22 Apr 2022, 10:41
"ހުރިހާ ސުންނަތް ނަމާދުތައް ޚާއްސަކޮށް ތަރާވީހު އަދި ތަހައްޖަދު ކުރުން އިއުތިކާފްގައި އިނުން، ގިނަގިނައިން ގުރުއާން ކިޔެވުން ،ޒިކުރުކުރުން، ދުއާކުރުން، ސަލަވާތްކިޔެވުން،އިސްތިޣުފާރުކުރުން، ސަދަގާތްކުރުން ފަދަ އަޅުކަމުގައި ފަހު ދިހައިގެ ދުވަސްތައް ހޭދަކުރުމުން ލައިލަތުލް ގަދަރު ވިލޭރޭގައި އަޅުކަން ކުރުމުގެ ނަސީބު ލިބިގެންދާނެއެވެ."
***
އަސްލަން ޖަވާބެއް ނުދީ ބާރަށް ހިނގާލާފައި ދާން ފެށުމުން ޚައިރާ ލޯ ހަނިކޮށްލިއެވެ. އޭނަގެ އުފަލަކީ އަސްލަންއާއި ސިއާރާ އަވަހަށް ކައިވެނިކުރުމެވެ. ހާރިސްއާއި ސިއާރާގެ އެއްވެސް ގުޅުމަކަށް އޭނަގެ ހިތް ގަބޫލެއްނޫނެވެ. ނަމަވެސް އެދެމީހުން ވާހަކަދައްކަން ތިއްބާ ފެނުނުފަހުން ޚައިރާގެ ހިތަށް ބިރުވެރިކަން ވަދެ އެއްފަހަރުވެސް އެ މަންޒަރު ލޮލުގެ ކުރިމަތިން ފިލައިގެން ދިޔައީއެއް ނޫނެވެ. އޮމްލެޓް ތައްޔާރުކޮށްގެން ސައިބޯން ތައްޔާރުވިތަނާ ޚާދިމާއަކު ކިބިއްސެއް އެޅުމުން ޚައިރާ ވަގުތުން ނޭވާ ހިފަހައްޓާލައިގެން ކާކޮޓަރިން ނުކުތީ އެވެ. ކޮޓަރިއާއި ހަމަވީއިރު ނޭވާ ކޮޅުން ލައިފިއެވެ. ޚައިރާއަށް ބާރު ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ދެވަނަ ސިކުންތުކޮޅުގައި ކޮއްކޮގެ ހިމާޔަތަށް އަސްލަން އައެވެ.
"ޚައި....ކިހިނެއްވީ؟"
ޚައިރާގެ ޖަވާބު އައި ފާޚާނާ ތެރެއިންނެވެ. އަސްލަން ދޮރު މައްޗަށް އެރިއިރު ޚައިރާ އަވަސްއަވަހަށް އަތް ދޮވެ ދޮވެފައި އަނގަޔާއި ނޭފަތަށް ފެންޖަހާ އެތައް ފަހަރު ދޮންނަމުން ދިޔައެވެ. އޭނަގެ މޫނަށް އެކަކު ކެއްސައިފިކަމަށް ބުނެ ރުޅިގަދަވެފައި ހުރެ ކުދިކިޔަމުންނެވެ. ނިމުނުއިރު އެ ދޮން މޫނުކޮޅު ރަތްވެގެން އަލިފާން އަރާފަދައެވެ. އަސްލަން ނުދެނެހުއްޓާ އަތަށް ސެނިޓައިޒާ ޖަހާފައި ދެއަތް ކާއްތައިގަތެވެ. އަދި ދޮރުގެ ތަޅާއި އެހެން ތަންތަނަށްވެސް ސެނިޓައިޒާ ޖެހިއެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގައިލުމުން ހުރިހާ ތަނެއް އޮފު އަރުވާފައި ކޮންމެ އެއްޗެއް ވަކި ތަރުތީބަކުން އަތުރާލާފައިވާކަން ފާހަގަކުރިއެވެ.
"އައިމް ވޮރީޑް. މަންމަގެ ޚަބަރެއް ނުވޭ. ފްލައިޓަށް ކަމެއްވީ ކަން ނޭގޭ...." ކުއްލިއަކަށް ޚައިރާ އަނގައިގާ އަތް އަޅާ ލޯ ބޮޑުކޮށްލިއެވެ." އުނދުން ނިވާ ނުލާކަން ނޭގޭ މި އާދެވުނީ......ވަން މިނިޓް. މި އަންނަނީ.."
އަސްލަންއަށް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލެވުނެވެ. ރޭ ދަންވަރުވެސް ޚައިރާ ތެދުވެ ދޮރުގެ ތަންޑުތައް އަޅުވާފައި ހުރިތޯ އާއި އުނދުންތައް އަދި އިސްތިރިފަދަ އެއްޗެހި ޖައްސާފައި ހުރިތޯ ޗެކް ކުރަން ދުވާ އަޑު އިވުނެވެ. ދުވަހަކަށްވުރެ ދުވަހެއް ޚައިރާގެ ހާލު ގޯސްވާން ފެށުމުން ކޮންމެހެންވެސް ތެރަޕިސްޓަކަށް ދައްކާ ފަރުވާ ހޯދަން ޖެހޭނެކަމަށް އޭނަ ގަބޫލުކުރެއެވެ. ނަމަވެސް ޚައިރާއަކީ އެހާ ފަސޭހައިން ތިމާގެ އެފަދަ މައްސަލައެއް ހުރިކަމަށް ގަބޫލުކުރާނެ ކުއްޖެއް ނޫނެވެ.
އަސްލަން ގަޑިއަށް ބަލައިލިއެވެ.
"ޚައި. ލަސްވަނީއޭ. ތިކަމާއިހެދި ތައްޔާރުވާކަށްވެސް ނެތެއްނު.."
"ނޫން މި ނިމެނީ...." ޚައިރާގެ މޫނުމަތިން ފެނުނީ ވަރުބަލިކަމެވެ. އޭނަ ހެދުމުގެ ބޭރުން ފިނި ހެދުން ލައިގެން އަސްލަންއާއިއެކު ކާރަށް އަރަން އައިސްފަ އަނެއްކާ ކާރުން ފޭބިއެވެ.
"ޚައި....މިހާރު ކީއްކުރަން ތި ދަނީ..."
"އައިމް ނޮޓް ޝުއާ ދޮރުތައް ތަޅުނުލެވި....." ޚައިރާ ބުނަން އުޅުނެވެ.
"ގޭގައި އެ މަސައްކަތް ކުރާނެ މީހުން އެބަތިއްބޭ ޚައި. ކޮއްކޮ ކޮންމެހެން ރިޕިޓްކޮށް ތިކަން ކުރާނެކަމެއްނެތް. ދޮންބެ ބަސްއަހައިގެން ހިނގާ ސައިކެޓްރިސްޓަކަށް ދައްކަން. ހީ ކެން ހެލްޕް......."
ޚައިރާ ކަޅި އަޅާލާފައި އަތުކޮޅަށް ކާރުގެ ދޮރު ލައްޕާލާފައި ގެއަށް ވަނެވެ.
***
މާކް ކްރޯފޯޑް އޭނަގެ ދެ ދަރިންނާއި ބައްދަލުކޮށް މިސިޒް ކެތްރީންއާއި ކައިވެނި ކުރަން އުޅޭ ވާހަކަ ބުނުމުން އަސްލަންއަށް ޝޮކެއް ނުލިބުނަސް ހިތުގައި ނުބައި އިހުސާސްތަކެއް ހިނގައިގަތްއިރު ޚައިރާ އިނީ ބުދެއްފަދައިން ލޯ ބޮޑުކޮށްގެންނެވެ. ގަޑިއެއްހާއިރު ފަހުން ހަޅޭއްލަވާ ރުޅިދައްކާ ފަހުން މާކް އެތިފަހަރެއް ޖެހުމުން އަޑުން އަޑުނަގާ ރުޔެވެ. މާކް ބުނީ ބޮޑެތިވެފައިވާ ދަރިންނަށް ވިސްނެން ޖެހޭނެކަމަށާއި އޭނައާއި ޒެފްރީނާގެ ކައިވެނީގެ ގުޅުން ނިމުނީ ކަމުގައެވެ. އަސްލަން އެރޭ ބާރއަކަށް ދިޔަގޮތަށް މަސްތު ހާލުގައި ގެއަށް އައިގޮތަށް މީހާ އޮތީ ދެމިފައެވެ. ހުރިހާ ނިއުމަތްތަކާއި މުއްސަދިކަމާއެކުގައިވެސް ރޫހާނީ ހިތްހަމަޖެހުމެއް ނުލިބެއެވެ. ގޭތެރެއިން ފެންނަނީ މާޔޫސްކަމެވެ. ފަޅުކަމެވެ. އަސްލަންއާއި ޚައިރާގެ މައްސަލައަކަށްވީ ކުރިންވެސް މައިންބަފައިންގެ ލޯތްބާއި އަޅާލުން އެންމެ ފުރިހަމަގޮތުގައި ނުލިބުމެވެ. އެމީހުން ވަޒީފާގައި ގިނަވަގުތު ހޭދަކުރިކަމެވެ. މިހާރު އެދެމަފިރިން ވަކިވެ އެކުދިން މާޔޫސްކަމުގެ ކަނޑަކަށް ވައްޓައިލީއެވެ.
