20 Apr 2022, 10:35
ޓެލެގްރާމުން އެންމެ ފަހުން ނެރުނު އަޕްޑޭޓާއެކު ޗެޓްތައް އޮޓޯ-ޑިލީޓްކޮށް، ނޮޓިފިކޭޝަންތައް މިއުޓް ކުރެވޭ ގޮތް ހަދައިފިއެވެ.
ޓެލެގްރާމުން ގެނައި އެ ބަދަލަކީ އެ އެޕް ބޭނުންކުރާ މީހުންނަށް ފަސޭހަކޮށްދިނުމަށާއި ޕްރައިވެސީ އިތުރު ކުރުމަށް ގެނައި ބަދަލުތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ޓެލެގްރާމް މިހާރު ބޭނުން ކުރާ ފަރާތްތަކަށް "ކަސްޓަމް ނޮޓިފިކޭޝަން ސައުންޑް" އިޚްތިޔާރު ކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އެހެންކަމުން މެސެޖް ޓޯންގެ ގޮތުގައި އަމިއްލަ އަޑުތައް ދެން ބޭނުން ކުރެވޭނެއެވެ. އެގޮތުން، އަމިއްލަ އަޑުތަކުގެ ގޮތުގައި ބޭނުން ކުރެވޭނީ ފަސް ސިކުންތައް ވުރެ ދިގު ނޫން، 300 ކޭބީގެ އަޑުތަކެވެ.
ޓެލެގްރާމްގެ ސެޓިންސްގައިވާ ނޮޓިފިކޭޝަންސް އަދި ސައުންޑްސްއަށް ދިޔުމުން ނޮޓިފިކޭޝަން ސައުންޑް ބަދަލުކުރެވޭނެއެވެ.
އައު އަޕްޑޭޓާއެކު ޓެލެގްރާމްގައިވާ ޗެޓްތައް އެމީހަކު ބޭނުންވާ މުއްދަތަކަށް މިއުޓް ކުރެވެއެވެ. އެގޮތުން އަށް ގަޑިއިރާއި ދެ ދުވަހާ ހަމައަށް ޗެޓްތައް މިއުޓް ކުރެވެއެވެ. ޗެޓްތައް މިއުޓްކުރުމަށްޓަކައި ސެޓިންސްގައިވާ "ޑިސޭބަލް ސައުންޑް"އިން ނޮޓިފިކޭޝަންތައް މިއުޓް ކުރެވޭނެއެވެ.
މީގެ އިތުރުން، ޓެލެގްރާމް ބޭނުން ކުރާ ފަރާތްތަކަށް ޗެޓްތައް އޮޓޯ-ޑިލީޓްކުރުމަށްޓަކައި ވަކި ގަޑިއެއް ސެޓް ކުރެވޭނެއެވެ. އަދި އިޚްތިޔާރުކުރި ގަޑިއަށްފަހު އޮޓޮމެޓިކުން ޗެޓްތައް ޑިލީޓް ވެގެންދާނެއެެވެ. އެގޮތުން ޓައިމާ އޮޕްޝަންތަކުގެ ތެރެއިން އެއް ގަޑިއިރުތެރޭ ނުވަތަ އެއް ދުވަސް ނުވަތަ ހަފްތާއެއް ނުވަތަ އެއް މަސް ތެރޭ ޗެޓްތައް އޮޓޯ-ޑިލީޓްކުރުމަށްޓަކައި ގަޑިއެއް ސެޓް ކުރެވޭނެއެވެ.