21 Apr 2022, 12:09
ކޯޓު އަމުރެއްގެ ދަށުން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫގެ ގެކޮޅަށް ފުލުހުން ވަދެއްޖެއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ފުލުހުން ހ. ދޫވެއްސަށް ވަދެފައި ވަނީ އެ ގޭގެ ބޭރުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ބެނާ ނެގުމަށެވެ. އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަ ގޭގެ ބޭރުގައި ހަރުކޮށްފައިވާ ބެނާ މިހާރު ވަނީ ނަގާފައެވެ.
މާލޭގެ ގެތަކުގެ ބޭރު ފާރުގައި ދަމާފައިހުރި "އިންޑިއާ އައުޓް" ބެނާތައް ނެގުމަށް އިއްޔެ ފުލުހުން ވަނީ އަންގައިފައެވެ.
ބެނާތައް ނަގަން ކޯޓު އަމުރު ނެރިފައިވަނީ ރޭ ފަތިހި 4:50 ގައެވެ.
ޕީޕީއެމް އިމާރާތް ހުންނަ ހ. ހުރަފާގެ އިތުރުން ރައީސް ޔާމީންގެ ގެކޮޅު ހ. ދޫވެހިގެ ބަލާ ފާސްކުރުމަށް ނެރިފައިވާ އަމުރުގައި ބުނެފައިވަނީ, ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ބުރޫއަރައި އާންމު މަސްލަހަތަށް ގެއްލުމަށް ހިތްވަރުދޭ ފަދަ ފޮތިގަނޑެއް ދަމާފައި ހުރުމުން އެ ނެގުމަށް އެންގުމުން ވެސް ނަގާފައި ނުވާތީ, އެމައްސަލައަށް ބޭނުންވާ ހެއްކާ ގަރީނާ ހޯދުމަށް އެ ގެތަކަށް ވަނުމަށް އެދޭ ކަމަށެވެ.
ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައިހުރި ބެނާ ނެގުމަށް ފުލުހުން ވަނުމުން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވީ, ކޯޓު އަމުރުގައި ބެނާ ނެގޭނެ ކަމަށް ބުނެފައި ނުވާތީ އެކަން ނުކުރުމަށް އެދިފައި ވާ ކަމަށެވެ.
ނަމަވެސް ތިން ގަޑިއިރެއްހާއިރުގެ މަސައްކަތުން ފުލުހުން ވަނީ އެ ބެނާ ނަގައިގެން ގެންގޮސްފައެވެ.
މާލޭގެ ގެތަކުގެ ބޭރު ފާރުގައި ދަމާފައިހުރި "އިންޑިއާ އައުޓް" ބެނާތައް ނެގުމަށް އިއްޔެ ފުލުހުން ވަނީ އަންގައިފައެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވުމުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވަނީ ގަރާރެއް ވެސް ނެރުއްވައިފައެވެ.