12 May 2022, 08:36
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ކުރިން ހުންނެވި ސޯޝަލް ލިބެރަލް ޕާޓީގައި ހުންނެވިނަމަ މިއަދު ވަޒީރުކަން ނުލިބުނީސް ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ރޭހުގައި ފައްޔާޒާ ވަދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން ރޭ ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ ކެންޑިޑޭޓުންގެ ބަހުސްގައި ވާހަކަދައްކަވަމުން އިންތި ވަނީ "އެމްޑީޕީ ހިންގާލަން" ސްލޯގަން އަށް ނިސްބަތްކޮށް ރައްދުދެއްވާފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީ އަކީ އަބަދު ވެސް ހިނގާ ޕާޓީއެއް ކަމަށެވެ. އެކަމުގެ ހެއްކަކީ މިއަދު އެމްޑީޕީގެ ވެރިކަމެއް އޮވެފައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ ވެސް ރައްޔިތުންގެ މަޖިލީހުގައި އޮތުން ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވަނީ ޕާޓީ ހިންގާލުމަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި، ވެންޓިލޭޓަރުގެ ޚިޔާނާތް ފަދަ ހިޔާނާތުގެ މައްސަލަ ނުބެލުންތޯ ފައްޔާޒާ ސުވާލުކުރައްވާފައެވެ. .
"ހިންގާލުމަކީ ގެއްލުމުގެ ބަދަލުގައި ވަޒީރާ ގުޅުންހުންނަ ބޮޑެތި ކުންފުނިތަކަށް ބަދަލުގައި ކުންފުންޏަށް ނުވަތަ އާއިލާއަށް ބަދަލު ލިބޭނެ ގޮތް ހެއްދެވުންތޯ؟،" އިންތި ވިދާޅުވިއެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނުގައި އިމްތިޔާޒް ފަހުމީ-- ފޮޓޯ/ ސޯޝަލް މީޑިއާ
ޖަވާބުގައި ފައްޔާޒު ވިދާޅުވީ އޭނާގެ ބޮލުގައި އެފަދަ އަސާސެއް ނެތް ދޮގު އިލްޒާމު އަޅުވާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ. މިއަދު ރައްޔިތުން މަޖިލީހުގައި އިންތި ސުޕަ މެޖޯރިޓީގައި އިންނަވައިގެން އެ މައްސަލަތައް ބަލައި އެ މައްސަލަ ތަކުގެ ހަޤީގަތް ހާމަކޮށްދޭންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
މީހެއްގެ ބޮލުގައި އިލްޒާމެއް އަޅުވައިފިނަމަ ރައްޔިތުންނަށް އެކަން ސާފުކޮށްދޭން ޖެހޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"މަޖިލީހުގެ ކޮމެޓީތައް އެބަހުރި. އެ ކޮމެޓީތަކަށް ހުށަހަޅެންވާނެ. ހުށަހެޅިގެން ދިވެހި ރައްޔިތުންނަށް ދައްކަދޭން އެބަޖެހޭ އަޅުގަނޑުގެ އާއިލާއަށް ބަދަލެއް ދީފައި އޮތްކަމުގައި ވަނީ ނަމަ ކިހިނެއް ވެފައި އޮތްކަމެއްތޯ،" ފައްޔާޒު ވިދާޅުވިއެވެ
ފައްޔާޒު ވިދާޅުވީ ކެމްޕޭނުގައި ބޭނުންކުރާ "ތިލަފަތުގެ ރަަމްޒު" ސްލޯގަންގެ މާނަ އިންތި އޮޅުވާލައްވައިފި ކަމަށެވެ. އޭނާ ވިދާޅުވީ ތިލަފަތުގެ ރަމްޒަކީ މީހުންގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުން ނޫންކަމަށެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނުގައި ފައްޔާޒް އިސްމާއީލް--- ފޮޓޯ/ ސޯޝަލް މީޑިއާ
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އެމްޑީޕީ ނުހިނގާކަން މިއަދު ޗެއާޕާސަން އިންތިޚާބުގައި ރަށްރަށަށް ދިއުމުން އެނގިއްޖެކަމަށެވެ. ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދަން ރަނގަޅު ޖަގަހައެއް ނެތިގެން ޕާޓީ ނުހިންގިފައި ހުރިތަން އެ ދަތުރުގައި ފެނުނު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ތިން އަހަރު ކަޑައްތު ކޮށްގެން ދާއިރުގައި ޕާޓީގެ ބޮޑު ޖަލްސާއެއް ބޭއްވިފައެއް ނެތް،" ފައްޔާޒް ވިދާޅުވިއެވެ.
ފަސް އަހަރުގެ ދައުރަކަށް ޗެއާޕާސަނަކު ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
އެ އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، ދެ ކެންޑިޑޭޓުންގެ މެދުގައި ބަހުގެ ހަމަލާތައް އަންނަނީ ބަދަލުކުރަމުންނެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި އެ އިންތިޚާބަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކުރިމަތިލުމެކެވެ.
ފައްޔާޒުގެ ފަހަތުގައި ރައީސް ޞާލިޙުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ އެމްޑީޕީ މަޖިލިސް މެންބަރުންނާއި އާންމު މެންބަރުން ތިބިއިރު އިންތިގެ ފަހަތުގައި ތިބީ ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ މެންބަރުންނެވެ.