އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ، އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ނެދަލޭންޑްސްގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އައްޑޫގައި މިއަދު ހެނދުނު ކުރިއަށްދިޔަ "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫގައި 194 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިން ކުންފުންޏާއެވެ.

ބިން ހިއްކުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނާ އަޙްމަދު ހަމީދެވެ. ބިން ހިއްކާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަ ޑްރެޖިން ކޮނީލިއަސް އެޑްރިއާންޑް ޑިބްރީނެވެ.

އިންޑިއާ ސަރުކާރުގެ އެގްޒިމް ބޭންކްގެ 800 މިލައިން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 18 މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރެވޭނެއެވެ.

މި މަޝްރޫއުގެ ދަށުން ހިތަދޫން 90 ހެކްޓަރުގެ ބިމާއި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިމާއި މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިމުގެ އިތުރުން ޓޫރިޒަމްގެ ބޭނުމަށް ފަޅުރަށްތަކެއް ހިއްކުމަށް ވެސް ވަނީ ނިންމައިފައެވެ.

އައްޑޫން ބޮޑު ސަރަހައްދެއް ހިއްކާތީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ މީހުން ބުނާގޮތުގައި އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އެތައް އަސަރެއް ކުރާނެއެވެ.