03 Apr 2022, 10:54
ސްޕެނިޝް ލީގުގައި ރޭ ސެލްޓާ ވިގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ކަރީމް ބެންޒީމާ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
ސެލްޓާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ރެއާލުންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ބެންޒީމާއެވެ.
ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ސެލްޓާގެ ތިއާގޯ ގަހާޑޯ ލަނޑެއް ޖަހައި އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، ވީއޭއާރުން ނިންމާފައިވަނީ ގޯލު ބަލައިނުގަތުމަށެވެ.
ދެ ވަނަ ހާފު ފަށައިގެން މެޗުގެ 52 ވަނަ މިނެޓުގައި ސެލްޓާއިން ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނޮލިޓޯއެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ރެއާލްއަށް އިތުރު ޕެނަލްޓިއެއް ލިބުނެވެ. ބެންޒީމާ ފޮނުވާލި ޕެނަލްޓީ ސެލްޓާގެ ކީޕަރު މަޓިއަސް ޑިޓުރޯ ވަނީ މަތަކޮށްފައެވެ. އޭގެ ހަ މިނެޓު ފަހުން، މެޗުގެ 70 ވަނަ މިނެޓުގައި ރެއާލްއަށް ވަނީ އަނެއްކާ ވެސް ޕެނަލްޓީއެއް ލިބިފައެވެ.
މި ޕެނަލްޓީ ކާމިޔާބުކޮށް ބެންޒީމާ ވަނީ ރެއާލް މެޗުން މޮޅުކޮށްދީފައެވެ. މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ރެއާލުން އެއް ވަނައިގައި އޮތީ 69 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް ސެވިއްޔާއަށް ލިބެނީ 57 ޕޮއިންޓެެވެ. އަދި ތިން ވަނައިގައި އޮތް ބާސެލޯނާއަށް ލިބެނީ 54 ޕޮއިންޓެވެ.