21 Apr 2022, 22:15
އައްޑޫ ސިޓީގައި އުމުރުން ހަ އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 59 އަހަރުގެ އާމިންދިޔެ (އާމިންދައްތަ)ގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާ، މިނިވަންކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރުމާމެދު ގޮތެއް ނިންމުމަށް އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅުނު ކަމަށެވެ. އަދި، އެ މައްސަލައިގައި ކުށް ސާބިތުކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕީޖީ އޮފީހުން މިއަދު ނިންމާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.އެއާއެކު، މިރޭ އާމިންދައްތަ ބަންދުން ދޫކޮށްލާފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެ މައްސަލައިގެ ވަށައިގެން ހުރި ހުރިހާ ކަމެއް ބަލައި، އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދުމަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ. ނަމަވެސް، އިތުރު މީހަކަށް އެ މައްސަލައިގައި ތުހުމަތުކުރެވޭނެ އެއްވެސް ހެއްކެއް ލިބިފައިނުވާކަމަށް ފުލުހުން ބުންޏެވެ.
އާމިންދައްތަގެ އާއިލާގެ މީހުން ބުނާ ގޮތުގައި އެ ކުއްޖާއަށް ގޯނާކުރީ ކާފަ ކަމަށް އެ ކުއްޖާ ވަނީ ތަހުގީގަށް ކިޔައިދީފައެވެ. އެކަމާ ގުޅިގެން އާމިންދައްތަ ދޫކޮށްލުމަށް ގޮވާލައި އެ ރަށުގައި ވަނީ އެއްވުންތަކެއް ވެސް ބާއްވާފައެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު އާމިންދައްތަ ހައްޔަރުކޮށްފައި ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އެ އަމުރު އާމިންދައްތަގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު, މިއަދު ކުރި ހުކުމުގައި ވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ތާއިދުކޮށްފައެވެ.
އެ ހުކުމުގައި ވަނީ އާމިންދައްތަ ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ފުލުހުން ހުށަހެޅި ހެކިތަކަށް ބަލައި ރަނގަޅަށް ކަމަށް ބުނެފައެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވަނީ އިއްތިފާގްވެފައެވެ.