28 Mar 2022, 00:42
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ބަޔަކު އެމްޑީޕީގައި އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ މަރަދޫ ބަނދަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ "ތިލަފަތުގެ ރަމްޒު"އޭ ކިޔައިގެން ރައްޔިތުން ބަނޑަށް ޖެހުނަސް، ސަރުކާރު ވައްޓާލަން ޕާޓީ ތެރެއިން ބަޔަކު މަސައްކަތް ކުރާ ކަމަށެވެ.
ބެލެވޭ ގޮތުގައި ޝަރީފުގެ އެ ވާހަކަ އަމާޒު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަޤާމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެންބަރު އިމްތިޔާޒު ފަހްމީ އަށާއި އޭނާގެ ކެމްޕޭން ޓީމަށެވެ.
އިންތިގެ ކެންޕެއިން ޓީމުން ބޭނުން ކުރަމުން އަންނަނީ "ތިލަފަތުގެ ރަމްޒު" ޝިޔާރެވެ.
"އެމްޑީޕީ ތެރޭގައި ބަޔަކު އެބަތިބި ތިލަފަތުގެ ރަމްޒުގެ މީހުންނޭ ކިޔައިގެން މި ސަރުކާރު ވައްޓާލަން ބޭނުންވާ. އެކަހަލަ މީހުންނަށް ވަރިހަމަ އެހެން ކުރާ ކަމަކުން ރައްޔިތުން ބަނޑަށް ޖެހުނަސް. އަޅުގަނޑުމެން ހަމަހޭ ކުރެގެން މަނިކުފާނުގެ ސަރުކާރު ވައްޓާލިއަކަ ނުދޭނަން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް، އިތުރު ދައުރަކަށް ކުރިމަތި ލައްވައިފި ނަމަ އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ޓަކައި ޖާނާއި މާލުން ޤުރުބާންވާން ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.
ރައީސް ޞާލިޙްގެ މަސައްކަތްޕުޅަށް ތައުރީފް ކުރައްވަމުން ޝަރީފް ވިދާޅުވީ ކޮވިޑުގެ ސަބަބުން ކުރިމަތިވި ދަތި ހާލަތުގައި ވެސް އަވަށްޓެރި ޤައުމުތަކުގެ މީހުންނަށް ކުރިމަތިލާން ޖެހުނު ހާލަތަށް ރާއްޖެ ވެއްޓިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތުގައި ޤައުމު ހިފެހެއްޓުނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި މިނިސްޓަރު އޮފް ފިނޭންސް އިބްރާހީމް އަމީރު ކުރެއްވި މަސައްކަތުން ކަމަށެވެ.