އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވިސް (އައިޔޫއެމް)އިން އާންމުންނަށް ހުޅުވާލައިގެން އިސްލާމިކް ފޯރަމެއް ކުރިއަށްގެންދަން ހަމަޖެހިފައިވާކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.

އެ ޔުނިވާސިޓީގެ ޤުރުއާން އެންޑް ސުންނާގެ ޑީން އައްޝައިޚް މުޙައްމަދު މަންޞޫރު ވިދާޅުވީ އެ ފޯރަމަކީ އައިޔޫއެމްގެ ކުއްލިއްޔާތަކުން ކޮންމެ އަހަރަކު ވެސް ސިލްސިލާކޮށް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފޯރަމެއްކަމަށެވެ.

އެ ފޯރަމުގައި މި އަހަރު އިންސާފުކުރަން ހަމަޖެހިފައިވާ މައުޟޫއަކީ ކީރިތި ޤުރުއާނުގެ އަލީގައި އިޤްތިޞާދު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ދުނިޔޭގެ ހާލަތަށް ބަލައި ފާހަގަކުރެވިފައިވަނީ އިޤްތިސާދު ކުރުމަކީ ވަރަށް ބޭނުންތެރިކަމެއްގެ ގޮތުގައި ކަމަށް މަންޞޫރު ވިދާޅުވިއެވެ.

"އަދުގެ ދިނިޔެއަށް ބަލާއިރު އިޤްތިސާދު ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން އެބަ އެނގޭ. އެހެންކަމުން އަޅުގަނޑުމެން މި އަހަރުގެ ފޯރަމްގައި މި އަލި އަޅުވާލަނީ ކީރިތި ޤުރުއާނުގެ އަލީގައި އިޤްތިޞާދުކުރުމަށް،" މަންޞޫރު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެ ބައްދަލުވުމުގައި އާންމުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް އިލްމީ ގޮތުން ޖަވާބުދޭނެ ކަމަށެވެ.

އެ ފޯރަމް ކުރިއަށްގެންދިއުމުގެ ބޭނުމަކީ އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި ދުނިޔޭގައި ހިނގާ ކަންކަމަށް ލޯހުޅުވިފައިވާ މުޖުތަމަޢުއެއް ބިނާކުރުންކަމަށް މަންޞޫރު ވިދާޅުވިއެެވެ.

އިސްލާމީ އަދި ސުންނަތުގެ އަލީގައި ދުނިޔޭގައި ހިނގާ ކަންކަން އޮޅުންފިލުވާދިނުމަކީ ވެސް އެ ފޯރަމްގެ ބޭނުމެއްކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އައިޔޫއެމްއަކީ ރައްޔިތުންނާ ވަރަށް ކައިރިން މަސައްކަތް ކުރާ ބަޔަކަށް ވުމަކީ ވެސް އެފަދަ ފޯރަމްތަކުގެ އަމާޒެއްކަމަށެވެ.

އެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:30ގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ހޯލްގައެވެ.