"އަލީ ރަޟިޔަﷲ އަންހާ ވިދާޅުވިއެވެ. ތިބާއަށް ވާ ތަދުގެ ވާހަކަ ނުދެއްކުމާއި ތިބާގެ މުސީބާތުގެ ވާހަކަ މީހުންނާއި ހިއްސާ ނުކުރުމަކީ ﷲ ތައާލާގެ ހައްގުތައް ދެނެގަތުމާއި އެކަލާނގެ މަތިވެރިކުރުމުގެ ތެރެއިން ވާ ކަމެކެވެ."

***

"މަންމާ. އައިމް ރިއަލީ ސޮރީ...."އަލްވާވެސް ތެދުވުނެވެ. އަމީރާ އިރުކޮޅެއްވާންދެން އަލްވާގެ މޫނަށް ބަލަން އިނުމަށްފަހު ދަރިފުޅު ގެނެސް މޭގައި ޖައްސައިލުމަށްފަހު ބާރަކަށް ބައްދައިލިއެވެ. އަމީރާ ހަމަޔަކަށް އެޅުމުން އަލްވާ އެމްސްޓްޑަމް ދަތުރުގެ ޚަބަރު މަންމައަށް ކިޔައިދިނެވެ. އަލްވާ އެއްވެސް ތަނަކަށް ވަޒީފާއަށް ދާން އަމީރާ ވަގުތުން އިންކާރުކުރިއެވެ. އެކަމަކު ހާމިދުއާއި ދެމީހުން އެކަމާއި ދިގު ބަހުސެއް ކުރުމަށްފަހު އެ ބުނާ ވަޒީފާ ލިބިއްޖެއްޔާ ފޮނުވަން ނިންމިއެވެ.

ދުވަސްގަނޑެއްފަހުން އަލްވާމެންގެ ގޭގެ ފޯނު ރިންގުވިއެވެ. އެއީ ހާމިދުއާއި އަމީރާއަށް އައި އިންޒާރުގެ ކޯލެކެވެ. އެކަމަކު އެ ކޯލުގެ ސަބަބުން އަލްވާއަށް ވިލާތަކުގެ ތެރޭ އުދުހެވޭހެން ހީވިއެވެ. އެ ވަޒީފާއަށް ކުރިމަތިލި ސަތޭކަ ފަންސާސް ކުދިންގެ ތެރެއިން ރޯޒްކްލިފް ބުކްސްޓޯރގެ ވަޒީފާއަށް ހޮވުނީ އަލްވާއެވެ.

ހާމިދު އޭނަގެ ނިންމުމާއިމެދު ހިތާމަކުރިއެވެ. އަލްވާ އެ ވަޒީފާއަށް ހޮވުމުގައި އޮތީ ދާދި ހަނި ފުރުސަތެއްކަމަށް ދެކެ އެއަށް ބަރޯސާވާކަށް ނުޖެހޭނެއެވެ. އަލްވާގެ އުފާވެރިކަން ފެނި ނިންމުން ބަދަލުކުރާނެ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. އެމީހުން ނިންމީ އަލްވާ ވަޒީފާއަށް ދާ ކޮންމެ ފަހަރަކު އޭނައާއިއެކު މެހެކް ގެންދިޔުމަށެވެ. މެހެކްއަށް ނުދެވޭ ހާލަތެއް ދިމާވެއްޖެއްޔާ ހާމިދު ނޫނީ އަމީރާ އެކީގައި ދާން އެމީހުން ނިންމިއެވެ. އެވަރުންވެސް އެހާ ދުރަށް އަލްވާ ފޮނުވައިލުމާއިމެދު ހިތް ހަމަޖައްސަން އެތައް ވަރަކަށް ފިކުރުކުރަން ޖެހުނެވެ. އެމްސްޓެޑަމްއަށް ދިޔަސް އެތާގައި ބޭކާރުކޮށް ހިނގަން ނަހަދާ އިރުއޮއްސުމުގެ ކުރިން ރަށަށް އަންނަންވާނެއެވެ. ހަގީގަތަށް ބަލާއިރު ހާމިދުގެ ހޮޓެލްއަށް ފައިދާ ވަނީއެއްވެސް ނޫނެވެ. އަދި އޭނައާއި އަމީރާގެ އުމުރުން ދޮށީވުމުން ވަޒީފާ ހޯދުންވެސް ފަސޭހަކަމަކަށްނުވިއެވެ. އަމީރާގެ ފައިގެ ހުޅުގެ މައްސަލަތައް ދިމާވުމާއެކު އަންހެނުން ދެދަރިންނާއެކު ދޫކޮށްފައި ދުރަށް ދާކަށް ހާމިދު ބޭނުމެއްނޫނެވެ. އާއްމުކޮށް މާކެންގެ ބޮޑެތި މީހުންނަށް އާމްދަނީ ލިބޭވަރުގެ ވަޒީފާއެއް އަލްވާއަށް ލިބުމުން ޔަގީނުންވެސް އެ އާއިލާއަށް ލިބޭނެ ބޮޑު އެހީއަކަށް ވާނެއެވެ.

