މުޅިތަން ބެލި ނަމަވެސް، މިންހާއަށް ޝިޒާންއެއް ނުފެނުނެވެ. އެންމެ ފަހުން ހުސްއަތާ އޭނާއަށް އަންނަން ޖެހުނީ ގެއަށެވެ.

މިންހާ ގެއަށް އައިސް ވަތްއިރު، ރާމިޒާއާ ނީނާއާ ދެމީހުން ތިބީ ސިޓިންރޫމުގައެވެ. އެ ދެމީހުންގެ މޫނުމަތިންވެސް ފެންނަމުންދަނީ ހާސްކަމުގެ އަސަރުތަކެވެ.

"މިންހާ..." ލަސް ފިޔަވަޅުތަކެއްގައި އައިސް ގޭތެރެއަށް ވަތް މިންހާއަށް ބަލައިލުމާއެކު ރާމިޒާއަށް ސޯފާއިން ތެދުވެވުނެވެ. މިންހާގެ މޫނުމަތިން އޭނާއަށް ފެނުނީ މޮޅިވެރިއަސަރުތަކެކެވެ. އެމޫނުމަތި ވަނީ މިލާފައެވެ. އޭރުވެސް މިންހާގެ ދެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. އަތުގެ ނުފުށުން އިރުއިރުކޮޅަކާ އެ ކަރުނަތައް ފުހެލި ނަމަވެސް، ތާޒާ ކަރުނައިން އެ ކޯތާފަތް ދިޔައީ ފުރެމުންނެވެ. ރާމިޒާ މިންހާއަށް ގޮވައިލިނަމަވެސް، މިންހާއަށް އެ އަޑު ނީވޭ ފަދައެވެ. އޭނާ ހިނގައިގަތީ ސިޑިއާ ދިމާލަށެވެ. ތުރުތުރުއަޅަމުން ދިޔަ ތުންފަތުގައި ދަތް އަޅައިލަމުން މިންހާ ސިޑިން އަރަމުންދިޔައިރު، އޭނާގެ ދެފައިވެސް ތުރުތުރު އަޅަމުން ދިޔައެވެ. ޝިޒާން އަބަދަށްޓަކާ އޭނާއާ ވަކިވާ ޚިޔާލުގެ ސަބަބުން އޭނާގެ އެތެރެހަށީގައިވަނީ ވަރުގަދަ ތޫފާނެއް އުފައްދައިފައެވެ.

މިންހާ މައްޗަށް އެރުމަށްފަހު، ލަސް ފިޔަވަޅުތަކެއްގައި ހިނގައިގަތީ ޝިޒާންގެ ކޮޓަރިއާ ދިމާލަށެވެ. އޭނާ އެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެލިއެވެ. ތަރުތީބު އެކީ ގެއްލިފައިވާ އެ ކޮޓަރިތެރެއަށް ބަލައިލުމާއެކު، އަނެއްކާވެސް އޭނާއަށް ރޮވެން ފެށުނެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާ އެނދުގައި އިށީނދެލިއެވެ. ޑައިރީ ނެގުމަށްފަހު އެ ގެންގޮސް މޭގައި ޖައްސައިލިއެވެ.

"އައި ލަވް ޔޫ ޝިޒާން..." މިންހާއަށް ބުނެވުނެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހަށިގަނޑުގައިވީ އުދާސްކަން އެއްވެސް ވަރަކަށް ކުޑައެއް ނުވިއެވެ. މޭގެ އެތެރޭގައި އުފެދިގެން އުޅޭ ތޫފާން މައިތިރިވާގޮތެއް ނުވިއެވެ. މިންހާ ސިހުނީ އޭނާގެ ފޯނު ރިންގް ވުމާއެކުގައެވެ. އުންމީދުގެ ހުޅުކޮޅެއް ދިއްލުމާއެކު އޭނާއަށް ފޯނަށް ބަލައިލެވުނީ ޝިޒާންއަށް ވެދާނެ ކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް، ސްކްރީނުން ފެނުނު ނަމާއެކު އޭނާ މާޔޫސްވާގޮތްވިއެވެ. ހަމައެއާއެކު ރުޅި އަންނަ ގޮތްވިއެވެ. ގުޅީ އާހިލްއެވެ. އެއްފަހަރު ރިންގްވެފައި ފޯނު ކެނޑުނެވެ. އެއާއެކު ދެވަނަ ފަހަރުވެސް އާހިލް ގުޅިއެވެ. ވިސްނަން އިނުމަށްފަހު މިންހާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.

"ހަލޯ މިންނު. ކީއްވެތަ އަހަރެން ގުޅީމަ ފޯނު ނުނަގަނީ؟" އާހިލް ސުވާލުކޮށްލިއެވެ.

"އާހިލް އަހަންނާ މެރީ ކުރާނީ ކޮން އިރަކުން؟" މިންހާ ވެސް އާހިލްއާ ކޮށްލީ ސުވާލެކެވެ. މިންހާގެ އަޑުގައި ހުރި ހިތްހަމަނުޖެހުމުގެ އަސަރުތައް އާހިލްއަށްވެސް ފަހުމްވިއެވެ. އެއާއެކު އޭނާ މިންހާއާ ސުވާލުކޮށްލިއެވެ.

"މިންހާ ޝިޒާން ކައިރިން ވަރިވީތަ؟؟" އާހިލްއަށް ސުވާލުކޮށްލެވުނެވެ.

"އަހަރެން އާއެކޭ ބުނެފިއްޔާ އާހިލް އަހަންނާ ކައިވެނިކުރާނަންތަ؟" މިންހާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"މިންނު ކިހިނެއް އަހަންނާ ތި ވާހަކަ ދައްކަނީ؟ އަހަންނަށް އިތުބާރުނުކުރެވެނީތަ؟" އާހިލް ސުވާލުކޮށްލިއެވެ.

"އަހަރެން އާހިލްއަށް އިތުބާރުކުރިން އަހަރެންގެ އަމިއްލަ ނަފްސަށް ވުރެވެސް ބޮޑަށް." މިންހާ ބުނެލިއެވެ.

"ތިބުނީ؟ ތިބުނީ ކީކޭ؟ މިހާރު އިތުބާރެއް ނުކުރަމޭތަ؟" އާހިލް ކުޑަކޮށް މަޑުޖެހިލިކަން މިންހާއަށް އެނގުނެވެ.

"އާނ. އަހަންނަށް އެނގޭ އަހަރެންގެ އެ ސުވާލުގެ ޖަވާބު އާހިލްއަށް ނުދެވޭނެކަން. އާހިލް ގެ ހުރިހާ ހަޤީގަތެއް އަަހަންނަށް އެނގިއްޖެ. އާހިލްގެެ އަންހެނުންހުންނަ ކަމާ އަހަރެންގެ އިތުރުންވެސް އެހެން އަންހެން ކުދިންގެ އިޙްސާސްތަކާ ކުޅެމުންދާކަންވެސް އަހަންނަށް އެނގިއްޖެ. ދެން ތިހުރިހާ ދޮގުތައް ހެދުމުގެ އެއްވެސް ބޭނުމެއް ނެތް. އާހިލްގެ ތިމަޅީގަ ޖެހިގެން އަހަންނަށް ޝިޒާން ވެސް ގެއްލުނީ. އޭނަ އަހަރެންގެ ދެކެ އެހާ ލޯބި...." މިންހާ އެ ހިސާބަށް ބުނެފައި ހުއްޓައިލިއެވެ. އޭނާއަށް ރޮވެން ފެށީއެވެ.

"މިންނު. ކާކު ދެއްކި ވާހަކަ..."

"އިތުރަށް އަހަރެން އާހިލްއާ ވާހަކަ ދައްކާކަށް، އަދި އާހިލްގެ ވާހަކަ އަޑު އަހާކަށްވެސް ބޭނުމެއް ނޫން." އެހެން ބުނުމަށްފަހު މިންހާ ފޯނު ކަނޑައިލިއެވެ. އެއަށްފަހު އޭނާ މޫނުގައި އަތް އަޅައިލިއެވެ. ޝިޒާންގެ ހަނދާންވެ އޭނާގެ މޭގައި ވެސް ރިއްސަމުން ދިޔައެވެ.

