22 Apr 2022, 00:06
މޮސްކޯ (21 އެޕްރީލް 2022): ރަޝިޔާއިން އިއްޔެ ތަޖުރިބާކުރި އެއްބައްރުން އަނެއް ބައްރަށް ހަމަލާދޭ ސްޓްރެޓީޖިކް މިސައިލަކީ ދުޝްމަނުންނަށް ދިން އިންޒާރެއްގެ ގޮތުގައި ރައީސް ވްލަޑީމީރު ޕޫޓިން ސިފަކުރައްވައިފިއެވެ.
ގާތްގަނޑަކަށް ހަ ހާސް ކިލޯމީޓަރުގެ ރާސްތާއެއް އެއްހުންނަ "ސަމްރަތު" ނަމަކަށްކިޔާ އެ މިސައިލަކީ ގިނަ އަދަދެއްގެ ނިއުކްލިޔާ ހަތިޔާރު ހަރުކުރެވޭ މިސައިލެއްކަމާއި މިއީ ރަޝިއަށް ނުރައްކާކުރަން ރާވާ ގައުމުތަކަށް ރަޝިއާގެ އަސްކަރީ އަދި ޓެކްނޮލޮޖީގެ ގާބިލްކަން ވަޒަންކުރަން ލިބުނު ފުރުސަތެއްކަމަށް ޕޫޓިން ވިދާޅުވިއެވެ.

ސަމްރަތު މިސައިލް އުދުއްސާލަނީ
މިސައިލް ތަޖުރިބާއަށްފަހު ރަޝިއާގެ ސިފައިންނާ މުޚާތަބު ކުރައްވައި ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ޕޫޓިން ވިދާޅުވީ "ސަމްރަތު" މިސައިލްއަކީ އެފަދަ ދެވަނަ މިސާލެއް ނެތްފަދަ ބާރުގަދަ ހަތިޔާރެއްކަމަށާ އެއީ ރަޝިއާގެ އަސްކަރިއްޔާގެ ބާރުހުރި މިންވަރު ދައްކައިދޭ ހަތިޔާރެއް ކަމުގައެވެ.
"ސަމްރަތު" އަކީ ޔޫރަޕާއި އެމެރިކާގެ ކޮންމެތަނަކަށްވެސް ހަމަލާދެވޭފަދަ ބާރުގަދަ މިސައިލަކަށް ވުމުގެ އިތުރުން އެއީ ދުނިޔޭގައި މިހާރުހުރި މިސައިލް އައްޑަނައިގެ ހުރިހާ ނިޒާމުތަކެއް ފޫއަޅުވާލައި އޭގެ އަމާޒަށް ވާސިލް ވުމުގެ ގާބިލް ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އުފައްދާފައިވާ މިސައިލެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިއާ އަލަށް ތަޖުރިބާކުރި ސަމްރަތު މިސައިލް
މި މިސައިލް އުފެއްދި ރަޝިއާގެ ފަޒާއާ ބެހޭ އިދާރާއިން ބުނާގޮތުން "ސަމްރަތު" މިސައިލަށް ހުރަސްއެޅުމާއި އެމިސައިލް ވައްޓާލުމުގެ ގާބިލުކަން އެމެރިކާވެސް ހިމެނޭގޮތަށް ނޭޓޯގެ އެއްވެސް ގައުމެއްގައ ނުހުންނާނެއެވެ.
"ސަމްރަތު" މިސައިލަކީ 10 ނިއުކްލިޔާ ވޯހެޑަށްވުރެވެސް ގިނައިން ނިއުކްލިޔާ ހަތިޔާރު ހަރުކުރެވެގޮތަށް ދުނިޔޭގެ ގައުމަކުން މިހާތަނަށް އުފެއްދި އެންމެ ފުރަތަމަ މިސައިލްވެސް މެއެވެ. ނިއުކްލިޔާ ހަތިޔާރުގެ ބަދަލުގައި ގޮވާބާވަތުގެ އެހެން ވޯހެޑްތައް ހަރުކުރުގެ ގާބިލްކަންވެސް މި މިސައިލަށް ލިބިފައިވެއެވެ.
ތަޖުރިބާ ކުރުމުގެ ގޮތުން މި މިސައިލް ފޮނުވާލާފައިވަނީ ރަޝިއާގެ ހުޅަނގު އުތުރުގައިވާ އަސްކަރީ ސަރަހައްދަކުންނެވެ. މިސައިލް އަމާޒުކޮށްފައިވަނީ ރަޝިއާގެ އިރުމަތީގައި އޮންނަ ކަމްޗަޓްކާ ސަރަހައްދުގައިވާ ޕޮއިންޓަކަށެވެ. އެޕޮއިންޓަށް އެމިސައިލް ވާސިލްވިކަން ރަޝިއާގެ ފަޒާއާ ބެހޭ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
"ސަމްރަތު" މިސައިލް އަކީ މީގެ ހަ އަހަރުކުރިން ފެށިގެން އުފެއްދުމަށް ރަޝިއާ މަސައްކަތްކުރަމުން ގެންދިޔަ މިސައިލެކެވެ.