ފުލުހުން ބިނާ ކުރުމަށްޓަކައި ރާއްޖޭގެ އެންމެ ދެކުނުގައި ހުޅުވި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯއެންފޯސްމެންޓަކީ އަވަށްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 89 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަރުކަޒަކީ ދިވެހީންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަން އަދި ގައުމީ މަސްލަހަތު ދިފާޢު ކުރުމުގެ ގާބިލްކަން ދިވެހީންގެ ކިބައިގައި އުފައްދައިދޭނެ އެންމެ މުހިންމު އެއް ބިނާކަމަށެވެ.

"އެއީ ރާއްޖޭގެ އަމިއްލަވަންތަ ކަމުގައި ހިންދެމިލުމަށް އަވަށްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒު. މިކަމަށްޓަކައި މީގެ ކުރިން މިމަސައްކަތް ކުރެއްވި ހުރިހާ ސަރުކާރު ތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އަތޮޅުތެރޭ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށް މަަސައްކަތްކުރާކަމަށެވެ. އެގޮތުން މިއަހަރު އިތުރު 25 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމު ކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަންނަ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް އިރާދަކުރެއްވިއްޔާ ޤާއިމުކޮށް ނިމޭނެ," ރައީސް ވިދާޅުވިއެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް ނުނިމި ދިގުލައިގެންދާތީ އެކަމަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން އާ ކޮންޓްރެކްޓަރަކާ ހަވާލުކުރެވި، ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ފްލެޓުތަކުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިމޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފުލުހުން ބޮޑީ ކެމެރާ ބޭނުންކުރަން ފެށުމާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ އެ ކެމެރާ އަކީ ދެފުއްފެންނަ ނިޒާމަކުން ތަހުޤީޤު ހިންގުމަށް އެހީތެރިވެދޭނެ ވަޞީލަތެއްކަމަށެވެ. އަދި އެ ކެމެރާއަކީ ފުލުހުން ޒިންމާދާރުކުރުވާނެ ވަސީލަތެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ފުލުހުން ކުރި ބުރަ މަަސައްކަތަށް ޝުކުރުއަދާކުރަށްވާ ރައީސް ވިދާޅުވީ ޞިއްޙީ ޚިދުމަތް ތެރިންނާ ފުލުހުނާއި ސިފައިންނަށް ތައުރީފު ހައްގުކަމަށެވެ.

"މިއަދު އަޅުގަނޑުމެން މިތިބަ ހަމަޖެހުމުގެ ޙާލަތަކީ ތިޔަ ހުރިހާ ބޭފުޅުންނާ، އެންމެހާ ލޮބުވެތި ރައްޔިތުން ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ. އެކަމަށްޓަކާ ހިފެހެއްޓުމެއްނެތް ޝުކުރާ ސާބަސް ދަންނަވަން،" ރައީސް ވިދާޅުވިއެވެ.