އަތޮޅުތެރޭގައި ކޮވިޑް ފެތުރޭ މިންވަރު މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިިދިޔަ ހަފުތާގައި އަތޮޅު ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ ނުވަ މީހުންނެވެ. އަދި މާލެ ސަރަހައްދުން 37 މީހުން ޕޮޒިޓިވްވި އިރު، އެހެނިހެން ކެޓަގަރީގައި ތިބީ 38 މީހުންނެވެ. އެހެންކަމުން މުޅި ރާއްޖެއިން މިދިޔަ ހަފުތާގައި ޕޮޒިޓިވްވީ 84 މީހުންނެވެ.

މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހުވެސް އަތޮޅުތެރެއިން އެންމެ މީހަކު ޕޮޒިޓިވްވި އިރު، ބުދަ އަދި ބުރާސްފަތި ދުވަހު އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. އަދި މިދިޔަ އަންގާރަ ދުވަހު ޕޮޒިޓިވް ވެފައި ވަނީ އެންމެ މީހެކެވެ.

އޭގެ ކުރީ ހަފުތާގައި މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 91 މީހުންނެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 40 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އަތޮޅުތެރެއިން ޕޮޒިޓިވްވެފައި ވަނީ 24 މީހުންނެވެ. އަދި އެހެނިހެން ސަރަހައްދުތަކުން 27 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 179،837 އަށް އަރާފައެވެ. މި ބަލީގައި މިހާތަނަށް 299 މީހަކު ވަނީ މަރުވެފައެވެ.