އެދުވަހު އަލްވާއަށް ފުންމައިގެން އެނދު މައްޗަށް ތެދުވުނުއިރު ތުންފަތުގައި ވީ ފުޅާ ހިނިތުންވުމެކެވެ. ހުވަފެނުގައިވެސް އޭނައަށް ފެނުނީ ޝާހީ ބޮޑު ލައިބްރަރީއެއްގައި އޭނަ ފިޔަ ފަޅައިގެން އުދުހެވުނު ތަނެވެ. އޭނައަށް ގަނެނުލެވޭވަރުގެ ފޮތްތައް އެތަނުން ކިޔަނިކޮށެވެ.

އެކިކުލައިގެ ރޮގުދެމި އަތްކުރު ގަމީހެއްގެ މަތިން އޭނަ އަތުގައި އޮތް އެންމެ މޮޅު ޑެނިމް ޑަންގެރީ ލުމަށްފަހު މޫނުބަލާ ލޯގަނޑަށް އެންމެ ފަހަރަކުވެސް ނަޒަރު ހުއްޓައިނުލާ އެއް އަތުން އާފަލެއް އަނެއް އަތުން ޖޭމް ޖެހި ޕާނެއް ހިފައިގެން އޭނަ ގެއިން ބޭރަށް ނުކުތެވެ. އަލްވާ ފެނުމުން އަމީރާ ގޮވައިލިއެވެ.

"އަލްވާ. ބީރައްޓެހިންނާއި ވާހަކަ ނުދައްކާތި. މަސައްކަތް ނިމުމުން ވަގުތުން ބަހަށް އަރައިގެން އަންނާނީ. އަޑުއިވިއްޖެތަ؟"

"މަންމާ. ސާފުވެއްޖެ. މިހާރު ތި ވާހަކަ ދިހަފަހަރަށް ބުނެފި."

"އަލްވާ މަންމަ ދިހަފަހަރު ބުނާ އެތިވެސް ހަނދާން ނައްތާލާ...." އަމީރާ ފުން ނަޒަރަކުން ދަރިފުޅުގެ މޫނަށް ބަލައިލިއެވެ. މިކުއްޖާ މިހާ ބޮޑުވީ ކޮންއިރަކު ހެއްޔެވެ؟އެ ކުއްޖާގެ މޫނުމަތީގައި ހުންނަ ޅަ ގޮތްތައް މަޑުމަޑުންގޮސް އަންހެންވަންތަކަމުގެ ސިފަގަނޑު ޖެހެން ފަށައިފިއެވެ. އެކަމަކުވެސް ޅަ ކުއްޖެއްހާ އުފާވެރި ޝުއޫރުތައް ފައުޅުވާ މޫނެކެވެ.

ފުރަތަމަ ދުވަހު އޭނަ ލައިބްރަރީއަށް ހާޟިރުވާން ޖެހުނީ ނުވައެއް ޖަހާއިރަށެވެ. އޭރުން އެ ތަނަށް ހޭނި ލައިބްރަރިއަންވެސް ދަސްވާނެއެވެ. އެދުވަހު އޭނަގެ މަސައްކަތް ފެށެން އޮތީ މެންދުރުއެވެ. އަދި ނިމޭނީ އިރުއޮއްސެންވާއިރަށެވެ.

