މޮސްކޯ (24 މާޗް 2022): ރަޝިޔާގެ ތެލާއި ގޭސް ގަންނަ ގައުމުތަކުގެ ތެރޭން ރަހްމަތްތެރި ނޫން ގައުމުތަކުން އޭގެ އަގު ދެން އަދާކުރަންޖެހޭނީ ރަޝިޔާގެ ފައިސާ ކަމަށްވާ ރުބެލް އިންކަމަށް އެގައުމުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވަމުން ރަޝިއާގެ ރައީސް ވްލަޑީމީރު ޕޫޓިން އިއްޔެ ވިދާޅުވީ އެމެރިކާ ޑޮލަރާއި ޔޫރަޕްގެ ޔޫރޯއަކީ ރަޝިޔާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ހުޅަނގުން ބޭނުންކުރާ ހަތިޔާރަކަށްވެ އޭގެ އިތުބާރު ގެއްލިފައިވުމާއެކު ރަޝިޔާގެ ތެލާއި ގޭސް ގަންނަ ގައުމުތަކުން މީގެ ހަފްތާއެއްގެ ފަހުން އޭގެ އަގު އަދާކުރަންޖެހޭނީ ރަޝިޔާގެ އަމިއްލަ ފައިސާކަމަށްވާ ރުބެލް އިން ކަމަށެވެ. ނަމަވެސް ރަޝިޔާގެ ރަހްމަތްތެރި ގައުމުތަކުން މިގޮތަށް އަމަލުކުރަން އަދި މަޖްބޫރުނުވާނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ރަޝިޔާގެ ތެލާއި ގޭސް އެންމެ ގިނައިން ގަންނަނީ ރަޝިއާގެ އަވަށްޓެރި ޔޫރަޕްގެ ގައުމުތަކުންނެވެ. އެގައުމުތަކަކީ ޔުކްރޭން ހަނގުރާމައާ ގުޅިގެން އެމެރިކާ އާއި ޔޫރަޕްގެ އިއްތިޙާދުން ރަޝިޔާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވެފައިވާ ގައުމުތަކެވެ. ރަޝިޔާއިން ރަހްމަތްތެރި ނޫންގައުމު ތަކުގެ ގޮތުގައި ނިންމާފައިވަނީ މިފަދަ ގައުމުތަކަށެވެ. އެއީ ޔުކްރޭން ހަނގުރާމައާ ގުޅިގެން ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވެފައިވާ ގައުމުތަކަށެވެ. ރަޝިޔާއިންވަނީ މިފަދަ ގައުމުތަކުގެ ލިސްޓެއްވެސް ދާދިފަހުން ނެރެފައެވެ. އެލިސްޓުގައިވާގޮތުން މިގައުމުތަކުގެ އަދަދަކީ 49 އެވެ.

ޕޫޓިންގެ މި ނިންމެވާއެކު ރަޝިޔާގެ ތެލާއި ގޭސް ގަންނަ ޔޫރަޕްގެ ގައުމުތައް ޖެހޭނީ ރަޝިޔާއިން ރުބެލްގެ ބޮޑެތި ލޯންތަކެއް ނަގާށެވެ. ނޫނީ ރަޝިޔާ އެއްބަސްވާ ކޮންމެވެސް ވަސީލަތެއް ބޭނުންކޮށްގެން ރުބެލް ގަނެވޭނެ ނިޒާމެއް ރަޝިޔާއާ ގުޅިގެން ގާއިމް ކުރާށެވެ.

ރަޝިޔާގެ ތެލާއި ގޭސް ގަންނަ ގައުމުތަކުން އޭގެ އަގު ރަޝިޔާއަށް އަދާކުރެވޭވަރަށް ރުބެލް މިވަގުތު ނުހުންނާނެކަމަށް ބެލެވިފައިވާއިރު މިއީ ރުބެލް ފައިސާ އެތަށް ބިލިޔަނަކުން ޗާޕްކޮށް އިގްތިސާދުގައި ދައުރުކުރުމަށް ރަޝިއާއަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެކެވެ. މިކަމުގެ ސަބަބުން ރަޝިޔާގެ އިޤްތިޞާދު ވަރަށް ބޮޑަށް ފުޅާވެ ރުބެލްގެ އަގުމަތިވެ އޭގެ ޑިމާންޑްވެސް ވަރަށް ބޮޑަށް އިތުރުވާނެއެވެ.

އަދި އެމެރިކާ ޑޮލަރާއި ޔޫރަޕްގެ ޔޫރޯއާއި އިނގިރޭސިވިލާތުގެ ފައިސާ ކަމަށްވާ ސްޓާލިންގް ޕައުންޑްގެ އަގުދަށްވެ އޭގެ ޑިމާންޑް ކުޑަވުމަށް ވެސް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ. މީގެއިތުރުން އެމެރިކާގެ މާލީ ނިޒާމުކަމަށްވާ ސްވިފްޓް ނިޒާމު ބަލިކަށިވެ އޭގެތެރެއިން ހިނގާ މުއާމަލާތައް ހަނިވުމުން އެމެރިކާއަށް ލިބޭ ފައިދާ މަދުވުމަށްވެސް މިކަމުގެ ސަބަބުން މަގު ފަހިވެގެން ދިޔުމުގެ ފުުރުސަތު ބޮޑުވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ރަޝިޔާއާ ރަހްމަތްތެރި ނޫންގައުމުތަކުން ރަޝިޔާގެ ތެލާއި ގޭހުގެ އަގު ރުބެލް އިން އަދާކުރުމަށް އެގައުމުތަކާ ގުޅިގެން ވާންޖެހޭ ތައްޔާރީތައް ވުމަށް ޕޫޓިންވަނީ ރަޝިޔާގެ މަރުކަޒީ ބޭންކަށާއި މާލީ މުއައްސަސާތަކަށާއި އަދި މާލީ ވުޒާރާއަށް ހަފްތާއެއްގެ މުއްދަތު ދެއްވާފައެވެ. ޔޫރަޕްގެ ގިނަ ގައުމުތަކަކީ ރަޝިޔާގެ ތެލާއި ގޭހަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމުތަކެވެ. އެނޫން ހަކަތައެއް ކައިރި މުސްތަޤބަލެއްގައި ލިބެންނެތް ގައުމުތަކެވެ.