***
ސިއާރާ ވައިބަރ ކުރި ވީޑިއޯ ހުޅުވުމާއެކު ފެނުނީ އެ ނިރުބަވެރި މޫނެވެ. ހާރިސްއެވެ. އެ ކަޅުކަން ގަދަ ބުމައާއި ރީތި ލޮލުގެ ސަބަބުން ޖާދޫގައި ޖެހި އޭނަ ކިޔާ އެއްޗެއް އަޑުއަހަން މަޖުބޫރުކުރުވިއެވެ. ދީނީ ދަރުސްއެކެވެ. ހާރިސްގެ ދަރުސް އަމާޒުވެފައިވަނީ ދީން ގަބޫލުނުކުރާ މީހުންނަށެވެ. ކަލަކު ވޮޑިގެންވާކަން ބުނެދޭން އޭނަ ދައްކަމުން ދިޔަ މިސާލުން ދަރުސް އިތުރަށް ޝައުގުވެރިކުރުވިއެވެ. ކުރު ވީޑިއޯއެއް ކަމުން ނިމުނުލެއް އަވަސްވެ ޝަކުވާ އުފެދިފައި ޚައިރާ ދެވަނަފަހަރަށް އަދި ތިންވަނަ ފަހަރަށްވެސް އެ ވީޑިއޯ ބަލާލައިފިއެވެ. އެވަރުންވެސް ހާރިސްގެ އަޑު އަދި މޫނު ދެކެ ފޫހިވުމެއްނެތި ތަކުރާރުކޮށް އެ ބަލަން އިދެވުނީއެވެ. އެންމެފަހުން ސިއާރާއަށް މެސެޖްކޮށްލިއެވެ.
"ކީއްވެ މި ފޮނުވީ؟ އަހަރެން ހިޔެއް ނުކުރަން ސިއާރާ މުސްލިމުންނަށް ތާއީދުކުރާކަމެއް އަދި އެމީހުންގެ އެއްޗެހި ބަލާ އުޅޭކަމެއް. އޭނަގެ ފޭންއެއް ނޫނީ؟"
"ޔޫޓިއުބް ހާވަނިކޮށް ފެނުނީމަ ބަލަން ހިތް ޖެހުނީ...އެހެންނޫނަސް މީގައި މިބުނެދެނީ ކަންތައް ހުރިގޮތް. ދީން ގަބޫލުނުކުރާ މީހުންނަށް މިއިން އެއްޗެއް ވިސްނޭނެ. ކިހާ ސަޅި. ހިތުގެ އެންމެ ފުންމިނުގައިވެސް އޭނަގެ ހިތުގައި ހެއްދެވި ފަރާތަށް އޮތް ލޯބި މި ލެކްޗާއިންވެސް ދެނެގަނެވިއްޖެ....."
"ނޮޓް ބޭޑް. އެކަމަކު އަހަންނަކީ އެހެން ދީނެއްގެ މީހެއް. ބައްޕަ މުސްލިމުންދެކެ ނަފްރަތުކުރައްވާ. ސަބަބަކީ އެމީހުންނާއި ހެދި އެލީސާ އަބަދަށްޓަކާ ވަކިވެގެން އެ ދިޔައީ.އެކަމަކު ލެކްޗާސްތައް ފޮނުވައްޗޭ......"
"އޯކޭ...އަދި އެއް ވާހަކަ.އަހަރެމެންގެ މަންމައާއި ބައްޕަ މެރީކުރަން އުޅޭކަން ޚައި އަށް އެނގޭ ދޯ. އަހަރެމެން އެއް ފެމިލީއަށް ވާން އުޅޭކަން؟" ސިއާރާ ސުވާލުކޮށްލިއެވެ.
"އުފާވޭތަ؟"
"ނުވޭ........"
"މަ ވެސް އެކަމާއި ދެކޮޅު. އެކަމަކު މަންމަ އަހަރެމެން ދޫކޮށްފައި ރާއްޖެއަށް ބަދަލުވެއްޖެ. ބައްޕަގެ ޚިޔާލު ބަދަލުވާނެހެން ހިޔެއްނުވޭ. ޕޭރެންޓްސްގެ ނިންމުމަށް އެއްބަސް ނުވެ ކުރާނެ ކަމެއްވެސް ނެތް..އެނީވޭސް ހާރިސްއަކީ ބޯއިފްރެންޑްތަ؟"
ސިއާރާ ފޮނުވީ ހެމުންދާ އިމޯޖީއެކެވެ.
"ހީޒް މޯ ލައިކް އެ ބްރަދާ..އެކަހަލަ އެއްވެސް ފީލިންގްސް އެއް ނެތް. އެހެންނޫނަސް އޭނަގެ އަޅުވެރިކަމާއި ދީނަށް ލޯބިކުރާވަރުން އަހަރެން ކަހަލަ މީހަކާއި ނުގުޅެއެއްނު. އަހަރެންގެ ކައިވެނި ހަމަޖެހުނީ ޚައިރާގެ ބޭބެއާއި ދޯ. އެކަމަކު އެވެސް އެކަށީގެންވާ ކަމެއްހެން ހިޔެއްނުވޭ. ފެމިލީ ގުޅުވަން އެހާވަރުން ބޭނުމިއްޔާ މަންމަމެން މެރީކުރުމުން އެ ޑްރީމްވެސް ފުރިހަމަވެފައި އެއޮތީ. އެހެންވީމަ އިތުރަށް ޕްރެޝާ ކުރާނެހެން ހިޔެއްނުވޭ.."
"ކީއްވެ އަސްލަންއާއި މެރީކުރަން ސިއާރާ ތި ދެކޮޅުހަދަނީ؟ އޭނަ ހިތުގެ އޮޕަރޭޝަން ޑޮކްޓަރަކަށްވާން ކިޔަވަމުން އެދަނީ..." ޚައިރާ ހިތްހަމަނުޖެހި އަނގަޔަށް ވައްތަރެއް ޖެއްސިއެވެ. ޔަގީނެވެ. ހާރިސްއަށްޓަކާ ހިތުގައި އިހުސާސަކާއި އުއްމީދެއް އޮތީއެވެ. އޭނަ ހާރިސްއަށް ލޯބި ހުށަހަޅައިގެން އެދެމެދަށް ވަނުން ކިހިނެއްވާނެ ބާވައެވެ.
ސިއާރާ ހަގީގީ ސަބަބު ބުނަން ބޭނުމެއްނުވިއެވެ. އަސްލަންއަށްޓަކާ އޭނަގެ ހިތުގެ ކަނެއްގައި އަބަދުވެސް ޚާއްސަކަމެއް އޮވެއެވެ. އެއީ ލޯބިކަމެއް ނުވަތަ ކުލުނުކަމެއް ނޭގެއެވެ. ކޮންމެވެސް ކަހަލަ އިހުސާސްތަކެއްވިޔަސް ޔަގީނުންވެސް އަސްލަންއަށްވުރެ ލޯބިވެވުނީ ދީންދެކެއެވެ. އެވަރު އޭނައަށް ފުދެއެވެ. މާތްﷲދެކެ ލޯބިވާން ދަސްކުރުމުން އެކަނިވެރިކަމެއް އިހުސާސް ނުކުރެވޭނެއެވެ. އެންމެ ލޯބިވާން ޖެހެނީ ތިމާ ހެއްދެވި ފަރާތް ދެކެ ނޫންހެއްޔެވެ؟ އެ ލޯބިން ހިތް ފުރިއްޖެއްޔާ ދުނިޔޭގެ ހުރިހާ މުސީބާތެއް ކުޑަވާނެއެވެ. އޭނަ މުސްލިމެއްކަން ސިއްރުކޮށްގެން ހުރުމުން މިފަދަ ކިތަންމެ މައްސަލަތައް ނިކުންނާނެއެވެ. މަންމައަށްޓަކާ ނޫންނަމަ އެ ކަން ފޮރުވަންވީ އެއްވެސް ސަބަބެއްނެތެވެ. އޭނަގެ ހަމައެކަނި ބިރަކީ އޭނަ މުސްލިމެއްކަން އެނގުމުން މަންމަ ކަންތައް ކުރާނެ ގޮތެއް ނޭގޭތީއެވެ.
