ފިތުރު އީދުގެ މުނާސަބަތާ ގުޅިގެން އަންނަ ހަފުތާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން ބޭންކް ބަންދުކޮށްފައި ހުންނާނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ހަތް ދުވަހަށެވެ.

އޭގެ ކުރިން، މޯލްޑިވްސް މޮނިޓަރީީ އޮތީރިޓީން ނިންމާފައިވާ ގޮތުގެ މަތިން އަންނަ ހޮނިހިރު ދުވަހު ހެނދުނު 9:30އިން މެންދުރު 12:00އަށް ބީއެމްއެލްއިން ޚިދުމަތް ދޭނެކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެ ދުވަހު ހެނދުނު 11:00ގެ ކުރިން ޖަމާކުރާ ޗެކުތަކާއި، ޕޭރޯލް ރިކުއެސްޓު، އަދި ފައިސާ ފޮނުވުމަށް ހުށަހަޅާ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެ ދުވަހު 11:00ގެ ފަހުން ހުށަހަޅާ ހުށަހެޅުންތައް ޕްރޮސެސްކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތެއްގެ ފަހުންކަން އެ ބޭންކުން ފާހަގަކުރިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ ބޭންކުތައް ހަތް ދުވަހަށް ބަންދުކުރި ކަމުގައި ވިޔަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ އިިތުރުން ފައިސާ ފޮނުވުމުގެ ޚިދުމަތް މެދުކެނޑުމެއްނެތި 24 ގަޑިިއިރު ލިބޭނެ ކަމަށެވެ.

ހަމައެއާއެކު ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގެ ޚިދުމަތްތައް ވެސް އީދު ބަންދުގެ ދުވަސްތަކުގައި ވެސް ލިބިގެންދާނެކަމަށް ބީއެމްއެލްގެ ބަޔާނުގައިވެއެވެ.

ބީއެމްއެލުން ވަނީ އީދު ބަންދު ދުވަސްތަކުގައި އިންޓަނެޓު ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިންގެ ޚިދުމަތް ހޯދުމަށް ކަސްޓަމަރުންގެ ފަރާތުން އެދިފައެވެ. އަދި ޚިދުމަތް ހޯދުމުގައި ދަތިތަކެއް ދިމާނުވާނެހެން ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ޚިދުމަތްތަކަށް އެދި ހުށަހެޅުމަށްވެސް ބީއެމްއެލް އިން ވަނީ ކަސްްޓަމަރުންނަށް އިލްތިމާސް ކޮށްފައެވެ.