ދިވެހިބަހުގެ އެކެޑަމީންއައިފޯނަށާއިއެންޑްރޮއިޑްފޯނުތަކަށް ބޭނުންކުރެވޭގޮތަށް ފަރުމާކުރި ދިވެހި ބަހުގެ ރަދީފް އެޕްލިކޭޝަން އިފްތިތާހުކޮށްފިއެވެ.

މިރޭ ބޭއްވި ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ތަރިކަ އާއި ސަގާފަތާއި ތާރީޚާ ބެހޭ ވަޒީރު ޔުމްނާ މައުމޫނެވެ.

އެކަމަނާ ވިދާޅުވީ ދިވެހި ބަސްފޮތުގެ އެޕްލިކޭޝަނަކީ ދިވެހި ބަސް ޓެކްނޮލޮޖީއާ ރައްޓެހިކޮށް ޓެކްނޮލޮޖީގެ އިތުރު މަންސަތަކަށް ގެންދިއުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން ޔުމްނާ ވިދާޅުވީ އެ އެޕްލިކޭޝަންގެ އާ އަޕްޑޭޓެއް ވަރަށް އަވަހަށް އަންނާނެކަމަށާއި، އެ އަޕްޑޭޓަކީ ދިވެހި ބަސް އެހެން ހަރުފަތަކަށް ގެންދިއުމަށް މި ކުރާ މަސައްކަތް ރަނގަޅަށް ދައްކުވައިދޭނެ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"ދެން މި އެޕްލިކޭޝަންގެ އަޕްޑޭޓް ކުރާއިރު ދެ މާނަ ދޭހަވާ ބަސްބަހާއި، އިދިކޮޅު މާނަ ދޭހަވާ ބަސް އަދި އެއް ބަހުން ކުރި ފަޅާފައި ހުންނަ ބަސްބަސް ވެސް އަންނާނެ،" ޔުމްނާ ވިދާޅުވިއެވެ.

ތަރިކަ އާއި ސަގާފަތާއި ތާރީޚާ ބެހޭ ވަޒީރު ޔުމްނާ މައުމޫން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެ ޖަލްސާގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވީ އެ ރަދީފު އެޕްލިކޭޝަންގައި 36،637 ލަފުޒު ހިމެނޭނެކަމަށެވެ. މީގެ އިތުރުން 53 ހާހަށްވުރެ ގިނަ މާނަ އަދި 235،000 ލަފްޒުތަކާއި މާނަތައް އިސްލާހު ކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ އިންސާނަކީ ވެސް ކުށް ކުރެވޭނެ ބައެއް. ކުށެއް ފެނިއްޖެ ނަމަ އަޅުގަނޑުމެންނަށް ފޮނުވާލަދެއްވާ. އަޅުގަނޑުމެން އެކަން ބަލާދޭނަން،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަހީމް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެޕްލިކޭޝަން ފަރުމާކުރި މޯލްޑިވްސް ކޮމްޕިއުޓާ ސޮސައިޓީގެ ރައީސް އަޙްމަދު ނަދީމް "ސަން"އަށް ވިދާޅުވީ އެ އެޕްލިކޭޝަނަކީ ދެ ފިޔަވައްސަކަށް ބަހާލައިގެން ފަރުމާކުރަމުންދާ އެޕްލިކޭޝަނެއް ކަމަށެވެ.

މިރޭ މި ތައާރަފް ކުރި އެޕްލިކޭޝަނަކީ ފުރަތަމަ ފިޔަވަހީގެ ދަށުން ފަރުމާކޮށް ނެރުނު އެޕްލިކޭޝަނެއް ކަމަށް ނަދީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިރޭ އިފްތިތާހުކުރި އެޕްލިކޭޝަންގައި އެހެން އެޕްލިކޭޝަން ތަކުގައި ނުހިމެނޭ ވަރަށް ގިނަ ކަންކަން ހިމެނޭނެކަމަށެވެ.

ނަދީމް ވިދާޅުވީ އެ އެޕްލިކޭޝަނުން ކޮންމެ ދުވަހަކު "ދުވަހުގެ ބަސް"ގެ ގޮތުގައި އައު ބަހެއް ފެންނާނެ ކަމަށެވެ. އަދި "ދުވަހުގެ ހަރުބަސް"ގެ ނަމުގައި ވެސް ކޮންމެ ދުވަހަކު ހަރުބަހެއް ފެންނާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކު އިނގިރޭސި އަދި ދިވެހި ބަހުގެ ތަރުޖަމާ ލަފްޒެއް ވެސް އެޕްލިކޭޝަނުން ފެންނާނެކަމަށް ނަދީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ރަދީފް އެޕްލިކޭޝަން މެދުވެރިކޮށް އެޕްލިކޭޝަނުގައި ނުހިމެނޭ ދިވެހި ލަފުޒުތައް ދިވެހި ބަހުގެ ސަމާލުކަމަށް ގެނެވޭނެކަމަށެވެ.

"އެޕްލިކޭޝަންގައި ނުހިމެނޭ ލަފުޒުތައް އަދިވެސް ހުންނާނެ. އެޕްލިކޭޝަން މެދުވެރިކޮށް އެކެޑަމީއަށް އެ ލަފުޒު ފޮނުވާލެވޭނެ. އަދި ހަފްތާއެއް ދެ ހަފްތާ ތެރޭގައި އެކެޑަމީން ރިވިއުކުރުމަށްފަހު އެ ލަފުޒު އެޕްލިކޭޝަނަށް ލެވޭނެ،" ނަދީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ބަސް ކޮމެޓީން އަލަށް ހަދާ ލަފްޒުތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް އެ އެޕްލިކޭޝަނުން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ނަދީމް ވިދާޅުވީ އެ އެޕްލިކޭޝަންގެ ދެވަނަ ފިޔަވަހީގެ ދަށުން ދެވަނަ އަޕްޑޭޓް ދެތިން މަސް ތެރޭގައި ނެރެވޭތޯ މަސައްކަތް ކުރާކަމަށެވެ. އެ އަޕްޑޭޓުގައި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ބޭނުންކުރާ ލަފްޒެއްގެ މާނަ އެ އެޕްލިކޭޝަނުން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ދެވަނަ އަޕްޑޭޓުގައި އެޑްވާންސް ސާޗެއް އެޕްލިކޭޝަނުގައި އިންނާނެ. މިސާލަކަށް ބަހެއް ސާޗް ކޮށްލުމުން އެ ލަފްޒަކީ ކޮންތާކު ކިހިނެއް ބޭނުންކުރާ ލަފްޒެއްކަން އެނގިގެންދާނެ،" ނަދީމް ވިދާޅުވިއެވެ.