05 Apr 2022, 22:23
ނިއު ރޭޑިއަންޓުގެ ސަޕޯޓަރުން އިސްވެ އުފައްދާފައިވާ ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ހެޑް ކޯޗަކަށް މުޙައްމަދު ޞަބާހު (ސޮބާ) ހަމަޖައްސައިފިއެވެ.
އެ ކުލަބުން މިއަދު އިއުލާންކޮށްފައިވާ ގޮތުގައި މަޝްހޫރު ކޯޗު ސޮބާގެ އިތުރުން، އޭނާއަށް އެހީތެރިވުމަށް އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އަޙްމަދު މުހައްމަދު (އައްމަޑޭ) ވަނީ ހަމަޖައްސާފައެވެ. އައްމަޑޭ އަކީ ގިނަ ދުވަސްތަކެއް ވަންދެން ނިއުގެ ކެޕްޓަންކަން ކޮށްފައިވާ މީހެކެވެ.
ރޭޑިއެންޓް ސްޕޯޓްސް ކުލަބް ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވަނީ ހުސްވި މާޗު މަހުގެ ތެރޭގައެވެ. އެ ކުލަބުން މިހާރު ތައްޔާރުވަމުން އަންނަނީ އެފްއޭއެމުން އޮގަސްޓް މަހު ބާއްވަން ޝެޑިއުލްކޮށްފައިވާ ތިން ވަނަ ޑިވިޝަނުގައި ވާދަކުރާށެވެ.
ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ނުދީ އޮތުމުގެ ސަބަބުން ނިއު އޮތީ ސަސްޕެންޑުކޮށްފައެވެ. ދުނިޔޭގެ ފުޓުބޯޅަ އިދާރާ، ފީފާއިން ނިއު ސަސްޕެންޑުކޮށްފައިވަނީ 2019 ވަނަ އަހަރުން ފެށިގެންނެވެ. މިއާއެކު ނިއުގެ މަސައްކަތްތައް އޮތީ ހުއްޓުމަކަށް އައިސްފައެވެ.
ރޭޑިއެންޓުގެ ކޯޗުކަމާ މިއަދު ހަވާލުވި ސޮބާއަކީ ކުރިން ނިއުއަށް ކުޅެފައިވާ މީހެކެވެ. އަދި އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ނިއުގެ ކޯޗުކަން ވެސް ކޮށްފައެވެ. ނިއުގެ އިތުރުން ސޮބާ ވަނީ ފުރަތަމަ ޑިވިޝަންގެ ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސްއަށް ކޯޗުކަން ކޮށްދީފައެވެ. އަދި ގްރީން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވިއިރު ކޯޗަކަށް ހުރީ ވެސް ސޮބާއެވެ.
ރޭޑިއެންޓުން ވަނީ ދާދި ފަހުން އެ ކުލަބުގެ ހިންގާ ކޮމެޓީ ވެސް އިންތިޚާބުކޮށްފައެވެ. އެ ކުލަބުގެ ޗެއާމަނަކަށް އިންތިޚާބުވީ އަޙްމަދު ވާސިފެވެ. އަދި ވައިސް ޗެެއާއަކަށް އިންތިޚާބުވެފައިވަނީ މުޙައްމަދު ޔޫސުފްއެވެ. މީގެ އިތުރުން އެ ކުލަބުގެ ސެކްރެޓަރީއަކަށް އިންތިޚާބުވެފައިވަނީ ލުއައްޔު އާދަމްއެވެ. ޚަޒާންދާރަކަށް އިންތިޚާބުވެފައިވަނީ ޒަހީނުއްދީން ސަޢީދުއެވެ. ހިންގާ ކޮމެޓީގެ މެމްބަރުންގެ ގޮތުގައި ތިބީ އަލީ ރަޝީދު، ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު މުބީން، މުޙައްމަދު އަފޫ ހާމިދު، އަޙުމަދު ޙުސެއިން އަދި ސާއިދު އަލީ ދީދީއެވެ.
އެ ކުލަބުގެ ރަސްމީ ކުލައަކީ ވެސް ނޫ ކުލައާއި ހުދު ކުލައެވެ.