ރަޝިޔާ ގެ ތެލާއި ގޭސް ގަންނަ ރަހުމަތްތެރި ނޫން ގައުމުތަކުން އޭގެއަގު ރުބެލް އިން އަދާކުރާގޮތަށް ރަޝިއާ ނިންމިއިރު ރަޝިއާ އާއި އިންޑިއާ ގެންދަނީ އެދެގައުމުގެ މެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތައްވެސް އެމެރިކާ ޑޮލަރާއި ޔޫރޯގެ ބަދަލުގައި އެދެގައުމުގެ ފައިސާ ބޭނުންކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

މީގެތެރޭގައި ރަޝިއާއާއި އިންޑިއާގެ މަރުކަޒީ ބޭންކް ތަކުގެ މެދުގައި ކަރަންސީ ސްވަޕް ހެދުމުގެ އެއްބަސްވުންތައް ގާއިމްކުރުމާއި އެދެގައުމުގެ އަމިއްލަ މާލީ ނިޒާމުގެ ތެރެއިން ރުޕީސް އާއި ރުބެލް އިން މުއާމަލާތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. މިކަން މިހާރު ވަރަށް ބާރަށް ކުރިޔަށްދާކަމަށް މާލީ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ އިތުރުން ޗައިނާއާއެކު ރަޝިޔާއިން ކުރާ ވިޔަފާރިތަކުގައިވެސް މިގޮތަށް ޑޮލަރާ ނުލައި މުއާމަލާތްތައް ކުރުމަށް އެދެގައުމު ގެންދަނީ ތައްޔާރު ވަމުންނެވެ.

އެމެރިކާއާއި ޔޫރަޕްގެ ބައެއް މިޑިއާތަކާ ރިޕޯޓްތަކުން ޕޫޓިންގެ މިނިންމުން ސިފަކޮށްފައިވަނީ ހުޅަނގާ ދެކޮޅަށް ރަޝިޔާއިން ވައްޓާލި އިގްތިސާދީ ބޮމެއްގެ ގޮތުގައެވެ. ނަމަވެސް އެމެރިކާގެވެސް އަދި ޔޫރަޕްގެވެސް އެއްވެސް މަސްއޫލުވެރިއަކު މިކަމާބެހޭގޮތުން އަދި ބަޔާނެއް ނުދެއްވައެވެ.

އެމެރިކާގެ ސްވިފްޓް ނިޒާމުގެ ތެރެއިންކުރާ ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް މަދުވާކޮންމެ މަދުވުމަކީ އެމެރިކާގެ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. ސްވިފްޓް ނިޒާމުގެ ތެރެއިން ދުނިޔޭގެ ގައުމުތަކުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 40 މިލިޔަނަށްވުރެ ގިނަ ޓްރާންސެކްޝަންތައް ހަދާއިރު މިއިން ކޮންމެ ޓްރާންސެކްޝަނަކުން ޗާޖުގެ ގޮތުގައި އެމެރިކާއަށް ބޮޑު ފައިދާއެއް ލިބެއެވެ.

އެމެރިކާއަށް ލިބޭ އެންމެ ބޮޑު އާމްދަނީއަކީވެސް މިއެވެ. އެމެރިކާގެ އިގްތިސާދު އަޑިއަޅާލާ ކޮންމެ ވަގުތަކު އެތަށް ބިލިޔަނަކުން ޑޮލަރު ޗާޕްކޮށް އިގްތިސާދާއި ބަޖެޓް ފޫބެއްދުމުގެ ފުރުސަތު ފަސޭހައިން އެމެރިކާއަށް ލިބިފައިވަނީ ދުނިޔޭގެ ހުރިހާ ގައުމަކުން އެއްގައުމު އަނެއްގައުމާ ދެމެދު ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ޑޮލަރު ބޭނުންކުރާތީއެވެ.

މިއީ ޑޮލަރުގެ ޑިމާންޑް އިންތިހާއަށް މަތިވާކަމަކަށްވާތީ ބޭނުންވަރަކަށް ޑޮލަރު ޗާޕްކޮށް އިގްތިސާދަށް ވެއްދުުމުގެ ފުރުސަތު މިކަމުގެ ސަބަބުން އެެމެރިކާއަށް ލިބޭނެއެވެ. އަދި ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި އަދި ލާއިންސާނީ ފިޔަވަޅުތައް އަޅައިގެން ސިޔާސީ މަގްސަދުތައް ހާސިލް ކުރުމުގެ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ޑޮލަރު ބޭނުންކުރުމުގެ ފުރުސަތުވެސް މިކަމުގެ ސަބަބުން އެމެރިކާއަށް ލިބެއެވެ.