އަލްވާއަށް ނާކިއާ ހޮޓަލުގެ ސިޑިބަރިން ތިރިއަށް އަންނަތަން ފެނި ވަގުތުން ޝައުގުވެރިކަމާއެކު ބަލަން ހުރެވުނެވެ. އަދި އަތް ހޫރައިލެވުނެވެ."ގުޑް މޯނިން ނާކިއާ. ކޮންތާކަށްތަ؟"

ޝައުގުވެރިކަން އިތުރުވީ ނާކިއާގެ އަތުގައި ހުރި ޕިކްނިކް ވަށިގަނޑު ފެނިފައެވެ. އޭނަގެ އަތުގައި ފޮތެއްވެސް އޮތެވެ.

"އޯ..ހިތަށް އެރީ ބޭރަށް ނިކުމެ އުފާކޮށްލާނީއޭ. މިތަނަށް އައީވެސް އަސްލު އެހެން ކޮޓަރީގައި ބަންދުވެގެން އިންނާކަށްވެސް ނޫން ވީމަ."ނާކިއާ ހިނިތުންވެލިއެވެ."އަހަރެން އަޑުއެހިގޮތުންް މިތާ ކައިރީގައި ޕާކެއް އޮވޭ.."

"އަހަރެންވެސް މިދަނީ އެމަގުން ލާފައި. އެކީގައި އެހިސާބަށްދާނީ...." އަލްވާގެ ހުށަހެޅުމަށް ނާކިއާ ޝުކުރުކުރިއެވެ. އަލްވާ އަނގަ ތެޅުމުން ފޫހިފަލާނެއެވެ."އަހަންނަށް އެމްސްޓެޑަމްއިން ވަޒީފާ ލިބިއްޖެ. އެހެންވެ އެކޮޅަށް މިދަނީ.."

ނާކިއާ ވާހަކަ ނުދެއްކިޔަސް އަލްވާ އިތުރަށް ކިޔައިދިނެވެ." މިއީ އަހަރެމެންގެ ސަމަރ ބްރޭކް އެހެންވެ ހިތަށް އެރީ ގޭގައި އިނުމުގެ ބަދަލުގައި ކޮންމެވެސް ކަމެއް ކުރާނީއޭ."

އަލްވާ ކަންބޮޑުވިއެވެ. އޭނަގެ ވާހަކަތަކުން ނާކިއާއަށް މަލާމާތްކުރަނީއޭ ހީނުވާނެހެއްޔެވެ؟ ނާކިއާވެސް ވަޒީފާއެއް ނެތި ހޮޓަލުގައި ހަމަ އެހެން އިންނަނީ ނޫންހެއްޔެވެ؟ އޭނަދެކެ ނާކިއާ ހިތް ހަމަނުޖެހިދާނެބާވައެވެ."ނާކިއާ މިކޮޅުން ވަޒީފާއެއް ހޯދަން ނޫޅެންތަ؟"

"މިވަގުތު މަސައްކަތްކުރެވިދާނެހެން ހިޔެއްނުވޭ. ހާލަތު އެހާ ރަގަޅެއްނޫން. ފަހަރެއްގައި އަދި ތަންކޮޅެއް ފަހުން މަސައްކަތް ހޯދާނަންއިންޝާﷲ."

"ނާކިއާ ދެން ފޫއްސެއްނުވޭތަ؟"އަލްވާގެ ސުވާލުތަކަށް ނިމުމެއްނެތެވެ.

"ނޫން. ނޮޓް ރިއަލީ. ދިރިއުޅުމާއިމެދު ފުދޭވަރަކަށް ހިތްހަމަޖެހޭ." ނާކިއާގެ އަޑުގައި އެކަމަކު ހިތާމަވެރިކަމެއް ހުއްޓެވެ. ހީލިޔަސް އެލޮލުގައި ހިތާމައިގެ ފުން ކަނޑެއް ފޮރުވިފައިވާފަދައެވެ.

"ތިއީ ކޮން ފޮތެއްތަ؟" އަލްވާ ސުވާލުކުރީ ނާކިއާގެ އަތުގައި އޮތް ފޮތަށް ނަޒަރު ހުއްޓައިލަމުންނެވެ.