އެ ދުވަހު ހަތަރު ދަމު މިންހާ ހޭދަކުރީ އެއްވެސް އެއްޗެއް ކެއުމެއް ނެތިއެވެ. ޝިޒާންގެ ކޮޓަރީގައި އޭނާ އޮތީ މާޔޫސްކަމާއެކުގައެވެ. ރޮއިރޮއި މިންހާގެ ދެލޯ ވަނީ ރަވްވެފައެވެ. ނޭފަތް ރަތްވެފައިހުރުމުން އެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. މިންހާ އެނދުގައި އޮށޯވެލައިގެން އޮއްވާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލުމަށްފަހު ނީނާ ދޮރު ހުޅުވައިލިއެވެ. ނީނާގެ އަތުގައި ހުރި ކާއެއްޗެހި ފެނުމާއެކު އޭނާ އެއައި ބޭނުން މިންހާއަށް ފަހުމްވިއެވެ.

"އަހަރެން ބޭނުމެއް ނޫން ކާކަށް؟ ތި އެއްޗެހި ގެންދޭ...." މިންހާ ރުޅިވެރިކަމާއެކު ބުނެލިއެވެ.

"އެކަމަކު މޭމް..."

ނީނާ އެހެން ބުނުމަށްފަހު. ސައިޑް ކަބަޑު މަތީގައި ތަބަށް ބަހައްޓަން އުޅުމާއެކު މިންހާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"އަހަރެން ބުނެފީމެއްނު އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫނޭ. ކީއްވެތަ އަޑު ނީވެނީ؟" މިންހާ ރުޅި އަިއސްގެން ވާހަކަ ދެއްކުމާއެކު ނީނާއަށް އެ އެއްޗެހި ބަހައްޓާފައި ދާކަށް ނުކެރުނެވެ. އެއާއެކު އޭނާ އެ ތަބަށް ހިފައިގެން ގޮސް ކާކޮޓަރިއަށް ވަނެވެ. އޭރު އެތަނުގައި ރާމިޒާ ހުއްޓެވެ. ނީނާ ގެންދިޔަ ތަބަށް ހިފައިގެން އަނބުރާ އައުމާއެކު ރާމިޒާއަށް ސުވާލުގެ ނަޒަރަކުް ބަލައިލެވުނެވެ. ކަންތައް ވީގޮތް ނީނާ ކިޔައިދިނުމާއެކު ރާމިޒާ ބޯ ޖަހައިލިއެވެ. އެއަށްފަހު ނީނާ އަތުން އެ ތަބަށް އަތުލަމުން އޭނާ މިންހާގެ ކައިރިއަށް ދާން ނިންމިއެވެ. ރާމިޒާ ކާއެއްޗެހި ހިފައިގެން ގޮސް ކޮަޓަރިއަށް ވަތްއިރުވެސް މިންހާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އޭރު އޭނާގެ ނަޒަރު ހުރީ ސީލިންގަށް ހުއްޓިފައެވެ. ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ބާލީހަށް އޮބިގެން ދިޔަތަން މިންހާގެ ކައިރިއަށް އައިސް ހުއްޓުނު ރާމިޒާއަށް ފެނުނެވެ.

"މިންހާ..." ރާމިޒާ އޯގާތެރިކަމާއެކު މިންހާއަށް ގޮވައިލިއެވެ.

"އަހަރެން ނުކާނަން." އެއްފަހަރު ރާމިޒާއަށް އަނެއްފަހަރު ގެނައި ކާއެއްޗެއްސަށް ބަލައިލުމަށްފަހު މިންހާ ބުނެލިއެވެ. ނީނާ އާ ވާހަކަ ދެއްކިގޮތަށް އަޑު ހަރުކޮށް ބާރަށް ރާމިޒާއާ ވާހަކަ ދައްކާކަށް މިންހާއަކަށް ނުކެރުނެވެ. ރާމިޒާ އަތުގައި ހުރި ތަބަށް ސައިޑް ކަބަޑު މަތީގައި ބެހެއްޓިއެވެ. އެއަށްފަހު މިންހާއަށް ބަލައިލިއެވެ.

