01 Apr 2022, 21:37
މާދަމާއަކީ މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަން އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒާހިރު ޢަލީ އިޢުލާންކުރައްވައިފިއެވެ.
މިނިސްޓަރު އެކަން އިޢުލާން ކުރެއްވީ، ރޯދަ މަހަށް ހަނދު ސާބިތު ކުރުމަށް ޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށް ފަހުގައެވެ.
މިނިސްޓަރު ވިދާޅުވީ، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ ބައެއް ރަށްރަށަށާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވާތީއެވެ.
އެހެންކަމުން، ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން މީލާދީ ސަނަތުން 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ދެ ވަނަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
ދިވެހިރާއްޖޭގައި ރޯދަ މަސް ފެށުމުގައި އަމަލު ކުރާ އުސޫލަކީ ދިވެހިރާއްޖެއަށް އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ރެއެއްގައި ދިވެހިރާއްޖެއަށް ނުވަތަ އެހެން އިސްލާމީ ގައުމަކަށް ހަނދު ފެނިއްޖެނަމަ ދެން ޖެހިގެން އަންނަ ދުވަހު ރޯދަ ހިފާން ފެށުމެވެ.