" މުހައްމަދު ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ސީރަތް؟" އަލްވާއަށް އަހައިލެވުނީ ތަންކޮޅެއް ބާރަށެވެ. އަޖައިބުވީވަރުންގޮސް ބުމަ ވެސް މައްޗަށް ހިއްލުނެވެ. އަލްވާ ހީކުރިވަރަށްވުރެ ނާކިއާ މިވީ އަޅުވެރި އަންހެންކުއްޖަކަށެވެ. އޭނަގެ ހަޔާތުގައި އަދި ދުވަހަކުވެސް ޚިޔާލީ ނޫން ވާހަކައެއް ކިޔާފައެއްނުވެއެވެ. ނާކިއާއަކީ އޭނައާއި އެއް އުމުރެއްގެ ކުއްޖަކަށްވެފައި މިފަދަ ފޮތެއް ކިޔާތީ އަޖައިބުވީއެވެ. އަލްވާގެ ޝައުގުވެރިކަން ހައްތާ އިތުރުވިއެވެ.

"ވަރަށް ޝައުގުވެރިތަ؟ އަދި އެހެން ވާހަކަތައް އެބަހުރިތަ؟ އަހަންނަށްވެސް ލައިބްރަރީއިން ފޮތް ގެނެސްދެވޭނެ. އެންމެ ފަހުގެ ފޮތްތައްވެސް ގެނެސްދީފާނަން. އެންމެ ކިޔާހިތްވަނީ ކޮން ވައްތަރެއްގެ ވާހަކައެއްތަ؟"

ނާކިއާ ބޯ ހޫރައިލިއެވެ.

"މިއީ ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަޔާތްޕުޅާއި ބެހޭގޮތުން ލިޔެވިފައިވާ ސީރަތް. އެކަލޭގެފާނުގެ ދަތުރުފުޅުތަކާއި ފިތުނައިގެ ވިލާގަނޑެއްގެ އަނދިރީގައި ވަނިކޮށް އެކަލޭގެފާނު ދީން ފެތުރުއްވިގޮތް. ފިކްޝަނަލް ފޮތަކަށްވުރެ އެތައް ގުނަ ޝައުގުވެރި. މީގައި މިހިރީ ހަގީގަތް. ހިތްވަރުގަދަކަމާއި ތެދުވެރިކަމާއި އަދުލުވެރިކަން ފަދަ ފިލާވަޅުތައް ލިބި އެތައް ގުނަ ފައިދާހުރި. މާ ބޮޑަށްވެސް ރަގަޅު..." ނާކިއާ ހިނިތުންވެލުމުން އަލްވާގެ މޫނަށް ރަތްކުލަ ވެރިވިއެވެ.

އެފަދަ ފޮތްތައް ކިޔައިގެން ނާކިއާގެ ދިރިއުޅުން ހާދަ ފޫއްސޭ ހިތަށް އެރުވުނުކަމަށްޓަކާ އަލްވާ އަމިއްލަ ނަފުސަށް އަޑުލިއެވެ. އެއީ ހަމައެކަނި ހަގީގީ ވާހަކަތަކެއް ނޫނެވެ. އެއީ މި އުއްމަތުގެ ނަބިއްޔާގެ ހަޔާތްޕުޅުގެ މައްޗަށް އެކުލަވާލާފައިވާ ސީރަތެވެ.

"ނާކިއާ ކިޔާ ނިމުމުން އަހަރެން ކިޔާލަން ދީފާނަންތަ؟" އަލްވާގެ ސުވާލަށް ނާކިއާ ބޯ ޖަހައިލުމުން އަލްވާގެ ހިތަށް އުފާވެރި އިހުސާސެއް ކުރެވުނެވެ.

