08 May 2022, 10:44
އިންޑިއާގައި ހަތަރު ފިރިހެނުން ވެގެން 13 އަހަރުގެ އަންހެން ކުއްޖަކު ގޭންގްރޭޕް ކުރި މައްސަލަ ރިޕޯޓުކުރަން ދިޔުމުން، ފުލުހަކު އެ ކުއްޖާ ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އުއްތަރަ ޕްރެދޭޝްގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި މިދިޔަ ހަފުތާގެ ބުދަ ދުވަހު އެ މައްސަލައާ ގުޅިގެން ފުލުހަކު ވަނީ ހައްޔަރު ކޮށްފައެވެ.
އުއްތަރަ ޕްރެދޭޝްގެ ލަލިތުޕޫރު ޑިސްޓްރިކްޓްގެ ޕޮލިސް ސްޓޭޝަނެއްގައި ހިނގި އެ ހާދިސާގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފުލުސް މީހާ ހައްޔަރު ކޮށްފައިވާއިރު، އޭނާ މަސައްކަަތްކުރަމުންދާ މަރުކަޒުގެ އޮފިސަރަކު ވަނީ އޭނާއަކީ ކުށެއް ނެތް މީހެއް ކަމަށް ބުނެ، މިނިވަން ތަހުގީގެއް ކުރިއަށްގެންދިޔުމަށް ގޮވާލާފައެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް އުއްތަރަ ޕްރަދޭޝްގައި އެފަދަ މައްސަލައެއް ފެންމަތިވެފައިވެއެވެ. އެގޮތުން، އުއްތަރަ ޕްރަދޭޝްއިން އަންހެން ކުއްޖަކު ކިޑްނެޕްކޮށްގެން އަވަށްޓެރި މަދުޔަ ޕްރަދޭޝްއަށް ގެންގޮސް، އެކުއްޖާ ރޭޕްކޮށް، ހަތަރު ދުވަސް ވަންދެން ބެހެއްޓި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އެ މައްސަލާގައި ކުޑަކުއްޖަކު ކިޑްނޭޕްކޮށް ރޭޕް ކުރުމުގެ ތުހުމަތުގައި ހަތަރު ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި ތުހުމަތު ކުރެވޭ އަންހެނަކު ވެސް ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އެ ފަސް މީހުންގެ މައްޗަށް ދައުވާ ކޮށްފައެއް ނުވެއެވެ.
އިންޑިއާގެ ނެޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެގައުމުގައި 2020 ވަނަ އަހަރު، ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ 28،000އަށް ވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވެއެވެ.
އެފަދަ މައްސަލަތައް އިތުރުވަމުންދާތީ، އިންޑިއާގައި ޖިންސީ އަނިޔާގެ ސަގާފަތެއް ދަމަހައްޓަން ފުލުހުން އެހީތެރިވެދޭ ކަމަށް ބުނެ ކުރާ ތުހުމަތުތައް ވަނީ އިތުރުވެފައެވެ.