07 Jun 2022, 21:40
ކުރިއަށް އޮތް އަޞްހާ ޢީދާ ދިމާކޮށް ކ. މާފުށީގައި ފްލޯޓިން ވޯޓާ ޕާކެއް ބާއްވަން އެރަށު ކައުންސިލުން ނިންމައިފިއެވެ.
އެރަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، އީދުގެ ފުރަތަމަ ތިންދުވަހު ހެނދުނު 08:00 އިން 04:00 އަށް އެ ވޯޓާ ޕާކު ބޭނުންކުރެވޭނެއެވެ. ހުރިހާ އުމުފުރާއެއްގެ މީހުނަށް ވެސް ހާއްސަ މި ޕާކުގައި ސަލާމަތީ ރައްކާތެރިކަމަށް ލައިފް ގާޑުން ބައިތިއްބަން ވެސް އެރަށު ކައުންސިލުން ވަނީ ނިންމާފައެވެ.
މާފުށީ ކައުންސިލްގެ ރައީސް ހަސަން ޞަލާހް ވިދާޅުވީ ދޮންމަނިކު ސްކައިވިއު ރެސްޓޯރަންޓުން ސްޕޮންސާކުރާ މި ޕާކަކީ 4500 އަކަފޫޓަށްވުރެ ބޮޑު ޕާކެކެވެ. މި ވޯޓާ ޕާކު ބާއްވަން ހަމަޖެހިފައިވަނީ އެ ރަށު ކުޑަކުދިންގެ ޕާކު "މާފަހިވަތި" އާ ދިމާ މޫދުގައެވެ.
"ފަސް ވަރަކަށް ދުވަހަށް އީދު ބަންދު ދެމިގެން ދާނެތީ އަޅުގަނޑުމެން އެސްޓިމޭޓް ކުރަނީ އަށްހާހެއްހާ މީހުން އީދުގަ ރަށަށް އަރާނެކަމަށް،" އޭނާ ވިދާޅުވިއެވެ.
މަފުއްޓަކީ މިވަގުތު ލޯކަލް ޓުއަރިޒަމް އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް ރަށުގެ އިތުރުން ވޯޓާ ސްޕޯޓްސް ވެސް އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް ރަށެވެ. އެގޮތުން 1600 ބެޑް ކެޕޭސިޓީ ހުރި އިރު މިހާރު ވެސް އީދަށް ބައެއް ގެސްޓް ހައުސްތައް ވަނީ ބުކް ކޮށްފައެވެ.
ބޮޑު އީދާ ދިމާކޮށް ކޮންމެ ވަގުތަކު ވެސް އެރަށަށް ޒިޔާރާތްކުރެވޭނެ ގޮތް އެރަށު ކައުންސިލުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން އަބަދު ފެރީގެ ޚިދުމަތް ލިބުމުގެ އިތުރުން މާފުށިން ފުރަން ބޭނުންވާ މީހުނަށް ކޮންމެ ވަގުތަކު ވެސް ފުރޭނެ އިންތިޒާމު ކައުންސިލުން ހަމަޖައްސާފައި ވާކަމަށް ވެސް ޞަލާހު ވިދާޅުވިއެވެ.
މިއަހަރުގެ ފިތުރު އީދު ވެސް އެންމެ ކުލަގަދަކޮށް ފާހަގަކުރީ މާފުށީގައެވެ.