އަލްވާ ދާތަން ބަލަން ހުރެފައި ނާކިއާ މިސްރާބުޖެހީ އެ ކުޑަ ޕާކަށެވެ. މާކެންގެ މެދުތެރޭގައި ހަތަރެސްކަނަށް އޮތް ބިމުގައި ގަސްތަކާއިއެކު ކުދި ބެންޗުތައް ޖަހާފައިވިއެވެ. ރަތްކުލައިގެ ފިނިފެންމާ ޓިއުލިޕް އަދި ހުދު ލިލީތައް އެ ފެހިކަންގަދަ ވިނަތަކުގެ ތެރޭގައި ފޮޅިފައިވުމުން ފެހިކަމާއި ވާދަކުރާފަދައެވެ. އެތަނުގައި މީހުން ޕިކްނިކް ހަދާލަން ވަށިތައް ހިފައިގެން ގޮސް ކުނާ ފަތުރާލާ ސަރަހައްދެއްވިއެވެ. އެތަނުގައި ތިބެލުމުން ތަނުގެ ހިތްގައިމު މަންޒަރުތަކުން އުފާ ލިބިގަނެވޭނެއެވެ. ދޮންވެލި ފުންޏެއްގެ ކައިރީގައި ކުޑަކަކޫ ޖަހާލައިގެން ކުޑަކުދިންތަކެއް ދޮންވެލިހަވޭލީއެއް ބިނާކުރުމުގައި އުޅުނެވެ. ނާކިއާ އުނގުގައި ފޮތް ބާއްވާލައިގެން ބެންޗެއްގައި ޖައްސައިލިއެވެ. ކުރިމަތީގައިވާ މަންޒަރުތަކަށް ހިތް ދޫކޮށްލައިގެން އިންއިރު އުދަރެހަށްވެސް ބަލައިލެވުނެވެ. އޭނައަކީވެސް ކުރިން އަލްވާ ފަދައިން ޚިޔާލެއްނެތް އުފާވެރި އަންހެންކުއްޖެކެވެ. ޚިޔާލީ ބިންތަކާއި މަޚުުލޫގުންތައް އުޅޭ ވާހަކަކިޔަން އޭނަވެސް ޝައުގުވެރިވިއެވެ. އެހުރިހާ ޚިޔާލުތައް ބަދަލުވީ ޑޮކްޓަރ އޭނައަށް ޖެހިފައިވަނީ ކެންސަރުކަމަށް ބުނުމާއިއެކުގައެވެ. އެ ބަލި ޖެހުމުގެ ކުރިން އޭނައަށް ދީން އެނގިފައިވާލެއް ކުޑަކަމާހެދި ލަދުވެތިވެ ކުށްވެރި އިހުސާސްތަކެއް ކުރެވުނެވެ. އޭނަ ބަދަލުވާންޖެހުނީ "ކެންސަރު" އެ ލަފުޒުން ކަމުގައި ވާންވީ ކީއްވެހެއްޔެވެ؟ ދާއިމީ ބައްޔެއް ނެތަސް މަރަކީ ދާދިގާތުގައިވާ އެއްޗެކެވެ. ސިއްހަތު ކިތަންމެ ރަގަޅަށް ހުއްޓަސް މާދަން ހޭނުލެވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. އޭނަ ދެކުނީ އެ ބައްޔަކީ އޭނައަށް ލެއްވި ރަހުމަތެއް ކަމުގައެވެ. އޭގެ ސަބަބުން އޭނަގެ ލޯ ހުޅުވިއްޖެއެވެ.

***

އަލްވާ ދުވަމުންގޮސް މެހެކްއާއި ހަމަޔަށް ފޯރީ ބަސް ސްޓޭޝަނުންނެވެ. އެދެކުދިން ބަހަށް އެރިއިިރު މެހެކް ޝަކުވާކުރިއެވެ." ތިހާ ލަސްވީ ކީއްވެތަ؟ ބަސް ނުކެޓީ ހަމަ ކިރިޔާ..."

"ނާކިއާއާއިއެކު ހިނގާލާފައި ޕާކާއި ހަމަޔަށް ދިޔައީ. ވަރަށް އިންޓްރެސްޓިން ކުއްޖެއް....." އަލްވާގެ ހަށިގަނޑު ސަމާލުކުރަންވެގެން އަތްގަނޑެއްގައި ހިފަހައްޓައިލަމުން ބުނެލިއެވެ. ބަސް ފުރިފައިވާވަރުން އެކުދިންނަށް އިށީދެލާނެ ސީޓެއްވެސް ނުލިބުނެވެ. ކޮންމެ ފަހަރަކު އެގޮތަށް ހަށިގަނޑަށް އަރާ ލޮޅުމާއެކު އަރި އަޅަން އުޅުމުން ދެކުދިން އަތް ގުޅުވާލައިގެން ތިބެ ހުނުން ހިފަހައްޓަން މަސައްކަތްކުރިއެވެ. މިހާ ފުރިފައިވާ ބަހަކަށް ދުވަހަކު ނާރާކަމުން އެކަންވެސް ވީ މަޖާ ކަމަކަށެވެ.