***
ހާރިސް ކާރުން ފައިބައިގެން މަޑު ހިނގުމެއްގައި އަންނަތަން ފެނިގެން ޚައިރާ ދުވަމުން ދުވަމުން ތިރިއަށް އައެވެ. ކެތްރީންމެންގެ ގޭގައި ޖަހާފައިވާ ފެންސާއި އަރާ ހަމަވީއިރު ޚައިރާއަށް ހުރެވުނީ ހާރިސްގެ ކުރިމަތީގައެވެ.ވިރެމުންދިޔަ ސްނޯތައް މަގުގެ ދެފަރާތުގައި ސްޕޮންޖްކޮޅުތައް ހެން ވިހުރިފައި ހުއްޓެވެ. މާހައުލުގައި އުދަގޫ ފިނިކަމެއް ހިފާލާފައިވިއެވެ.
"ހޭއި......" ޚައިރާ ގޮވައިލިއެވެ. އޭނަ ފިޔާތޮށިކުލައިގެ ކެހެރި ހެދުމަކާއި ތޮތްޕެއް އަޅައިގެން ހުރުމުން އެކުލަ ކޯތާފަތަށް ފާއްދާފައިވާފަދައެވެ.
"އަހަންނަށް ހާރިސް އެނގޭ. ކުއްޖަކު ފޮނުވި ވީޑިއޯއެއް ބެލިން. ނައިސް.އިންފެކްޓް އިޓް ވޯޒް ގްރޭޓް. ޔޯ އައިސް....ގޯޖަސް..." ޚައިރާ އެއް ނޭވާއިން ހުރިހާ އެއްޗެއް ކިޔާލައިފިއެވެ. ކަޅުކަންގަދަ ލޮލުގައި އަނދުން އަޅާފައިވުމުން ލޮލުގެ ރީތިކަމާއި ތޫނުކަން އިތުރުވެ އަޖައިބެއްފަދަ އަސަރެއް ލޮލުގައިވިއެވެ. ބަލައިލަން އުދަގޫވާފަދަ ގޮތެއް އެކަޅީގައި ވިއެވެ. ބޭއިޚުތިޔާރުގައި އެލޮލަށް ތައުރީފު ކުރެވުމުން އެމޫނު ރަތްވެގެން އައިގޮތް ހާރިސްއަށް ފެނުނެވެ. އޭނަ ފެނުމުން ޚައިރާގެ ހިތުގައި އުފެދިގަންނަ މަސްހުނި ޖަޒުބާތުތައް ރަގަޅަށް އެނގުނެވެ. ފޯނަށް ނަޒަރު ތިރިކޮށްލެވުނެވެ.
"ތެންކިއު..." ހާރިސްގެ މޫނުމަތިން ފެނުނީ ސީރިޔަސް ކުލަވަރެކެވެ.
"އައިމް ސޮރީ ކުރީ ދުވަހު ފުލުހުންނާއި ހަވާލުކުރެވުނީމަ. އެނގޭތަ؟ ހަމަ ތިގޮތަށް ތުނބުޅި ބަހައްޓައިގެން އިސްތަށިގަނޑު ދިގުކޮށްފައިވާ ބަޔަކު އެލީސާ މަރައިލީ....އެހެންވެ އަހަރެން އެފަދަ މީހުން ފެނުނީމަ ބިރުގަނޭ........................"ޚައިރާ ދެއަތް ދެއަތާއި މޮޑެލަމުން އެކި ފައިމައްޗަށް ބުރަވަމުން ދިޔަގޮތުން ސިކުނޑިވެސް އެންމެ ފަހަރަކުވެސް މަޑުނުވާފަދައެވެ.
"ޚައި...."އަސްލަންގެ އަޑު ކަންފަތުގައި ޖެހުމާއެކު ޚައިރާގެ ހިތްވެސް ސްނޯ ފަދައިން ވިރިގެން ފައިބައިގަތްފަދައެވެ. ނިރުބަވެރިޔަކާއި ވާހަކަދެއްކުނީތީ ކުށުގެ އިހުސާސް ތެރެއަށް ހިތް ގެނބިގަތެވެ. އަސްލަން އައިގޮތަށް ޚައިރާގެ ކޮނޑުގައި އަތް ބާއްވަމުން ގަޔާއި ކައިރިކޮށްލީ ހިމާޔަތް ދޭފަދަ ގޮތަކަށެވެ. ހާރިސްއާއި އަސްލަންގެ ކަޅި ބައްދަލުވީ ހިނދު ދެމީހުންގެ ލޮލުންވެސް ފެންނަން ހުރީ ބީރައްޓެހިކަމާއި ނުރުހުމުގެ ކުލަތަކެވެ.
ނުނިމޭ