"މިއަދު އެކައްޗެއްވެސް ނުކައި މިންހާ ތިއޮތީ. މިންހާ ތިހެންއޮއްވާ ކަމެއް ވެއްޖެއްޔާ ޔޯ... ކައިގެނެއްނު ދެން ކަންތައް ކުރާނެ ގޮތެއްވެސް ވިސްނޭނީ... އެއްޗެއް ކާލަން ހިނގާބަލަ!" ރާމިޒާ ބުނެލިއެވެ. އޭނާ މަގަތުގައި އިށީނދެލުމާއެކު މިންހާ ތެދުވެ އެނދުގައި އިށީނދެލިއެވެ. އެއަށްފަހު، އޭނާ ރާމިޒާގެ ގައިގައި ބައްދައިލިއެވެ. މީހެއްގެ އެހީތެރިކަމެއް ލިބުމުން ހިތުގައި ވި ރިހުމާއި ނަފްސުގައިވި އުދާސްކަން ދުރުކޮށްލަން މިންހާވެސް ހުރީ ބޭނުންވެފައެވެ. ރާމިޒާގެ ހިތްވަރުގެ ބަސްތަކުން މިންހާ ހަމައަކަށް އެޅުނެވެ. އޭނާ ކޮންމެވެސް ވަރަކަށް ކާންވެސް ކެއެވެ.

މިންހާއަށް ޔޫލިންމަތިން ހަނދާންވެ ޔޫލިންއާ ބައްދަލުކުރަން ބޭނުންވިއެވެ. އޭނާ މިހާރު ބޭނުންވަނީ އެންމެ ގާތް އެކުވެރިޔާގެ ފަރާތުން ހިތްވަރުގެ ބަސްތަކެކެވެ. މިންހާ ޔޫލިންއަށް ގުޅައިލިނަމަވެސް، ޔޫލިންގެ ފޯނު އޮތީ ނިއްވާލާފައެވެ. މާޔޫސްކަމާއެކު މިންހާއަށް ކަރު އެލުވައިލެވުނެވެ. އޭނާ އެނދުން ތެދުވެގެން ފާޚާނާއަށް ވަދެ ކުޑަކޮށް މޫނު ދޮވެލިއެވެ. އެއަށްފަހު ނުކުމެ ކުޑަކޮށް ރީތިވެލިއެވެ. އޭރުވެސް އޭނާގެ މޫނުމަތިން ފެންނަނީ މަޑުމޮޅިކަމެވެ. ދެލޮލުގައި ވި ދުޅަކަން ކުޑައެއް ނުވެއެވެ. އޭނާ ރީތިވެގެން ނުކުތްއިރު، އެކަކުވެސް ފެންނާކަށް ނެތެވެ. މިންހާ ގޮސް ގޭޓުން ނުކުމެލިއެވެ. އޭރު ވިއްސާރަ ވުމުގެ އަލާމާތްތައް އެކި ދިމަދިމާލުން ފެންނަން ފަށައިފިއެވެ. ކަޅުބޯ ވިއްސާރަ ވިލާތައް އުޑުމަތި ހިޞާރުކުރަމުން ދިޔައެވެ. އެއް ވިލާގަނޑު އަނެއް ވިލާގަނޑާ ގުޅެމުން ގޮސް ހަނދުވަރުގެ އަލިވެސް ފަނޑުކޮށްލައިފިއެވެ. އޭރު ރޭގަނޑު ނުވައެއް ޖަހަނީއެވެ. ޑްރައިވަރުވެސް ވީ ކަމެއް ދިމާވެގެން ގޮސްފައިކަމުން މިންހާ މަސައްކަތްކުރީ ޓެކްސީއެއް ލިބޭތޯއެވެ. އެކަން ކާމިޔާބު ނުވުމުން އޭނާ ހިނގާފައި ދާން މިސްރާބުޖެހިއެވެ.

މިންހާ ހިނގައިގަތްއިރު ކޮންމެވެސް ވަރަކަށް ވާރޭ ތިކި ޖަހަން ފަށައިފިއެވެ. އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް މިންހާ ނުދެއެވެ. އޭނާގެ ސިކުނޑީގައި ރަސްކަން ކުރަމުންދަނީ ޝިޒާންގެ ޚިޔާލުތަކެވެ.

