26 Mar 2022, 10:46
މޮސްކޯ (މާޗް 26): ޕްލޭން ކޮށްފައިވާ ގޮތަށް ޔުކްރޭން ހަނގުރާމައިގެ ފުރަތަމަ މަރުހަލާ ނިމިއްޖެ ކަމަށާއި އެމަރުހަލާގެ ގިނަ މަޤްސަދުތައްވެސް ހާސިލް ކުރެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފިއެވެ. އަނެއްކޮޅުން މުހައްލިލުންވަނީ ދެ ހާލަތެއް މެދުވެރިވެގެން މެނުވީ ރަޝިއާ މިހަނގުރާމަ ކާމިޔާބުކޮށް މަަޤްސަދުތައް ހާސިލް ކުރާނެކަމަށް ބުނެފައެވެ.
ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނީ ޔުކްރޭން ހަނގުރާމައިގެ ފުރަތަމަ މަރުހަލާ ނިމިއްޖެ ކަމަށާއި އެމަރުހަލާއިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ވަރަށް ކުޑަބައެއް ނޫނީ ހާސިލް ކުރެވިފައިވާ ކަމުގައެވެ.
ދިފާއީ ވުޒާރާގެ ދަށުން ހިނގާ ރަޝިއާ ސިފައިންގެ ޖެނެރަލް ސްޓާފް އިން ބުނިގޮތުގައި ދެވަނަ މަރުހަލާގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ޔުކްރޭނުގެ އިރުމަތީގައިވާ ރަޝިއާ ދަރިކޮޅުގެ މީހުން ދިރިއުޅޭ ސަރަހައްދު ކަމަށްވާ ދޮންބާސް މިނިވަން ކުރުމަށެވެ.

ކެސްޕިޔަން ކަނޑުގައިވާ ރަޝިއާގެ ސަބްމެރިން އަކުން ޔުކްރޭނަށް ހަމަލާދެނީ
ދޮންބާސް ސަރަހައްދުގައި ރަޝިޔާ ދަރިކޮޅުގެ މީހުން ދިރިއުޅޭ ދެ ޕްރޮވިންސް ކަމަށްވާ ލޮޣާންސް އާއި ދޮނިއެސްކްއަކީ ޔުކްރޭންއާ ވަކިވެގަތުމަށް މަސައްކަތްކުރާ ދެސަރަހައްދެވެ. އެދެސަރަހައްދުގެ ތެރެއިން ލޮޣާންސްގެ ބިމުގެ 93 އިންސައްތަވަނީ ރަޝިއާ ދަރިކޮޅުގެ ހަނގުރާމަވެރިންގެ އަތްދަށުގައެވެ. އަދި ދޮނިއެސްކްގެ 54 އިންސައްތަ ބިންވެސްވަނީ އެސަރަހައްދުގެ ވަކިވެގަތުމަށް މަސައްކަތްކުރާ ރަޝިއާ ދަރިކޮޅުގެ ހަނގުރާމަވެރިންގެ އަތް ދަށުގައެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް އެރުމުގެ ކުރިން އެދެޖުމްހޫރިއްޔާވަނީ ޔުކްރޭނުންވަކިވެގަނެ އަމިއްލަ މިނިވަންކަން އިއުލާންކޮށްފައެވެ. ރަޝިއާގެ ދިފާއީ ވުޒާރާ ބުނާގޮތުން ޔުކްރޭން ހަނގުރާމައިގެ ދެވަނަ މަރުހަލާގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ޑޮންބާސް ސަރަހައްދު އެއްކޮށް މިނިވަންކޮށް އެތަނުން ޔުކްރޭން ސިފައިން އެއްކޮށް ބޭރުކޮށްލުމަށެވެ.

ރަޝިއާގެ ހަމަލާތަކުގައި ޔުކްރޭން ގެ ސިޓީތައް ހަލާކުވަނީ
މީގެއިތުރުން ކިޔޭވް އާއި ޔުކްރޭންގެ އިތުރު ހަތަރު ސިޓީއެއް ހިސާރުކުރެވިފައިވާއިރު އެސިޓީތައް ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަކީވެސް ދެވަނަ މަރުހަލާގައި އިސްކަން ދޭނެކަމެއްކަމަށް ރަޝިއާއިން ބުނެފައިވެއެވެ.
ޔުކްރޭން ހަނގުރާމައިގެ ފުރަތަމަ މަރުހަލާ ނިމުމާއެކު ރަޝިއާއިންވަނީ އެމަރުހަލާގައި ލިބުނު ގެއްލުންތައްވެސް ހާމަކޮށްފައެވެ. މީގެތެރޭގައި ރަޝިޔާ ސިފައިންގެ 1351 މީހުން މަރުވުމާއި 3825 މީހުން ޒަޚަމްވުމުގެ އިތުރުން ގިނަ އަދަދެއްގެ ހަތިޔާރުތައް ހަލާކުވުން ހިމެނޭކަމަށް ބުނެފައިވެއެވެ.
ނަމަވެސް ޔުކްރޭން ބުނާގޮތުން މިއަށްވުރެ މާ ބޮޑެތި ގެއްލުން ރަޝިޔާ ސިފައިންނަށް ލިބުނެވެ. މީގެތެރޭގައި ރަޝިޔާގެ ފަނަރަ ހާހަށްވުރެ ގިނަ އަދަދެއްގެ ސިފައިން މަރުވުމާއި ވެރިރަށް ކިޔޭވް ހިފަން ކުރި މަސައްކަތް ނާކާމިޔާބުވުން ހިމެނެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފުރަތަމަ މަރުހަލާގައި ރަޝިއާއަށް ހާސިލް ނުކުރެވުނު މަގްސަދުތަކުގެ ތެރޭގައި ވެރިރަށް ކިޔޭވް ހިފުމަށް ތަކުރާރުކޮށް ކުރި މަސައްކަތް ނާކާމިޔާބުވުން ހިމެނެއެވެ. ޔުކްރޭންގެ ވައިގެ ދިފާއީ ބާރުގެ ވަރުގަދަވުމުގެ ސަބަބުން ރަޝިއާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަންވެސް މި ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ. މިއީ ރަޝިއާ ކުރިން ލަފާކުރި ކަމެއްނޫން ކަމަށްވެއެވެ.

ކަޅުކަނޑުގައިވާ ރަޝިއާގެ ސަބްމެރިން އެއް
ރަޝިޔާ އިން ފުރަތަމަ ބެލީ އަވަހަށް ކިޔޭވް ހިފައި ޔުކްރޭންގެ މިހާރުގެ ސަރުކާރު ވައްޓާލުމަށްފަހު ރަޝިއާއާށް ތާއީދުކުރާ ގޮނޑިކޮއްކޮ ސަރުކާރެއް ޔުކްރޭންގައި ގާއިމް ކުރުންކަމަށާ ނަމަވެސް މިކަންކުރުމުގައި ރަޝިޔާ ވަނީ ނާކާމިޔާބުވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް މިގޮތަށް ކަންތައް ކުރެވުނުނަމަ ޔުކްރޭންގެ ސިޓީތަކާއި އިންފްރާސްޓްރަކްޗާ މިހާރު ހަލާކު ވެފައިވާ ވަރަށް ހަލާކުނުވެ އަދި ޔުކްރޭންގެ ގިނަބަޔަކު މަރުނުވެ އަދި އެތަށް މިލިޔަން ބަޔަކު ރެފިއުޖީންނަށްނުވެ ޔުކްރޭން ހަނގުރާމަ ނިމުނީސްކަމަށް މުހައްލިލުން ވިދާޅުވެފައިވެއެވެ.
އދ. ބުނާގޮތުން ޔުކްރޭން ހަނގުރާމައިގާ މިހާތަނަށް މަރުވީ އާންމުންގެ ހާހެއްހާ މީހުންނެވެ. މިއީ އެެމެރިކާއިން ކުރި އިރާގު ހަނގުރާމަ ފަދަ ހަނގުރާމަތަކުގެ މިމުއްދަތާ އަޅާބަލާއިރު ވަރަށް މަދު އަދަދެކެވެ.
ޔުކްރޭން ހަނގުރާމައިގެ ފުރަތަމަ މަރުހަލާގައި ޔުކްރޭނަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި އެގައުމުގެ ހަތަރު ހާހަށްވުރެ ގިނަ އަސްކަރީ މަރުކަޒު ހަލާކުވުމާއި ޔުކްރޭންގެ އެއާޕޯޓްތަކާއި ވައިގެ ހުރިހާ ބޭހެއް ހަލާކުވުމާއި ވައިގެ ސިފައިންގެ ބާރު ކަނޑުވާލުމާއި ޔުކްރޭންގެ ވައިގެ ކޮންޓްރޯލް ގެ ގާތްގަނޑަކަށް އައްޑިހަ އިންސައްތަ ގެ ކޮންޓްރޯލް ރަޝިޔާ ހޯދުން ހިމެނެއެވެ. ނަނަވެސް ޔުކްރޭންގެ ވައިގެ ދިފާއީ ބާރުތައް ހަލާކުކޮށްލުމުގައި ރަޝިޔާ ވަނީ ނާކާމިޔާބުވެފައެވެ.
މީގެއިތުރުން ޔުކްރޭންގެ ގިނަ އަދަދެއްގެ ހަތިޔާރު ގުދަންތަކާއި ކޮމިއުނިކޭޝަން މަރުކަޒުތައް ހަލާކުކޮށްލުމާއި ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކުގެ ގިނަ ތަންތަން ހަލާކުކޮށްލުން ހިމެނެއެވެ. ޔުކްރޭނަށް ލިބުނު މަދަނީ ގެއްލުންތައް އިންތިހާއަށް ގިނައެވެ. މީގެތެރޭގައި ޔުކްރޭންގެ ގިނަ ސިޓީތަކެއް ފުނޑުފުނޑުވެގެން ދިޔުމާއި ޔުކްރޭންގެ މުޅި އާބާދީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައިމީހުން ހާލުގައިޖެހި މަގުމަތިވެ ރެފިއުޖީންނަށްވުންފަދަ ބޮޑެތި ގެއްލުންތައް ހިމެނެއެވެ.
އަސްކަރީ ތަޖްރިބާކާރުން ވިދާޅުވާގޮތުގައި ޔުކްރޭން ހަނގުރާމައިގާ ރަޝިއާގެ ޕްލޭންތައް މުޅިން ކާމިޔާބު ނުވިނަމަވެސް އަދި ނޭޓޯގެ އަސްކަރީ އެހީތެރިކަމާއެކު ރަޝިއާ ސިފައިންނަށް ބޮޑެތި ގެއްލުންތައް ދިނުމުގައި ޔުކްރޭން ކާމިޔާބު ނަމަވެސް މި ހަނގުރާމަ ލަސްވެގެން ދިޔަސް ދެހާލަތެއް މެދުވެރިވެގެން ނޫނީ މިހަނގުރާމަ ރަޝިއާ ކާމިޔާބުކުރާނެއެވެ.
އެއްހާލަތަކީ އެމެރިކާއާއި ނޭޓޯ ސީދާގޮތެއްގައި ޔުކްރޭން ހަނގުރާމައިގެ ތެރެއަށް ވަދެގަތުމެވެ. ދެވަނަ ކަމަކީ އެމެރިކާއާއި ޔޫރަޕުން އަޅަމުން ގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ހަނގުރާމަ ކުރިޔަށް ނުގެންދެވޭވަރަށް ރަޝިއާ ބަލިކަށިވުމެވެ. މިދެކަމަކީވެސް ގާތްގަނޑަކަށް މުސްތަހީލް ދެކަންކަމަށް ގިނަ ތަޖްރިބާކާރުން ދެކެވަޑައިގަންނަވައެވެ.