***

ރޯޒްކްލިފް ބުކްސްޓޯރ އިމާރާތުގެ ކުރިމަތީގައި ހުރެ އޭނަ އެނަން ތަންކޮޅެއް ބާރަށް ކިޔައިލިއެވެ. ދެކުދިން އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެލައިފިއެވެ.

"ޔަގީނުންވެސް ލޯބި ފިރިހެންކުދިންތައް ގިނަ ގިނައިން މިތަނަށް ޒިޔާރަތްކުރާނެ."މެހެކް ހުރީ ބުނަން ނޭގޭފަދަ ފޯރިއެއް ހިފާފައެވެ. އަލްވާ މެހެކްގެ ބުރަކަށީގައި އަޅުވާފައިވާ ބޮޑު ދަބަހަށް އިޝާރަތްކޮށްލިއެވެ." އެތާ އިށީދެ ހަމައެކަނި ކިޔަވަންވީ. މެހެކް އެންމެ އެކަށީގެންވަނީ އެކަމަށް....."

އަލްވާ މަސައްކަތްކުރާއިރު އެ ހިމޭން މާހައުލުގައި އިނދެ ކިޔަވައިލުމުގެ މަގުސަދުގައި މެހެކް އޭނަގެ ސްކޫލް ނޯޓްސްތައް ގެނައެވެ. ގިނަކުދިންނަށް ހޫނުމޫސުމްގެ ޗުއްޓީކަމުގައިވިޔަސް ކިޔަވާހިތުން އުޅޭ މެހެކްފަދަ "ނާޑް"ކުދިންނަށް އެއީ ހަމަ އެކަނި "ކިޔަވާ ބްރޭކް'އެކެވެ. ސްކޫލްގެ ގްރޭޑްތަކާއި އެއްވަރަށް މުއްސަދި ފިރިހެނުންނަށް ޝައުގު ހުރި ދަރިވަރަކަށް އަލްވާ ދަންނަ ހަމައެކަނި ކުއްޖަކީވެސް މެހެކްއެވެ.

އެކުދިން ހީކުރިވަރަށްވުރެ އެތަނުގެ އެތެރޭގެ ޝާހީކަމާއި މުއްސަދިކަން ބޮޑެވެ. ވިދާ މާބްލް ތަޅުމާއި ރަންކުލަ އަރާ ފާރުތަކުން އެ ފޮތް ފިހާރަވެސް މުއްސަދިކަމާއި ޖާހުގެ ބަހުރުވައިން މުޚާތަބުކުރާފަދައެވެ. ސީލިންގެ އުސްކަމުން ކަނދުރާ މުޅިން ފަހަތަށް ލަންބާލައިގެން ނޫނީ ފެންނަ ކަމަކަށް ނުވިއެވެ. އެލުވާފައިވާ ޗާންދަލިޔާއިން ތޫނު ރީދޫ އައްޔަކުން އެތަން އަރާމުކަމުގެ އިންތިހާ ގޮތެއް ދައްކުވައެވެ. ސީލިންއާއި ހަމަޔަށް ފޯރާވަރުގެ ފޮތް ހަރުތަކެވެ. އަދި އެންމެ މަތީގައި ހުރި ފޮތްތަކާއި ހަމަޔަށް ފޯރުމަށްޓަކާ ގުދުގުދުލައްވާފައިވާ ހަނި ސިޑިތައް ދޭތެރޭގައި ބަހައްޓާފައިވިއެވެ. އަދި ދިގު ފޮތް ހަރުތަކުގެ އިތުރުން ނާދިރު ގޮތަކަށް ފަރުމާކޮށްފައިވާ ތަންކޮޅެއް ކުރު މުށިކުލައިގެ ފޮތް ހަރުތަކެއްވެސްވިއެވެ. އިންޓީރިއާ ޑިޒައިން ހުރިގޮތުން އެ އާސާރީ ފޮތް ހަރުތަކުގައި ޒަމާނީ ކުލަގަނޑުވެސް ޖެހިފައިވިއެވެ.

