ށ. ކަނޑިތީމުގައި ގެއްލިގެން ހޯދި ތުއްތު ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އުމުރުން އެއް އަހަރުގެ އެ ކުއްޖާގެ އާއިލާއާ ހަވާލާދީ އެރަށުން "ސަން" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ހާދިސާ ހިނގީ މިއަދު ހަވީރު 5:30 ހާއިރު ކަމަށެވެ.

ކަންހިނގި ގޮތް ކިޔާދެމުން އޭނާ ބުނީ އެކުއްޖާގެ މަންމަ މިއަދު ހަވީރު އެ ކުއްޖާ ގޮވައިގެން ފިހާރައަށް ދިޔަކަމަށެވެ. އަދި އެއްޗެހި ގެއަށްލާފަ ނުކުތްއިރު އެ ކުއްޖާ ފެންނަން ނެތްކަމަށް އޭނާ ބުންޏެވެ.

"ގޭތެރެއަށް އެއްޗިހި ލާފަ ނުކުތްއިރު އެ ކުއްޖާއެއް ނެތް. ދެން ހަމަ އަވަށު އެންމެން ވެގެން ހޯދީ. އާންމުކޮށް އަވަށު ގޭގެއަށް އެ ކުއްޖާ ދާނީ،" އޭނާ ބުންޏެވެ.

ތުއްތު ކުއްޖާ މޫދުން ފެނުމާއެކު ހެލްތު ސެންޓަރަށް ގެންދިޔަކަމަށް އޭނާ ބުންޏެވެ.

"ޑޮކްޓަރުން މިހާރު ވަނީ ނިޔާވިކަމަށް ނިންމާފައި،" އޭނާ ބުންޏެވެ.