27 Mar 2022, 00:00
ނިކުމެ މިހުރީ އަވަށްޓެރި ޤައުމަކަށް ޖިޒީ ދޭކަށް ނޫންކަމަށާއި، އެމަނިކުފާނު ނިކުންނެވީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ ހައްޤުގައިކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ނިކުމެވަޑައިގެން ހުންނެވީ އަމިއްލަ ބޭނުމަކު ނޫންކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އަމަން ބަލަހައްޓަން ތިބި ފުލުހުންނާއި ސިފައިންނަށް އެމީހުންގެ ވާޖިބު އަދާނުކުރެވުނީމަ ރައްޔިތުން ހިލޭސާބަހަށް އެ ނިކުތީ އެ ވާޖިބު އަދާކުރަންކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެމްއެންޑީއެފްއިން ތަކުރާރުކޮށް ރާއްޖޭގައި އިންޑިއާގެ ސިފައިން ނުތިބޭނެކަމަށް ބުނަމުން ދަނިކޮށް ކުއްލިއަކަށް އިންޑިއާގެ މެޑިކަލް އޮފިސަރެއް ފާޅުވެއްޖެކަމަށެވެ. އެކަމުން ވެސް ދޭހަވަނީ ޕީޕީއެމްއިން އެ ބުނަމުން އަންނަ ވާހަކައިގެ ތެދުކަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"ފުލުހުން މިކުރާ ކަންކަމުގައި ބަދީގެގަ ކައްކާ މީހުންނަށް ވެސް އުޅޭނީ އިންޑިއާ ސިފައިން. ބޭސްފަރުވާ ކުރަން މި އުޅޭ ޑޮކްޓަރުންނަށް ވެސް މި އުޅޭނީ އިންޑިއާ ސިފައިން،" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ ކުރިން އެމްޑީޕީއަކީ މުޒާހަރާ ކުރުމަކީ ހުރިހާ ކަމެއްގެ ހައްލުކުމުގައި ދެކި، މަގުމައްޗަށް ނުކުމެ އެމީހުންގެ އަޑު އެ އިރަކު ތިބި ވެރިންނަށް އިއްވުމަށް ތާއީދު ކުރާ ބައެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ޕީޕީއެމް ޖަގަހަ ޖަލްސާގައި ރައީސް ޔާމީން ވާހަކަދައްކަވަނީ--- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ނަމަވެސް މިއަދު ޕީޕީއެމްއިން ސުލްޙަވެރި އިޙްތިޖާޖަކަށް ނިކުތުމަށް ތައްޔާރުވި އިރަށް މުޅި ފުލުހުންގެ އިދާރާ އެލާޓަށް ގެނެސް މަގުތަށް ބަންދުކޮށްގެން އެ އިޙްތިޖާޖު ކުރިޔަ ނުދިނުމަށް މަސައްކަތް ކުރުމަކީ ފިނޑި އަމަލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއީ މުޒާހަރާ ނުކުރެވިގެން ނުނިދިގެން އުޅުނު ބައެއް. އެއީ އެންމެ އަސާސީ ހައްޤުކަމަށް ދެކި އެމީހުން އައީ ވަކާލާތު ކުރަމުން. ދައުލަތް ހިންގަން ތިބި މީހުންނަށް ރައްޔިތުންގެ އަޑު އިވޭނީ މަގުމަތީގައި މުޒާހަރާ ކުރީމަކަމަށް ދެކެމުން އައި ބައެއްމިއީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
މިއަދުގެ ގިނަ ސިޔާސީ ލީޑަރުންނަކީ ދެ މޫނުގެ އަހުލުވެރިންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި އެފަދަ ބޭފުޅުން ފުރަތަމަ ވިދާޅުވީ އެއްވެ އުޅުމަކީ އަސާސީ ހައްޤެއްކަމަށެވެ. ނަމަވެސް ފަހުން ވިދާޅުވަނީ އެއްވެއުޅުމަކީ ސުލްޙައާއި މަސްލަޙަތު ނަގާލުމަށް ކުރާ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ސުލްހައާއި މަސްލަޙަތު ނަގާލަން އުޅޭ ކަމަށް ވިދާޅުވިޔަސް އެ ދައްކަނީ ކޮން ސުލްޙައެއް ނަގާލާ ވާހަކަ ކަމެއް ބުނެނުދެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހި ފަސްގަނޑާއި ދިވެހީންގެ ހިމާޔަތުގައި ކުރާ ކަންކަމަކީ ސުލްޙަ ނަގައިލުން ކަމަށް ވަންޏާ އެ ސުލްޙަ ނަގާލާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއީ ދިވެހި ފަސްގަނޑު ދިވެހީންގެ އަތުގައި އޮތުމަށްޓަކައި ސުލްހައާއި މަސްލަހަތު އެއީ ނަގާލަން ޖެހޭ އެއްޗެއްކަމަށް ވަންޏާ އެ ނަގާލާނެ. މި ޕާޓީން ނަގާލާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.