ކ. ތުލުސްދޫ ފަޅުތެރޭގައި ސްނޯކްލިންއަށް ގޮސް އުޅުނު އިޓަލީގެ ފަތުރުވެރިއަކު ގެނބިގެން މިއަދު މަރުވެއްޖެއެވެ.

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ މިއަދު "ސަން"އަށް ވިދާޅުވީ އޭނާ މަރުވެފައި އޮއްވާ ފެނުނީ 9:45އާ 10 ޖެހުމާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

މަރުވެފައިވަނީ އިޓަލީއަށް ނިސްބަތްވާ 72 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ތުލުސްދޫއަށް ގޮސްއުޅުނީ އާއިލާއާއެކު ޗުއްޓީ ހޭދަކުރަން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"ސްނޯކްލިން މާސްކު އަޅައިގެން އޮތީ ވެސް ފަރުމަތީގައި. ދެން ލޯންޗެއް އެހެން ދަމުން ތިތަނުގައި އޮތިއްޔާ ނުކުންނަ އެއްޗަކުން ޖެހިދާނެއޭ ބުނަން ވެގެން ގޮސް ބަލާލިއިރު ފާޑަކަށް އޮތީމަ ނެގީ. ނެގިއިރު ވެސް ނިޔާވެފައި ހެންނޭ ހީވަނީ ނެގި މީހުން ބުނަނީ،" އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ފަތުރުވެރިޔާގެ ހަށިގަނޑު މިހާރު އޮތީ އެ ރަށު ސިއްހީ މަރުކަޒުގައެވެ. އޭނާއާއެކު ޗުއްޓީ ހޭދަކުރަން އެ ރަށަށް ދިޔަ އޭނާގެ އަންހެނުންނާއި ދެ ދަރިން ވެސް ތުލުސްދޫގައި އެބަތިއްބެވެ.