10 Apr 2022, 21:54
އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިން މުބާރާތުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން އީރާނާ ދެކޮޅަށް ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ރާއްޖެ ބަލިވެއްޖެއެވެ.
އީރާނުން ރާއްޖެ ބަލިކޮށްފައިވަނީ 17-0 އަކުންނެވެ.
ދުނިޔޭގެ ފުޓްސެލް ރޭންކިންގައި މިވަގުތު އީރާން އޮތީ ހަ ވަނައިގައެވެ. އީރާން ވަނީ މި ބައްރުގެ ޗެމްޕިއަންކަން 12 ފަހަރު ހޯދާފައެވެ. އަދި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ވެސް އީރާނެވެ.
މިއަދުގެ މެޗުގައި އީރާނުން ވަނީ ފުރަތަމަ ހާފުގައި ރާއްޖެ ކޮޅަށް ހަ ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް 11 ގޯލު ޖަހާފައިވަނީ ދެވަނަ ހާފުގައެވެ.
ކޮލިފައިންގައި ރާއްޖެއިން ކުޅޭ ދެ ވަނަ މެޗުގައި މާދަމާ ރޭ ކިރްގިސްތާނާ ދެކޮޅަށް ނިކުންނާނީ 19:00 ގައެވެ. އަދި ތިން ވަނަ މެޗުގައި އަންގާރަ ދުވަހުގެ ހަވީރު 16:00 ގައި ނިކުންނާނީ ތުރުކުމެނިސްތާނާ ދެކޮޅަށެވެ.
ތައިލޭންޑުގައި މިދިޔަ މަހު ބޭއްވި އިންވިޓޭޝަނަލް ކަޕްގައި ބައިވެރިވެ ރާއްޖެއިން ވަނީ ފަސް ވަނަ ހޯދާފައެވެ.
އެ މުބާރާތަށް ދިޔައިރު ގައުމީ ޓީމިގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ އެފްއޭއެމްގެ މިނީ ޓާފާއި ގިޔާސުއްދީން ސްކޫލް ހޯލްގައި ހުރި މެޓް ދަނޑުއަދި ޕީކޭ ސަރަަހައްދު ފުޓްސަލް ދަނޑުގައެވެ.
ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުންތަކަށް ރަނގަޅު ދަނޑެއް ނެތުމުގެ ޝަކުވާ އޮތީ ވަރަށް ބޮޑުވެފައެވެ. މާލޭގައި ސަރުކާރުތަކުން ގާއިމުކޮށްފައިވާ ޓާފް ދަނޑުތަކަކީ އިންޓަނޭޝަނަލް ފުޓްސަލް ކުޅެން ބޭނުންވާ ސައިޒުގެ ދަނޑުތަކަކަށް ނުވާތީ، ބައިނަލްއަޤްވާމީ މުބާރާތަކަށް ތައްޔާރުވާން އެ ތަންތަނުގައި ޕްރެކްޓިސް ނުކުރެވެއެވެ.