16 Jun 2022, 00:29
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އެމްޓީސީސީގެ އާރުޓީއެލް ބަސް ދަތުރުތައް ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެ ސަރަހައްދުގައި މީހުން އާބާދުވީއްސުރެ، ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"އަސާސީ ޚިދުމަތްތަކާއި، ޒަރޫރީ ބޭނުންތައް ވީހާވެސް އަވަހަކަށް މިތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ސަރުކާރާއި އަދި ހުޅުމާލެ ހިންގުމާ ހަވާލުވެ އޮތް އެޗް.ޑީ.ސީ.އާއި އަދިވެސް ދައުލަތުގެ އެހެން ހުރިހާ މުއައްސަސާތަކުން ބުރަ މަސައްކަތްތަކެއް އަޅުގަނޑުމެން ފެށިން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ތިން ކުލިނިކަކާއި، ފާމަސީގެ ހިދުމަތް ފެށުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.
"އޭގެ އިތުރުން، ހުޅުމާލޭ ފޭސް 2 ގައި އިތުރު ހޮސްޕިޓަލާއި، އިތުރު ޞިއްޙީ ޚިދުމަތްތައް ލިބޭނެ ވަސީލަތްތައް ޤާއިމުކުރުމަށް، މިހާރުވެސް އެޗް.ޑީ.ސީ.ގެ ފަރާތުން އެގެންދަނީ ބީލަމަށްލައި، އެކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން" އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އެ ސަރަހައްދަށް ބޭނުންވާ ސްކޫލާއި، މިސްކިތް އަދި މަގުތައް ފަދަ އިތުރު މަޝްރޫއުތަކުގެ މަސައްކަތް ވެސް ކުރިއަށްދާކަށް ރައީސް ފާހަގަކުރެއްވިއެވެ.
ހުޅުމާލޭގެ ދަތުރުފަތުރުގެ ޚިދުމަތާ އެމްޓީސީސީ ހަވާލުވިފަހުން އެ ދާއިރާއިން އައިސްފައިވާ ކުރިއެރުން ފާހަގަކުރައްވާ ރައީސް ވަނީ އެ ކުންފުނީގެ ވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.
އިތުރު 15 ބަހާއެކު ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އާރުޓީއެލް ބަސްތަކުގެ ޚިދުމަތް މިރޭ ފެށުމާއެކު، އިތުރު ދެ ރޫޓަކަށް އެ ކުންފުނީގެ ބަސްތައް ވަނީ ދަތުރުުކުރަން ފަށާފައެވެ.