ވޭތުވެދިޔަ މަސްތަކުގައި ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮވެފައި އަނެއްކާވެސް ކޭސްތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑްގެ ކޭސްތައް މިދުވަސްވަރު ގިނަވަމުންދާކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާކަމަށެވެ.

"އެގޮތުން ވޭތުވެދިޔަ ހަފުތާގައި 142 ކޭސް ވަނީ ފެނިފައެވެ." އެ ބަޔާނުގައިވެއެވެ.

އެޗްޕީއޭއިން ބުނީ މިއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 60 ޕަސަންޓުގެ އިތުރުވުމެއްކަމަށެވެ. އަދި ސާމްޕަލް ޕޮޒިޓިވިޓީއާއި ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވާކަމަށް އެ ބަޔާނުގައި ވެއެވެ.

އެގޮތުން މިދިޔަ މަހު ކޮވިޑް ޖެހިގެން އެނދުމަތިކޮށްގެން ފަރުވާދީފައި ވަނީ 15 މީހުންނަށެވެ. ނަމަވެސް މިމަހުގެ 12ވަނަ ދުވަހާ ހަމައަށް 11 މީހުން އެނދުމަތިކޮށްގެން ކޮވިޑަށް ފަރުވާދީފައިވެއެވެ.

އެހެންކަމުން އެޗްޕީއޭއިން އިލްމާސްކުރީ ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާ ވެސް އަވަހަކަށް މީހުންނާ އެކަހެރިވެ ޓެސްޓުކުރުމަށެވެ. އަދި ބަލީގެ އަލާމާތެއް ފެންނަނަމަ ނުވަތަ ގިނަ މީހުންގެ ތެރޭގައި އުޅޭނަމަ މާސްކު އަޅަން އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

މީގެއިތުރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ ކޮންޓެކްޓްގެ މައުލޫމާތު ފޯރުކޮށްދިނުމަށާއި ވެކްސިނުގެ ޑޯޒު ފުރިހަމަކޮށްފައި ނުވާ މީހެއް ނަމަ ވެކްސިން ފުރިހަމަކުރަން ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.