"ވާއު. އަހަރެއްވާންދެން މިތާ ހުއްޓަސް މިތާ ހުރި ފޮތްތަކުގެ ތެރެއިން ހަތަރުބައިކުޅަ އެއްބައިވެސް ނުކިޔޭނެ.." އަލްވާ މިހާ ގިނަ ފޮތްތަކެއް އެފަހަރާ ދެކެފައެއްނުވެއެވެ.

"އެކްސްކިއުޒް މީ.." އެކުދިން ތަނުގެ ރީތިކަމާއިމެދު މޮޔަވެފައި ތިއްބާ ތޫނު އަޑެއް އިވުމާއެކު ސިހުނެވެ. އަލްވާވެސް ރޫރޫ އަޅައިގަތީ އޭސީގެ ފިނިކަމުން ކަމެއް ނޫނީ އެ އަންހެނާގެ އަޑު ހުރިގޮތުން ކަމެއް ނޭގުނެވެ. އެކުދިންގެ ފުރަގަހުގައި ހުރީ ރަސްމީ ގޮތަކަށް ހެދުން އަޅައިގެން ހުރި އަންހެނެކެވެ. ކަޅު ފަންސުރެއްފަދަ ހިމަ ސްކާޓަކާއި ހުދުކުލައިގެ ބްލައުޒެއްގައެވެ. ރަތްމުށިކުލައެއް އަރާ އިސްތަށިގަނޑު ސްޓައިލްކޮށްލާފައި ހުޅިއެއް ޖަހާފައެވެ. ތުންފަތުގައި ފުން މެރޫން ކުލައެއް ޖައްސާލާ ޒީނަތްތެރިވެގެން ހުރިގޮތުން ވަޒީފާއަށް ރަގަޅަށް ތައްޔާރުވެގެން ހުރި ފާޑެއްޖަހައެވެ.

"އަހަންނަކީ ލައިބްރޭރިއަން. ހީރާ. ތިއީ އަހަރެމެންގެ އެސިސްޓެންޓް އަލްވާހެން ހީވޭ...."

ހީރާގެ ނަޒަރު ހުއްޓިފައިވަނީ ކާކަށް ކަން ނޭޭގުނީ އޭނަ ކަޅުކުލައިގެ އައިނެއް އަޅައިގެން ހުރުމުންނެވެ.

"އިތުރު ތަޅުދަނޑިއެއް ދޭނަން. އަބަދުވެސް ލައިބްރަރީ ހުޅުވާނީ ނުވައެއް ޖަހާއިރު އަދި އެނބުރިދާއިރު ތަޅުލާންވާނެ. މިތާ ތެރޭ ހިނގާ ފޮތްތަކަށް އަހުލުވެރިވެ ފޮތްތައް ހުރިތަން ދެނެގަންނަންވާނެ. ފައިލްތަކާއި ކަރުދާސްތައް ބެހެއްޓިން. ހުރިހާ ފޮތްތަކުގެ ނަންތަކާއި ބަހައްޓާފައި ހުރި ތަން ފުރާލައްޗޭ. ދެން މިހާރު އަހަރެން ކިޔާދިން ކަންތައްތައް އޮޅުން ފިލައިފިއްޔާ މަސައްކަތްފަށާ. އަހަރެން ކައުންޓަރުގައި ހުންނާނަން..." ހީރާ ވާހަކަދެއްކިލެއް އަވަސްކަމުން ނޭވާއެއް ލާން މަޑުކުރިހެއްޔޭވެސް އަލްވާގެ ހިތަށް އެރިއެވެ.

"އޮޅުން ފިލައިފި މިސް ހީރާ." އަލްވާ ޖޯޝްގައި ވާހަކަދެއްކިއެވެ.

"ޝްޝްޝް...."ހީރާގެ ކުލަ ޖައްސާފައިވާ އިނގިލި ތުންފަތުގައި ޖެއްސިއެވެ.