ހިނދެއް ހިނދަކަށް ޖެހެމުން ދިޔަ ވައިރޯޅިތަށް ބާރުވަމުން ދިޔައީ ތޫފާނެއްގެ އިންޒާރު ދޭފަދައަކުންނެވެ. ވާރޭ ވެސް ބޯ ކުރަން ފަށައިފިއެވެ. މިންހާ އާދައިގެ ވަރެއްގައި ހިނގަމުން ދިޔައެވެ. މާގިނަ ތަންތަނަށް ދާން ނޭނގުނު ނަމަވެސް، އޭނާއަށް ޔޫލިންމެން ގެއަށް ދާން އެނގުމަކީވެސް ނަސީބެކެވެ. ވަކި ހިސާބަކުން މިންހާ މަގު ހުރަސްކުރަން އުޅުނެވެ. އޭނާ ކަފިހި ހުރަސްމަތިން މަގުހުރަސްކުރަން ހިނގައިގަތްއިރު، އެ ދިމާލަށް ބާރަށް އައި ސައިކަލަށް ސަމާލުކަމެއް ނުދިނެވެ. ސައިކަލުގައި އިން ޒުވާނާއަށް މިންހާ ފެނި ބުރަކި ޖައްސައިލި ނަމަވެސް، ވާރޭ ވެހިފައި އޮތުމުން ސައިކަލު ކޮންޓްރޯލްނުވެ ކައްސާލައިގެން ގޮސް ޖެހުނީ މިންހާގެ ގައިގައެވެ. މިންހާގެ އިތުރުން ސައިކަލާއެކު އެ ޒުވާނާވެސް ވެއްޓުނެވެ. މިންހާއާ އެ ޒުވާނާގެ ބާރު ހަޅޭކުގެ އަޑު އެ ސަރަހައްދުގައި ގުގުމައިލިއެވެ. އިސާހިތަކު އެތަނަށް ކޮންމެވެސް ވަރަކަށް މީހުން ޖަމާވިއެވެ. އެއްވި ބައެއް މީހުންގެ އެހީތެރިކަމާއެކު މިންހާއާ އެ ޒުވާނާ ހޮސްޕިޓަލަށް ގެންދެވުނެވެ. މިންހާއަށް މާ ބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް، ފަޔާއި އަތުގެ ތަންތަން ވަނީ މަށައިގެން ގޮސްފައެވެ. ހަމައެއާއެކު ނިތްކުރިމަތި ވެސް ފަޅައިގެން ދިޔައެވެ. ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން މިންހާއަށް ހިނގޭ ގޮތެއްނުވެއެވެ. ޑޮކްޓަރުން ލަފާދިނީ އެކްސްރޭ އަކާ އެއްޗެހި ނެގުމަށް އެޑްމިޓް ވުމަށެވެ. އަދި އިތުރު ޓެސްޓްތައްވެސް ހަދަން ޖެހޭނެ ކަމުގައި ބުންޏެވެ.

އެޑްމިޓް ކުރުމަށްފަހު، އެމީހުން މިންހާއަށް ދިން އިންޖެކްޝަންގެ އެހީގައި މިންހާގެ ތަދަށް ކޮންމެވެސް ވަރަކަށް ލުއިވެ އޭނާއަށް ނިދޭ ގޮތްވިއެވެ. މިންހާގެ ފޯނު ނަރުސް ކުއްޖާ ގެނެސް އެނދުގެ އެއްފަރާތުގައި ބާއްވައިލިއެވެ. އެވަގުތު ފޯނު ވައިބްރޭޓް ވިއެވެ. ނަރުސްކުއްޖާ ދެ ވިސްނުމެއްގައި ހުރެފައި ފޯނު ނެގީ މިންހާގެ ކައިރީގައި އިތުރު އެއްވެސް މީހަކު ނެތުމާއެކުގައެވެ. ފޯނަށް ޖަވާބުދީ ނިންމާލާފައި އައިވީ ފުޅިއަށް އިތުރު އިންޖެކްޝަނެއް ޖަހައިލުމަށްފަހު، ނުކުމެގެން ދިޔައީ ފޯނު އެނދުމަތީގައި ބާއްވައިލައިފައެވެ.

ރޭގަނޑު ބާރަގަޑިބަޔަށް ވުރެ ބޮޑުވެއްޖެއެވެ. މިންހާއަށް ހޭލެވުމާއެކު އޭނާ ވަށައިގެން ބަލައިލިއެވެ. އެޑްމިޓް ކުރެވުނީ ވޯޑުގައި ނަމަވެސް، މިހާރު އޭނާއަށް އޮވެވުނީ ތަނަވަސް ކޮޓަރިއެއްގައެވެ. އެތަނުގައި އިތުރު މީހަކު ނެތެވެ. ވަށައިގެން ބަލަމުން ދަނިކޮށް ދޮރު ހުޅުވައިލުމާއެކު މިންހާއަށް އެ ދިމާލަށް ބަލައިލެވުނެވެ.

(ނުނިމޭ)