17 Mar 2022, 06:16
ސްރީލަންކާ މަގުން ރާއްޖެ އައި އިނގިރޭސި ވިލާތުގެ ރައްޔިތެއްގެ އަތުން 12.7 ގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
މި ތަކެތި އަތުލައިގަތީ ކަސްޓަމްސްގެ މުވައްޒަފުންނެވެ.
މި މައްސަލައިގައި ކަސްޓަމް އިން ބުނީ މި ހިނގާ މާޗް މަހުގެ ހަވަނަ ދުވަހު ރާއްޖެ އައި އިނގިރޭސި ވިލާތުގެ ރައްޔިތެއްގެ ހަރަކާތްތައް ހުރި ގޮތުން ޝައްކު ކުރެވިގެން ކަސްޓަމްގެ ފަރާތުން އިތުރަށް ބަލައި ފާސްކުރިއިރު، އޭނާގެ ދަބަސް ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
"މި ތަކެތި ޓެސްޓް ކުރިއިރު މަސްތުވާ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ވަނީ ޕޮޒިޓިވްވެފަ. އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ ކެނެބިސް އޮށާއި ކެނެބިސް ހާބަލް،" ކަސްޓަމްސް އިން ބުންޏެވެ.
އިތުރަށް ކަސްޓަމުން ބުނީ މި މައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ މަސްތުވާތަކެތީގެ ވިޔަފާރީގައި ބިދޭސީންގެ ބައިވެރިވުން ބޮޑެވެ. މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް، ނުވަތަ މަސްތުވާތަކެއްޗާއެކު ފެނިގެން ރާއްޖޭގައި ބިދޭސީން ހައްޔަރުކުރުމަކީ އާއްމު ކަމެކެވެ.