އައްޑޫސިޓީގައި ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ބުނެ ޝަރަފުއްދީން ސްކޫލްގެ މަސައްކަތު މުވައްޒަފެއް ކަމަށްވާ އާމިންދިޔެ (އާމިންދައްތަ) ހައްޔަރުކުރީ ނުހައްގުންކަމަށް ބުނެ އައްޑޫގެ ރައްޔިތުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

އާމިންދައްތަ ހައްޔަރުކުރި ދުވަހުން ފަށައިގެން ކޮންމެ ރެޔަކު ވެސް ހިތަދޫ ޕޮލިސް ސްޓޭޝަން ކުރިިމަތީގައި އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

ހިތަދޫގައި ހަ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރީ ކާފަ ކަމަށް އެ ކުއްޖާ ތަހުގީގަށް ކިޔައިދީފައިވީ ނަމަވެސް އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ޝަރަފުއްދީން ސުކޫލުގެ މަސައްކަތު މުވައްޒަފެކެވެ.

އައްޑޫގައި ކުރާ މުޒާހަރާތަކުގައި އިސްކޮށް އުޅޭ މީހަކު "ސަން"އަށް ބުނީ މުޒާހަރާގައި އަޑުއުފުލުމުން ވެސް އެ އަޑު ސަރުކާރުގެ އިދާރާތަކަށާއި އައްޑޫސިޓީގެ ވެރިންނަށް އަޑު ނީވުމުން ކަމަށެވެ.

"ސަރުކާރުގެ އިދާރާތަކަށް ހުށަހެޅުމަށް ޓަކައި ތައްޔާރުކުރަމުންދާ ޕެޓިޝަނެއް މިއީ. އަޅުގަނޑުމެން ހުށަހަޅާނަން ދިވެހި ފުލުހުންނަށާ ޖެންޑާ މިނިސްޓްރީއަށާ ރައްޔިތުންގެ މަޖިލީހަށާ އަދި އޭގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާ ހިއުމަން ރައިޓްސް ކޮމިޝަނަށް،" އޭނާ ބުންޏެވެ.

މި ޕެޓިޝަންގައި ސޮއިކުރަން ފަށައިގެން 30 މިނެޓު ތެރޭގައި 100އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.

ކޮންމެ ރެޔަކު ވެސް ތަރާވީހު ނަމާދަށްފަހު މިހާރު ވެސް ސިލްސިލާ މުޒާހަރާތައް ހިތަދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައި ކުރިއަށް ދެއެވެ. އަދި އެ މުޒާހަރާތައް ހުއްޓައިލާނީ އަނިޔާ ލިބުނު ކުޑަކުއްޖާއަށާއި އާމިންދައްތައައް އިންސާފު ލިބުމުން ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި މި މައްސަލައިގެ ތެރެއަށް ވަނީ ސިޔާސީ ނުފޫޒު ވަދެފައެެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި އެ އަންހެންމީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަންހެން މީހާގެ އާއިލާއިން ބުނަނީ އެ ކުއްޖާ ކާފަގެ ވާހަކަތައް ކިޔައިދިނީ ޝަރީއަތް ނިމެންދެން ބަންދުކުރިފަހުން ކަމަށެވެ.

މިކަމާ ގުޅިގެން ކުރިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ އިތުރުން، އިތުރު މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކިލިބިފައި ނުވާކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ތަހުގީގަކީ "އޯޕަން ތަހުގީގެއް" ކަމަށާއި ތަހުގީގު ކުރިއަށްދާ މިންވަރަކުން ހޯދޭ ހޯދުން ތަކުގެ މައްޗަށް ބިނާކޮށް އިތުރު މީހަކާމެދު ފިޔަވަޅެއް އަޅަންޖެހިއްޖެ ހާލަތެއްގައި އެ ފިޔަވަޅެއް ފުލުހުން އަޅާނެ ކަމަށެވެ.