ވޭތުވެ ދިޔަ ދެ އަހަރެއްހާ ދުވަހު ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ކުޅަދާނަ، ވިސްނުންތެރި އަދި ވަފާތެރި ކައްޕިތާނެއް ދިވެހި ދައުލަތުގެ ހުންގާނުގައި ނުހުންނެވި ނަމަ އޮޑި ފަރަށް އެރީސްކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ޤާނޫނަށް އިސްލާހުގެނައުމަށް ހުށަހަޅާފައިވާ ބިލަށް ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ރާއްޖެއަށް ކުރިމަތިވި އެއްމެ ބޮޑު އިމްތިހާނަކީ ވޭތުވެ ދިޔަ ދެ އަަހަރު ތަހައްމަލު ކުރަމުންދިޔަ ކޮވިޑުގެ ބަލިމަޑުކަން ކަމަށެވެ.

އެ ދެ އަހަރު ދިވެހިންގެ ތާރީޚުގައި ލިޔެވިގެންދާނީ ނާއުއްމީދުވެފައިވާ ނުތަނަސްވެފައިވާ، ބިރުވެރި ދެ އަހަރުގެ ގޮތުގައިކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.

އެ މުއްދަތުގެ ތެރޭގައި ހީނުކުރާ އެތައް އިޤްތިޞާދީ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މައި އެއާޕޯޓު ބަންދުކުރަން ޖެހިދާނެ އެކޭ ހިތަށް ދުވަހަކުވެސް ގެނެވިފަައެއް ނޯންނާނެ. ފަތުރުވެރިން ނިންދަވަން ތައްޔާރުކުރި އެނދުތަކުގައި ބަލިމީހުން ބައިތިއްބަން ޖެހިދާނެ ކަމަކަށް ތަސައްވަރު ކުރެވިފައެއް ނޯންނާނެ" ސަލީމް ވިދާޅުވިއެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށްވުރެއް ތަަރައްޤީ އެތައް ޤައުމުތަކެއްގެ އިޤްތިޞާދު ދަށަށްދިޔަކަމަށާއި އެ ޤައުމުތަކުގެ ރައްޔިތުން އުޅުނު ދަތިހާލުގެ ވާހަކަ ބަޔާންކޮށް އަވައްޓެރި ސްރީލަންކާއިން މިސާލު ޖައްސަވަމުން މެންބަރު ވިދާޅުވީ ރާއްޖެފަދަ ޤައުމަކަށް މި ކަންކަމުން އަރާގަނެވޭނީ ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ.

އެގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތާ ވެރިއެއްގެ މޮޅު ހިކުމަތަތެރިކަންމަކީ އެކަމުގެ ސިއްރުކަމުގައި މެންބަރު ފާހަގަކުރެއްވިއެވެ.