10 Jun 2022, 00:16
ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކުރާ ދަޢުވާއަކީ އަދާވާތްތެރި ދައުވާއެއް ކަމަށް ދިފާއީ ވަކީލުން ވިދާޅުވެއްޖެއެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދަޢުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދަޢުވާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދަޢުވާ އުފުލާފައެވެ.
މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ އިބްތިތާއީ ބަޔާންތައް ދެ ފަރާތުން ވެސް އިއްވާފައެވެ.
ޔާމީންގެ އިބްތިތާއީ ބަޔާން ހުށަހަޅުއްވަމުން ދިފާއީ ވަކީލުން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް، ރައީސް ޔާމީންގެ ވެރިކަމުގައި ފިޔަވަޅު އަޅާފައިވާތީ އެ ބޭފުޅުން ޔާމީނާ މެދު އަދާވާތްތެރިކަމެއް އޮވެދާނެ ކަމަށް ބެލެވެން އޮތް ކަމަށް ފާހަގަކުރައްވާފައެވެ.
ވަކީލުން ވަނީ ޔާމީންގެ މައްޗަށް އާރަށު މައްސަލައިގައި ތުހުމަތު ކުރަން ފެށީ ވެސް މި ސަރުކާރުން އެ ދެ ބޭފުޅުންނަށް ލުއިތަކެއް ދިން ފަހުން ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން، ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އަދާވާތްތެރިކަމެއްގެ ތެރެއިން ކުރާ ސިޔާސީ ދައުވާއެއް ކަމަށް ވަކީލުން ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އާރަށު ހިޔާނާތް ރޭވިގެން އައި ގޮތް ތަފްސީލްކޮށް ކިޔައިދީފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީއަށް އާރަށް ބަދަލުކޮށް އެމްއެމްޕީއާރުސީ މެދުވެރިވެގެން އެ ރަށް ކުއްޔަށް ދިނުމުގެ މަސައްކަތް ފަށަން ލަފާ ދިނީ ރައީސް ޔާމީން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އަދި، ޔޫސުފް ނައީމްގެ 99 އިންސައްތަ އޮންނަ ކުންފުންޏެއް އުފައްދައި، އެ ކުންފުންޏަށް ރަށް ދިން ކަމަށާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޔޫސުފް ނައީމަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދޫކުރި ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ. އަދި ފަހުން އެ ފައިސާ ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ މި މަހުގެ ތެރޭގައި ހެކިބަސް ނެގުމަށް ގަސްދު ކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޮގަސްޓު މަހު ޚުލާސާ ބަޔާން އިއްވުމަށް ފަހު، ސެޕްޓެމްބަރުގައި ހުކުމް ކުރަން ވަނީ އަމާޒު ހިފާފަ އެވެ.