01 May 2022, 13:48
ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުކޮށްފައިވާކަން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިއުލާނުކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާނުކުރައްވައިފައި ވަނީ މިއަދު ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ތައުލީމީ ދާއިރާއަށް ބޮޑު ސަމާލުކަމެއް ދެނީ ވިސްނުން ތޫނު، އިލްމީ، ހެޔޮ ލަފާ ޖީލެއް ބިނާ ކުރުމަށް ކަމަށެވެ. މި ކަމުގައި ޓީޗަރުންނާއި އެ ދާއިރާގެ އެންމެހާ މުވައްޒަފުންގެ އަގު ސަރުކާރުން ވަޒަން ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަދު ފެށުނު މެއި މަހާއެކު ޓީޗަރުންގެ މުސާރައަށް އެ މުހިންމު ބަދަލު އަންނާނެ ކަން އިއުލާނު ކުރުމަކީ މި އަހަރުގެ ފިތުރު އީދާއި، މިއަދު ފާހަގަކުރާ މަސައްކަތްތެރިކަމުގެ ދުވަހަށް ލިބިގެންދާ އިތުރު ފުރިހަމަ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ކޮންމެ ގައުމެއްގައި ވެސް ދައުލަތުގެ ކެރި ފޯރުންތެރިކަން ބިނާ ވެފައި އޮންނަނީ އެ ގައުމެއްގެ އިންސާނީ ވަސީލަތްތައް ބިނާ ކުރެވޭ ހަރުދަމާ ކަމުގެ މައްޗަށް ކަމަށާއި ރާއްޖޭގައި އިންސާނީ ވަސީލަތްތައް ބިނާ ކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުލާ ބަޔަކީ ޓީޗަރުން ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އެންމެ ބުރަ ޒިންމާއެއް އަދާ ކުރާ ބަޔަކީ ޓީޗަރުން ކަމަށްވީ ނަމަވެސް ޓީޗަރުންނަށް މިއަދާ ހަމައަށް ވެސް ލިބެނީ އެކަށީގެންވާ އުޖޫރައަށް ވުރެ ކުޑަ އުޖޫރައެއް ކަމަށެވެ.
"ނަމަވެސް، އެ މުހިންމު ޒިންމާ އަދާކުރައްވާ ޓީޗަރުން މިހާތަނަށް ތިއްބެވީ، އެބޭފުޅުން ކުރައްވާ މަސައްކަތަށް ޙައްޤުވާ މިންވަރަށްވުރެ މާ ދަށް އުޖޫރައެއްގައި," ރައީސް ވިދާޅުވިއެވެ.
ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ، ޤައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ޤައުމުގެ ތަރައްޤީގައި ޙިއްޞާވާ، ތަފާތު ދާއިރާތަކުގެ ފަންނުވެރިން އެ ކުރައްވާ މަސައްކަތާ އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް ކަމަށް ވެސް ވިދާޅުވިއެވެ. މި މުހިންމު ފެށުން، ތަޢުލީމީ ދާއިރާއިން ފެށުމަށް ނިންމި ސަބަބަ ކިޔައިދެއްވަމުން ރައީސް ވިދާޅުވިއެވެ.
"މިއީ ހެޔޮ ސާޢަތެއްގައި ފެށުނު ހެޔޮ މަސައްކަތެއް. ޤައުމު ބިނާކުރުމުގައި އަދި ޤައުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގައި ތަޢުލީމީ ދާއިރާއިން ފެށިގެން ޞިއްޙީ ދާއިރާއާއި އަދި އެނޫން ދާއިރާތަކުންވެސް ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި ރެޔާއި ދުވާލު އަވަދިނެތި އުޅުއްވާ ޚިދުމަތްތެރިން ރާއްޖޭގައި ވަރަށް ގިނަ," ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަދު މުސާރައަށް ގެނައި ބަދަލަކީ މުވައްޒަފުން ބަލައިގަންނާނެ ބަދަލަކަށް ވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް ރައީސް ފުރަތަމަ ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދަރިން ބިނާކުރާ އެދުރުން ކަމަށް ވީހިނދު އެ މީހުންނަށް އެކަށީގެންދާ އުޖޫރައެއް ދިނުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ.