22 Mar 2022, 11:00
މި ސަރުކާރުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައުސިން މަޝްރޫއުތަކުގެ އަޕްޑޭޓް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މަޖިލީހަށް ފޮނުވިއިރު މި ދައުރުގައި ގިނަ މަޝްރޫއުތައް ނުނިމޭނެކަން ހާމަވެއްޖެއެވެ.
ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމްގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެދިވަޑައިގަތީ ރިޔާސީ ބަޔާނުގައި ރައީސް އިއުލާން ކުރެއްވި ހައުސިން މަޝްރޫއުތަކުގެ ހުރިހާ ތަފްސީލެއް ލިޔުމުން ހޯއްދެއްވުމަށެވެ. އެ ޖަވާބުތައް މިއަދު މަޖިލީހުގައި ވަނީ ހުށަހަޅައިފައެވެެ.
އެ ޖަވާބުގައި ބުނެފައިވާ ގޮތުގައި މި ސަރުކާރުގެ 5000 ހައުސިންގެ ތެރެއިން 1042 ހައުސިން ޔުނިޓް އަޅަނީ އެޕޯލޯ ހޯލްޑިންގްސްއާ ހަވާލުކޮށްގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިން ޔުނިޓްގެ 120 ޔުނިޓާއި އެފޯޑަބަލް ހައުސިންގެ 240 ޔުނިޓާއި މިޑް ރޭންޖް ހައުސިންގެ 682 ޔުނިޓެވެ. މި މަޝްރޫއު ނިމޭނެ ވަކި ތާރީހެއް މިނިސްޓަރު ފޮނުއްވައިފައެއް ނުވެއެވެ.
މި ސަރުކާރުގެ ހައުސިން މަޝްރޫއުތަކުގެ ތެރެއިން 2000 ހައުސިން ޔުނިޓް އަޅަނީ ޖޭއެމްސީ ޕްރޮޖެކްޓް އިންޑިއާ ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އޭގެ ތެރޭގައި ކައުންސިލް ހައުސިންގެ 600 ޔުނިޓާއި އެފޯޑަބަލް ހައުސިންގެ 1400 ޔުނިޓް ހިމެނެއެވެ.
އެ މަަޝްރޫއުއަށް ސައިޓް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެ މަޝްރޫއު ނިމޭނީ 2025ވަނަ އަހަރުގެ ޖަނަވަރީމަހުކަމަށް ލަފާކުރާކަމަށް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، އެންބީސީސީ އިންޑިއާ ލިމިޓެޑާ ހަވާލުކޮށްގެން ވެސް 2000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ. އޭގެ ތެރޭގައި ވެސް ހިމެނެނީ 600 ކައުންސިލް ހައުސިން ޔުނިޓާއި 1400 އެފޯޑަބަލް ހައުސިން ޔުނިޓެވެ.
އެ މަޝްރޫއުއަށް ސައިޓް ހަވާލުކޮށްފައިވަނީ 2021 ޑިސެމްބަރު 19ގައެވެ. އަދި އެ މަސައްކަތް ނިމޭނެކަމަށް މިނިސްޓަރު ވިދާޅުވީ 2024ވަނަ އަހަރުގެ ޖުލައި މަހުއެވެ.
މި ސަރުކާރުގެ އަމާޒަކީ މާލޭގައި 13000- 15000 ފްލެޓު އެޅުމެވެ. އެހެން ނަމަވެސް މި ތަފްސީލްތަކުން އެނގޭ ގޮތުގައި މި ހައުސިން ޔުނިޓްތައް ވެސް ނިމޭނީ މި އަންނަ ދައުރުގައެވެ.
ހުޅުމާލޭން ދޫކުރަން ހަމަޖެހިފައިވާ 1000 ގޯތީގެ އަޕްޑޭޓް ވެސް މިނިސްޓަރު އަސްލަމް މިއަދު ވަނީ ދެއްވައިފައެވެ. އެގޮތުން ގޯތި ދޭނެ ސަރަަހައްދުތައް ކަނޑައަޅައި ޗާޓު ތައްޔާރުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ސަރަހައްދުގެ މަގުތައް ހެދުމާއި ފެނާއި ނަރުދަމާއާއި ކަރަންޓުލުމަށް އެޗްޑީސީއާއި ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީއާ މަޝްވަރާ ކުރެވި ތާވަލެއް ހުށަހެޅުމަށް ވަނީ ދެންނެވިފައިވާކަމަށް ވެސް ވިދާޅުވިއެވެ.
ގޯތި ދެވޭނެ ފަރާތްތަކަށް ގޯތި ދޭނެ އުސޫލު އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި މަސައްކަތް ނިމޭނެކަމަށް ބެލެވެނީ މި އަހަރުގެ ޖޫން މަހުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.
ގުޅީފަޅުން ދޭން ނިންމައިވާ 2000 ގޯތީގެ އަޕްޑޭޓް ވެސް އަސްލަމް ދެއްވިއިރު، އޭނާ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހަދާ ބިންހިއްކުމުގެ މަސައްކަތުގެ ތައްޔާރީތައް ކުރިއަށް ދަނީ ކަމަށެވެ. އަދި ގިރާވަރު ފަޅުން ދޭ 2000 ގޯތި ދިނުމަށް ޓަކައި ވެސް ބިންހިއްކުމުގެ ތައްޔާރީތައް ކުރިއަށް ދަނީ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުން މިހާރު ފަށައިފައިވާ ހައުސިން މަޝްރޫއުތައް ލަސްވުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.