ގަވައިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ މަސް ބޯޓެއް ހިފަހައްޓައިފިއެވެ.

މިއަދު އެމްއެންޑީއެފްއިން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ މަސްބޯޓެއް އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ ހަވީރު 17:19ގައި ކަމަށެވެ. އަދި ހުރަވީ ބޯޓަށް އެ މަސް ބޯޓު ހޯދުނީ ރޭ ދަންވަރު 01:27 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެ މަސް ބޯޓު ހިފަހައްޓާފައިވަނީ މ. މުލިން 76 ނޯޓިކަލް މޭލު ދުރުން ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

އެ މަސް ބޯޓުގެ މައުލޫމާތު އެންއެންޑީއެފްއަށް ދީފައިވަނީ "އަލަމޫ 2" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ޖުމްލަ ހަ ފަޅުވެރިން ތިބި އެ މަސްބޯޓު މިހާރު ދަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ލ. ކައްދޫއަށް ދަތުރުކުރަމުން ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.