21 Jun 2022, 22:15
އިޚްލާސްތެރިކަމެއް ނެތި ދީނާއި ނަބިއްޔާގެ ދިފާޢުގައިކަމަށް ބުނެ ބައެއް މީހުން ސިޔާސީ މަންފާއަށް ހިންގާ ހަރަކާތްތަކުގެ މަޅީގައި ނުޖެހުމަށް އިސްލާމިކް މިނިސްޓްރީން ގޮވާލައިފިއެވެ.
މިއަދު ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައި ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ގުޅިގެން ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވުމަށް އާންމުގެ ބަޔަކު ހިންގި ހަމަނުޖެހުމާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ބައެއް މީހުން ދިވެހީންގެ ހިތްތަކުގައި އޮންނަ ދީނީ ލޯބި ސިޔާސީ މަގުސަދެއް ބޭނުން ކޮށްގެން ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދަމުން ދާކަމަށެވެ. އަދި އެ އަމަލަކީ ދަށު ދަރަޖައިގެ އަމަލެއްކަމަށް އެ ބަޔާނުގައި ވެއެވެ.
އެގޮތުން އެ ބަޔާނުގައި ވަނީ މުންކަރާތް ނަހީ ކުރުމުގެ ނަމުގައި ހިންގާފައިވާ ކަންތައްތަކަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމަށެވެ. އަދި ހަރުކަށިކަން އިސްކޮށް އަނިޔާވެރިކަމަށް ގޮވާލާ މީސްތަކުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ހިންގާ މިފަދަ ޢަމަލުތަކަކީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކާ އަދަބުތަކާ ޚިލާފުކަމެއްކަމަށް އެ ބަޔާނުގައި ވެއެވެ.
އެހެންކަމުން މިފަދަ ކަންކަމާމެދު ދީނީ އިލްމުވެރިންނާއި، މުއައްސަސާތަކުން އިތުރަށް ސަމާލުވެ، މުޖުތަމައުގެ މަސްލަހަތު އިސްކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
މިއަދުގެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ. އަދި އެ ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި ދިދަ ތަކަކީ ޕީޕީއެމް އޮފީހުން ނެރުނު ދިދަތަކެއް ކަމަށް ފުލުހުން ބުންޏެވެ.
އެ ހަމަނުޖެހުމާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރަން ހާއްސަ ޕޯޓަލެއް އެއް ވަނީ ގާއިމްކޮށްފައެވެ.