29 Mar 2022, 09:57
ދިވެހި ފުލުހުންގެ ޚިދުމަތުގެ 89 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، މާލެއާއި އަތޮޅުތަކުގައި ގާއިމު ކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މާލޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރޭ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގު ކުރިމަތީގައެވެ. އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އެ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައެވެ.
ފުލުހުންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި، ޑެޕިއުޓީ ކޮމިޝަނަރުންނާއި ފުލުހުންގެ ސީނިއާ އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުންނާއި ސިވިލް މުވައްޒަފުން ބައިވެރިވިއެވެ.

ފުލުހުންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޕޮލިސް
ރަށްރަށުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުތަކުގައި އަތޮޅު ކޮމާންޑަރުންނާއި، އެ ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، އެ ރަށްރަށުގެ ސްޓޭޝަންތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.
ކޮންމެ އަހަރެއްގައިވެސް ފުލުހުންގެ ދުވަހާ ގުޅުވައިގެން ބާއްވައި ދިދަ ނެގުމުގެ ރަސްމިއްޔާތު، ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ފާއިތުވި ދެ އަހަރު ބާއްވާފައިވަނީ ހަމައެކަނި ދިދަ ވެރިންނާއެކުއެވެ.