26 Mar 2022, 10:28
މާފަންނުގައި ހުރި ގެއެއްގެ ތަޅުން ދަށުގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕީއެންސީގެ ކައުންސިލް މެންބަރު އަޙްމަދު ޙުސައިން އެ މަގާމުން މިއަަދު ވަކިކޮށްފިއެވެ.
ޕީޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އޭނާ ޕާޓީގެ ކައުންސިލު މެންބަރުކަމުން ވަކިކޮށް، ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގައި ވާގޮތުން ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަށް ފިޔަވަޅު އެޅުމުގެ ބާރު ޕާޓީއަށް ލިބޭ ކަމަށާއި، އަޙްމަދު ހުސައިނަށް އެޅި ފިޔަވަޅަކީ ވެސް އެ ބާރުގެ ދަށުން އެޅި ފިޔަވަޅެއް ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު އިއްޔެ ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާފަންނު ގެއެއްގެ ތަޅުންގަނޑު ދަށުން މަސްތުވާތަކެތި ފެނުނީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް އެންޑް ނާކޮޓިކްސް އިންޓެލިޖެންސުން އިއްޔެއިން ފަށައިގެން މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަނުގައި ފެނިފައި ވަނީ ގާތްގަނޑަކަށް 42 ކިލޯގެ ހެރޮއިނެވެ.
ސީޕީ ހަމީދު ރޭ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ މި މައްސަލައިގައި ތުހުމަތު ކުރެވޭ އިސް މީހާ މިހާރު ހައްޔަރުކުރެވިފައިވާ ކަމަށެވެ.
އެއާއެކު މި މައްސަލައިގައި މިހާތަނަށް ދެ މީހަކު ހައްޔަރުކުރެވިފައިވާ ކަމަށް ސީޕީ ވިދާޅުވެފައިވެއެވެ.
މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޕީއެންސީގެ ކައުންސިލް މެންބަރަކު ހައްޔަރުކޮށްފައިވެއެވެ. 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި 130 ކިލޯއާއެކު ހައްޔަރުކޮށްފައިވަނީ އެ ޕާޓީގެ މެންބަރެއް ކަމަށްވާ ޝަހީބް އިބްރާހިމެވެ. މައްސަލަ ފެންމަތިވުމާއެކު އެ ޕާޓީން ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ.