27 Jun 2022, 12:15
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް މިނިސްޓަރުން ހާޒިރުކޮށް އިތުރު ސުވާލުކުރުމަށް މެންބަރުންނަށް ޖުމްލަ 30 މިނެޓުގެ ވަގުތު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަން ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 31 މެންބަރުންގެ އިއްތިފާގުންނެވެ.
އެ މައްސަލަ ދިރާސާކޮށްފައި ވަނީ މަޖިލީހުގެ އާންމު ކޮމިޓީންނެވެ. މަޖިލީހަށް ހާޒިރުކުރާ މިނިސްޓަރާ ސުވާލުކުރުމަކީ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މިނިސްޓަރާ ސުވާލުކުރުމަށް ކޮންމެ މެންބަރަކަށްވެސް ލިބެނީ 45 ސިކުންތުގެ ވަގުތުކޮޅެކެވެ. އިތުރު ސުވާލުކުރުމަށް މެންބަރުންނަށް މިހާރު ލިބެނީ 20 މިނެޓެވެ.
އިތުރު ސުވާލުކުރުމަށް ލިބޭ ވަގުތު ކުޑަކަމަށްބުނެ މެންބަރުން ކަންބޮޑުވުން ފާޅުކުރުމާއެކު އެކަން ބެލުމަށް މަޖިލީހުގެ އަމީންއާއްމު ވަނީ ގަވައިދު ކޮމިޓީއަށް ފޮނުއްވާފައެވެ.
އެ މައްސަލައާ ގުޅިގެން އާއްމު ކޮމިޓީން ވަނީ ނުރަސްމީކޮށް މަޝްވަރާކުރުމަށްފަހު ވޯޓަށް އަހާފައެވެ. އަދި ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން، އިތުރު ސުވާލުކުރުމަށް 30 މިނެޓު ދިނުމަށް ވަނީ ފާސް ކޮށްފައެވެ.
ކުރިން އިތުރު ސުވާލު ކުރުމަށް ދޭ 20 މިނެޓަށް 10 މިނެޓުގެ ވަގުތު އިތުރުކުރުމަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ)އެވެ. ނަމަވެސް ވަގުތު އިތުރު ކުރެވޭނީ އެއްވެސް ވަޒީރެއްގެ އިއުތިރާޒެއް ނެތިއްޔާ ކަމަށް ވެސް މެންބަރު ފާހަގަކުރެއްވިއެވެ.