01 Apr 2022, 14:33
މާތްﷲ ވަނީ އަހަރެމެންނަށްޓަކާ ހެޔޮކަމުގެ ދުވަސްތައް ލައްވާފައިކަމަށާއި އެ ދުވަސްތަކުގެ ތެރެއިން ވެސް އެންމެ ހެޔޮކަންބޮޑީ ރަމަޟާން މަހުގެ ދުވަސްތައްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ރަމަޟާން މަސް އެހެން މަސްތަކުގެ މައްޗަށް މާތް ކުރައްވާފައި ވަނީ އެ މައްސަރުގައި ރޯދައިގެ އަޅުކަން ލައްވާފައިވުމާއި ކީރިތި ގުރުއާން ބާއްވާލެއްވުމުންނެވެ. އަދި އެ މަހުގައި ލައިލަތުލް ޤަދުރިވިލޭރޭ ލައްވާފައިވުން ވެސް ހިމެނޭކަމަށް ހުތުބާގައި ބުންޏެވެ.
މީގެއިތުރުން ޚުތުބާގައި ބުނީ ރަމަޟާން މަހަކީ ރަޙުމަތާ، ފާފަފުއްސެވުމާއި ނަރަކައިން ދިންނެވުމުގެ މަހެއް ކަމަށެވެ. އެހެންކަމުން މިފަދަ މައްސަރެއްގެ ބޭނުން ހެޔޮގޮތުގައި ހިފައި، ހެޔޮ ޢަމަލު ގިނަކުރަން ޚުތުބާގައި ގޮވާލިއެވެ.
"މިފަދަ ހެޔޮކަމުގެ މައްސަރެއް މާތްﷲ މިންވަރުކުރެއްވުމުން އެ މަހުގެ ބޭނުން ހެޔޮގޮތުގައި ހިފާ ހެޔޮ ޢަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަކޮށް ހެޔޮޢަމަލު ކުރުމުގައި އެކަކު އަނެކަކާ ވާދަކޮށް ކުރިއަށްދާން މަސައްކަތްކުރަން ޖެހޭ." ޚުތުބާގައި ބުންޏެވެ.
ރޯދަ ފަރުޟު ކުރެއްވުމުގެ މަގުސަދަކީ އަހަރެމެންގެ ކިބައިގައި ތަޤްވާވެރިކަން އަށަގެންނެވުމެވެ. އެހެންކަމުން ރޯދަމަހު ތިން ކަމެއް ކުރުމަށް ޙުތުބާގައި ގޮވާލިއެވެ. އެގޮތުން ރަމަޟާން މަހުގެ ރޯދަހިފާ ޤުރުޢާން ކިޔެވުން އިތުރުކުރުމަށް ޙުތުބާގައި އިރުޝާދު ދިނެވެ.
"ތިންވަނައަށް ކުރަންޖެހޭ ކަމަކީ ތަރާވިސް ނަމާދު ޖަމާޢަތުގައި އަދާކުރުމަށް މަސައްކަތްކުރުން. ރޯދަމަހުގެ ރޭތައް އަޅުކަމުގައި ހޭދަކުރުމަކީ ގަދަވެގެންވާ ސުންނަތެއް." ހުތުބާގައި ބުންޏެވެ.
ލައިލަތުލް ޤަދުރިވިލޭރެއަކީ އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއްކަން ހަނދުމަކޮށްދެމުން އެ ރޭގެ ސަވާބާއި ދަރުމަ ހޯދުމަށް ގަދައަޅާ މަސައްކަކުރުމަށް ވެސް ހުތުބާގައި ގޮވާލިއެވެ.