށް ކަންތައް ހިނގައްޖެނަމަ، ރާއްޖޭގެ އިޤްތިޞާދަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތަކުގެ އަންދާޒާއެއް ތައްޔާރުކޮށް، ފިނޭންސް މިނިސްޓްރީން މިހާރު އަންނަނީ ފިޔަވަޅުތައް އަޅަމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޔޫކްރޭން ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލުތައް ދިރާސާކޮށް، ފަތުރުވެރިކަމަށް އިތުރު މާކެޓްތައް ހޯދުމުގެ މަސައްކަތް، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީން ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަނގުރާމައިގެ އަސަރުކުރާނެކަމަށް ބެލެވޭ ސަރަޙައްދުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން، މިވަގުތު ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ހަމައެހެންމެ ޔޫކްރޭނުން އެނބުރި އައި ދިވެހި ދަރިވަރުންނަށް އަލުން އެ ޤައުމަށް ދެވޭނެ ދުވަހެއް ޔަޤީން ނުވާތީ، އެދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވޭނެ ގޮތެއް ހޯދައިދިނުމުގެ މަސައްކަތް ފޮރިން މިނިސްޓްރީ އާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.