އެސެޓް ރިކަވަރީ ކޮމިޝަން އުވާލީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެތަނުން ނަތީޖާއެއް ނުނެރެވޭނެކަން ޔަގީންވުމުން ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި މިހާރު ވިލިމާލެ ދާއިރާގެ މެންބަރު އަޙުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އުވާލުމާ ގުޅޭގޮތުން އުޝާމް "ސަން"އަށް ވިދާޅުވީ އެ ކޮމިޝަނުން ވޭތެވެދިޔަ ތިން އަހަރު ނެރެވުނު ނަތީޖާއެއް ނެތްކަމަށެވެ.

އުޝާމް ވިދާޅުވީ އެ ކޮމިޝަނުން ނެރެންޖެހޭ ނަތީޖާ ނުނެރެވޭކަން ރައީސް ޞާލިހަށް ޤަބޫލުކުރެވޭކަމަށެވެ. އެހެންކަމުން ނަތީޖާ ނުނެރެވޭ ކޮމިޝަނެއް ބޭއްވުމަކީ ބޭކާރު ކަމެއްކަން ރައީސް ވެސް ޤަބޫލު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ކޮމިޝަނަށް މިދިޔަ ތިން އަހަރު ތެރޭގައި ކަމެއް ކުރެވުނު ތަނެއް ނުފެނޭ. ރުފިޔާތަކެއް ހަރަދުވީ." އުޝާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނެއް އުފެއްދުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދެއް ކަމަށެވެ. އެ ވައުދާ އެއްގޮތަށް އެ ކޮމިޝަން އެފެއްދި ނަމަވެސް އެ ކޮމިޝަނުން ނެރެންޖެހޭ ނަތީޖާ ނެރެވިފައި ނުވާކަމަށް އުޝާމް ވިދާޅުވިއެވެ.

ވޭތުވެދިޔަ ތިން އަހަރު ދުވަހު އެ ކޮމިޝަންގެ މަސައްކަތް އަޅާ ކިރާއިރު އެ ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރެވިފައި ނުވާނެކަން ކޮމިޝަންގެ މެންބަރުން ވެސް ޤަބޫލު ކުރާނެކަމަށް އުޝާމް ވިދާޅުވިއެވެ.

މައްސަލައަކީ ހަމައެކަނި ކޮމިޝަންގެ މެންބަރުންގެ މައްސަލައެއް ނޫންކަމަށް އުޝާމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި މި ސަރުކާރަށް ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އެކަށޭނަ މަސައްކަތެއް ކުރެވިފައި ނުވާކަމަށެވެ.

އުޝާމް ވިދާޅުވީ ސަރުކާރަށް ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ނުދިން އިސްކަމެއް ދެންވެސް ނުދެވޭނެކަމެވެ.

"މި އަހަރާއެކު ދެން އޮތީ ބާކީ އެއް އަހަރު. ކަންކަން ވެފަ ހުރިގޮތް ބަލާފަ އަޅުގަނޑުގެ ހިތެއް ނުބުނޭ މި ސަރުކާރަކަށް ދެން ވެސް ކޮރަޕްޝަންގެ މައްސަލަތައް ބެލިދާނެހެނެއް." އުޝާމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ކޮމިޝަނެއް ރައީސް ޞާލިހު އުފެއްދެވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.

އެއީ ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ޚިޔާނަތްތަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރުމަށް އުފެެއްދި ކޮމިޝަނެކެެވެ.