"މިތާ އަޑުގަދަ ނުކުރައްޗޭ. ލައިބްރަރީގެ ފުރަތަމަ ގަވާއިދަކީ އެއީ. އަދި ދުނިޔޭގެ އެހެން ލައިބްބަރީތަކުގައިވެސް އެހެން އޮންނާނީ. އެހެންވީމަ ހިމޭނުން އުޅޭތި.." އެންމެފަހުންގެ ލަފުޒުތަކަށް ބާރުލާފައި ދަމައިލިއެވެ. އަލްވާ ހަމައެކަނި ބޯ ޖަހައިލީއެވެ. ދެން މާބްލް ތަޅުންމަތީގައި އެ އުސް ފައިވާނުން އަޑުގޮއްވަމުން ކައުންޓަރާއި ދިމާލަށް މިސްރާބުޖެހިއެވެ. އެއީ ދޮރާއި ކައިރީގައި ހުރި ތަނެކެވެ.

"އަހަރެން އެއްގޮތަކަށްވެސް އެ އަންހެނާދެކެ ލައިކެއްނުވި..." މެހެކް މޫނު ހެދިއެވެ. އަލްވާ މަސައްކަތްފެށިއިރު މެހެކްވެސް އެންމެ ގިނަ ގޮނޑިތަކާއި މޭޒު ހުރިތަނުން ޖާގައެއް ހޯދާލައިގެން އިށީނެވެ. މެހެކް ބަލަން އިނީ އަލްވާގެ މަސައްކަތަށެވެ. ފޮތްތަކުގެ ނަންތައް ބޮޑު ފޮތެއްގައި ލިޔަނީއެވެ. ސްޓްރެސް ނެތް ހަމަޖެހޭ ދިރިއުޅުމަކަށް އުއްމީދުކުރާ އަދި ދުނިޔެ ބަލައިލަން ދަތުރުކުރަން ބޭނުންވާ ކުއްޖަކު ވަޒީފާ އަދާކުރަން ބޭނުންވިކަމީ ގަބޫލުކުރަން ދަތިކަމެކވެ.އޭގެފަހުން މެހެކްއަށް އޭނަގެ މައިންބަފައިންގެ ފަރާތުން ހާމިދުގެ ހޮޓެލް ބަގުރޫޓުވަމުންދާކަން އެނގުނެވެ. އެކަން އެގުމުން އަލްވާގެ ތަބީއަތަަށް އައިސްފައިވާ ބޮޑު ބަދަލު ދެނެގަނެވުނެވެ. ކުއްލިއަކަށް އެގޮތަށް ވަޒީފާ ހޯދި ސަބަބު އޮޅުންފިލިއެވެ. އެންމެ ގާތް އެކުވެރިޔާއަށް ވީތީ އޭނައަށް ދެވުނުހާ އެހީއެއް ވެދޭނެއެވެ.

އެތައް ގަޑިއިރެއް ފާއިތުވެގެން ދިޔައީ ލަސްލަހުންނެވެ. ފުރަތަމަ ދުވަސްކަމުން ގިނަ އަދަދަކަަށް މީސްތަކުން އައެވެ. ބައެއްމީހުން ފޮތްތައް ކިޔަމުން ދާއިރު އަނެއްބަޔަކު އެ މާހައުލުގެ އަމާންކަމާއި ހިމޭންކަމުން އުފާކޮށްލަން އައީއެވެ. ފޮތް ފިހާރައިގެ ތެރޭގައި ހިފާފައި ހުރި މީރުވަހަށް އޭނަ ދަމައިގަންނަގޮތްވިއެވެ. ދުވަސްވީ ފޮތްތަކާއި ހަނދާންތަކުގައެވެ. އަލްވާ ފޮތް ހަރުގަނޑު ކައިރިން ދިޔައިރު އެ ޒުވާނާ ދެނެގަނެވުނީ ކިރިޔާއެވެ. ކަޅުކުލައިގެ ޖިންސަކާއި ހުދު ޓީޝާޓެއްގައި ހުރުމުން ރީތިކަން ވިދައެވެ. އަލްވާގެ އެހާ ވަރުގަދަ ސިކުނޑިއެއް ނެތްނަމަ އެމޫނު މަތިން ހަނދާންނެތުނީހެވެ. އަލްވާއަށް ބުމަ އަރުވައިލެވުނެވެ. އެއީ އޭނައަށް ހުސް ޗެކެއް ދިންމީހާއެވެ. އެހާ މުއްސަދި މީހަކު ފޮތްތަކުން ގަނޑުތައް ވީދަނީ ކީއްވެހެއްޔެވެ؟

ނުނިމޭ