22 Mar 2022, 22:06
އިޓާލިއަން ލީގުގެ އޭސީ މިލާނުގެ ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅެމުން އައި އައިވަރީ ކޯސްޓުގެ ފްރޭންކް ކެސިއޭ ސްޕެނިޝް ލީގުގެ ގަދަ އެއް ބާރު ކަމުގައިވާ ބާސެލޯނާއަށް ސޮއިކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މަޝްހޫރު ކުޅިވަރު ޖާނަލިސްޓް ފެބްރިޒިއޯ ރޮމާނޯއެވެ.
ރޮމާނޯ ހާމަކޮށްފައިވާ ގޮތުގައި ކެސިއޭ ބާސެލޯނާއާ ގުޅުނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެ އެއްބަސްވުން ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުއެވެ.
ކެސިއޭ ބާސެލޯނާއަށް ބަދަލުވެފައިވަނީ އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް އޭނާ ގެންނަން ބޭނުންވުމުންކަމަށާއި، ކެސިއޭ ބާސާއަށް ސޮއި ކުރިއިރު އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކުން އޭނާއަށް ރަނގަޅު ކޮންޓްރެކްޓަކާއި މުސާރައެއް ވެސް ހުށަހަޅާފައިވާކަމަށް ރޮމާނޯ ބުނެފައިވެއެވެ.
ކެސިއޭ ބާސާއަށް ބަދަލުވީ ޖުމުލަ މުސާރައިގެ ގޮތުގައި ސީޒަނަކު ހަތް މިލިއަން ޔޫރޯ ލިބޭ ގޮތަށެވެ. މީގެ އިތުރުން ކެސީ ބާސެލޯނާގައި އޭނާގެ މެޑިކަލްގެ ކަންކަން ވެސް ފުރިހަމަކޮށްފައިވާ ކަމަށް ފެބްރިޒިއޯ ރޮމާނޯ ބުންޏެވެ.
ކެސިއޭ ވަނީ އޭނާ އޭސީ މިލާނަށް ކުޅެދިން 95 މެޗުގައި 22 ގޯލު ޖަހައިދީފައެވެ. އައިވަރީ ކޯސްޓުގެ ގައުމީ ޓީމަށް ވެސް ކުޅޭ ކެސިއޭ ވަނީ އެ ޓީމަށް 56 މެޗު ކުޅެދީ ހަ ގޯލު ޖަހާފައެެވެ.
މީގެ އިތުުރުން ރޮމާނޯ ހާމަކޮށްފައިވާ ގޮތުގައި އެންޑްރީސް ކްރިސްޓެންސެންއާ އެކު ވެސް ބާސާއިން ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. އަދި މިހާރު އޮތީ އެއްބަސްވުމުގައި އޭނާ ސޮއިކުރުމުގެ މަރުހަލާގައިކަމަށް އޭނާ ބުންޏެވެ.