ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނެގެހެއްޓުމަށް ދިވެހި ރައްޔިތުން ކުރަމުން ގެންދާ ކަންކަމަށް ހުރަސް ނޭޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

އިންޑިއާ އައުޓް ގޮވުން ރައީސްގެ ގަރާރަކުން މަނާކޮށްފައިވަނިކޮށް، އެ ގަރާރަށް ފާޑުކިޔައި އިންޑިއާ އައުޓަށް ގޮވި މުދައްރިސަކަށް ފިޔަވަޅު އެޅުމާ ގުޅިގެން އެ ކަން ކުށްވެރިކޮށް އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ރައީސްގެ ގަރާރަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ރައީސަށް ރިޔާސީ ގަރާރު ނެރުމަށް ބާރުދީފައިވާ ތިން ޙާލަތުން ކުރެ ޙާލަތަކަށް ފެތޭ އެއްޗެއް ނޫން ކަމަށެވެ.

އެހެންކަމުން އެއީ ބާތިލް ގަރާރެއް ކަމަށާއި އެއާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުގައްޔާއި ސިވިލް ސާވިސް ވަޒީފާތަކުގައި ތިއްބެވި މުވައްޒަފުންނަށް ބިރުދައްކާ، ވަޒީފާއިން ސަސްޕެންޑްކޮށް އަދި ވަޒީފާއިން ވަކި ކުރަމުން ގެންދިއުމަކީ އެ ކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ބޮޑު ބިރަކީ، އިންޑިއާއެކު ހަދަމުން ގެންދާ ގޮތް ނޭނގޭ އެއްބަސްވުންތަކާއި، ދިވެހި ފަސްގަނޑުގައި އިންޑިއާގެ އަސްކަރިއްޔާގެ ބާރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެން ދިއުން،" އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާ އައުޓްގެ ހަރަކާތްތަކާ ގުޅިގެން އަޅަމުން ގެންދާ ފިޔަވަޅުތަކުގައި ގާނޫނީ އެއްވެސް ބުރަދަނެއް ނުހުންނާނެ ކަމަށް ބުނެ އިދިކޮޅުގެ ބަޔާނުގައި ވަނީ ރައީސްގެ ގަރާރަށް ފާޅުގައި ގޮން ޖަހައިފައެވެ.

ހަމައެހެންމެ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނެގެހެއްޓުމަށް ދިވެހި ރައްޔިތުން ކުރަމުން ގެންދާ ކަންކަމަށް ހުރަސް ނޭޅުމަށް ރައީސަށް ގޮވައިލައްވައި، އެފަދަ އެންގުންތައް ތަންފީޒުނުކުރުމަށް ދިފާއީ ބާރުތަކަށް ވެސް ގޮވާލައިފައިވެއެވެ.

އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕެއިނުގެ ދަށުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ދިރިއުޅުއްވާ ހ. ދޫވެއްސާއި އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަ ގޭގެ ބޭރުގައި "އިންޑިއާ އައުޓް" ލިޔެފައިވާ ބޮޑެތި ބެނާތައް ވެސް ފުލުހުން ވަނީ ނަގާފައެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވުމުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ގަރާރެއް ނެރުއްވާފައެވެ.

ރައީސް ސޮއި ކުރައްވައި ނެރުއްވި "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގައި ހަރަކާތްތައް ހުއްޓުވުން" ގަރާރުގައި ވަނީ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަމާއި ހަމަޖެހުން ގެއްލި، ރާއްޖޭގެ އިގުތިސާދަށާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވުމުގެ ބިރު އޮތް ކަމަށް ބުނެފައެވެ.

އެހެންކަމުން ރައީސް ވަނީ، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ކަނޑައަޅުއްވައި، އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގަވާފައެވެ.