04 Apr 2022, 23:39
ވޭތުވެދިޔަ ދެ ދުވަސްތެރޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އެކުންފުނީގެ މާލެ ކޮމާޝަލް ހާބަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޕޯޓު ހިމެނޭގޮތަށް ދެ ޕޯޓުން ޖުމްލަ 150 ކޮންޓެއިނާ ކްލިއާކޮށްފިއެވެ.
އެކުންފުނިން ބުނީ އިއްޔެ ޖުމްލަ 60 ކޮންޓެއިނާ ދެ ޕޯޓުން ކްލިއާ ކޮށްފައިވާއިރު އޭގެތެރޭގައި 20 ފޫޓުގެ 33 ކޮންޓެއިނަރާއި 40 ފޫޓުގެ 27 ކޮންޓެއިނަރު ހިމެނޭކަމަށެވެ.
މީގެއިތުރުން، އިއްޔެ ގިނަ އަދަދަކަށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ކްލިއާ ކޮށްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި، 40 ބަސްތާ އަލުވި، 222 ބަސްތާ ކަރާ، ހަތަރު ފޮށި ބަރަބޯ، 24 ކާޓަން އަލަނާސި އަދި 24 ކޭސް އަލަނާސިއާއި 15 ދޮންކެޔޮ ގަނޑު ވަނީ ކްލިއާ ކޮށްފައެވެ.
މިއަދު އެ ކުންފުނީގެ ދެ ޕޯޓުން ޖުމްލަ 90 ކޮންޓެއިނާ ކްލިއާކޮށްފައިވެއެވެ.
މިއީ@Portmvގެ ޕެރިޝަބަލް ގުޑްސް ގޯޑައުން. ކޮންމެ ދުވަހަކު އެތައް ބާވަތެއްގެ ކާބޯތަކެތި ކްލިއަރ ކުރޭ.އިއްޔެ އެކަނި 40 ބަސްތާ އަލުވި ،222 ބަސްތާ ކަރާ 24 ކާރޓަން އަލަނާސި އަދި އެތައް ބާވަތެއް ކްލިއަރ ކުރި. މި ގުދަން މިރޭ އަނެއްކާ ފުރޭނެ. ލަކުޑި ބޯޓު މުދަލާއި އެކު އައިސް އެބައޮތް!pic.twitter.com/FMmOz5K2Ny
— Dhaanish (@Dhaanish_Nizam)April 4, 2022
އޭގެތެރޭގައި 637 ބަސްތާ ފިޔާ، 262 ބަސްތާ އަލުވި އަދި 240 ބަސްތާ ބަރަބޯ ހިމެނޭކަމަށް އެ ކުންފުނިން ބުންޏެވެ. މީގެތެރެއިން އެންމެ ގިނައިން ކްލިއާ ކުރި ތަކެތީގެ ތެރޭގައި ކަރާ ބަސްތާ ހިމެނެއެވެ. އެގޮތުން، 498 ބަސްތާ ކަރާ ކްލިއާ ކޮށްފައިވާއިރު ރަމަޟާން މަހު އެންމެ ގިނައިން އެ ކުންފުނީގެ ޕޯޓުގެ ތެރެއިން ކްލިއާ ކުރާ މުދަލުގެ ތެރޭގައި ކަރާ ހިމެނޭކަމަށް އެ ކުންފުނިން ބުންޏެވެ. މީގެއިތުރުން، މިއަދު ކްލިއާ ކުރި މުދަލުގެ ތެރޭގައި 100 ފޮށި ބިސް، 50 ކޭސް ޓޮމާޓޯއާއި 100 ބަސްތާ ޔޭމް ހިމެނެއެވެ. މީގެއިތުރުންވެސް ގިނަ އަދަދެއްގެ ކާބޯތަކެތި ވަނީ ކްލިއާކޮށްފައެވެ.
އެމްޕީއެލްއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ޕޯޓަށް އެތެރެކުރާ ތަކެތި ވީހާވެސް އަވަހަށް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުންކަމަށެވެ. އަދި، އެ ކުންފުނީގެ ޕޯޓަށް އެތެރެކުރާ ތަކެތީގެ ތަފާސްހިސާބުތައް ކޮންމެ ދުވަހަކު އާންމުންނަށް ހިއްސާކުރަން އެ ކުންފުނިން ވަނީ ނިންމާފައެވެ.