"ކިހިނެތް އުޅެނީތަ ދަރިފުޅާ؟..." ގަބޫލު ނުކުރެވިފައި ހުރި ކަހަލަ ގޮތަކަށް މަންމަ އަހައިލިއެވެ.

"ހަޑި ކަންތައް ކުރަނީ... އަޅުގަނޑު ބޮއެފަ ހުންނަ އެއްޗެހިވެސް ބޮނީއޭ މަންމާ..." އަހަރެން ޝަކުވާ ކޮށްލީމެވެ.

********

ދަރިންގެ ޝަކުވާގެ އަޑު އެންމެ ރަނގަޅަށް އަހާނީ މައިމީހާއެވެ. ހެޔޮގޮތާއި ނުބައިގޮތް ބުނެދޭނީވެސް އެމީހުންނެވެ. އެއީ އަހަންނަށް ފޮތްތަކުންވެސް އެނގިފައިވާ ގޮތެވެ. މަންމަމެން ބުނެދީފައިވާ ގޮތްވެސް މެއެވެ. އަހަންނަށް ޝަކުވާ ކުރެވުނީ، މަންމަގެ ފަރާތުން އަހަރެން ބޭނުންވާފަދަ ޖަވާބެއް ލިބޭނޭ ކަމަށް ހީކޮށެވެ. އެހެނަސް، ބަހާއި އަމަލާއި ދިމައެއް ނުވިއެވެ. ކަންތައްވީ އަހަރެން ހީކުރިގޮތާއި މުޅީން ހިލާފަށެވެ. މަންމަ އެރީ ޔާނިޝް ބަންނަމުންދިޔަ ބައްތެއްޔަށެވެ.

"އެ ވާނީ ޔާނިޝް ދަރިފުޅާ ސަމާސާކޮށްލީ ކަމަށް... ދަރިފުޅު ދެން މިހާރު ތި އުޅެނީ މާ ކުޑަކުދިން އުޅޭހެން..." މަންމަ ޖަހައިލީ ހިނިގަނޑެކެވެ. "މާ ޝަކުވާވެސް ގިނަވަނީ..."

"އަޅުގަނޑަށް ކަމަކުނުދޭ އެކަހަލަ ސަމާސާއެއް... މަންމައެއް ނޫންތޯ ބުނުއްވީ، ފިރިހެނުންނާ މާ ގާތް ނުވާން..." މަންމަގެ ސަމާސާ ރާގު އަހަންނަކަށް ކަމަކު ނުދިޔައެވެ.

"ދަރިފުޅާ..." މަންމަ ގޮވައިލީ ވިސްނައިދޭ ކަހަލަ ރާގަކަށެވެ. "ތިކަން ދަރިފުޅަށް މައްސަލައަކަށް ވެދާނެ ދަރިފުޅަށް އަދި ނޭނގި އޮތީމަ ކަމަށް... މަންމަމެން ވަރަށް ބޮޑު ނިންމުމެއް ނިންމައިފިން... ދަރިފުޅަށް އެނގޭނެ، ދަރިފުޅަށް ދެރަވާ ގޮތަކަށް މަންމަމެން އެއްވެސް ނިންމުމެއް ނުނިންމާނެ ކަން..."

އަހަރެންގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގެން ދިޔައެވެ. ހިތުގެ ތެޅުން ހިނދުކޮޅަކަށް މަޑުޖެހިލިހެން ހީވިއެވެ. މަންމަމެން ނިންމީ ކޮންކަހަލަ ނިންމުމެއްކަން އަހަރެންގެ ހަވަނަ ހިއްސު އަހަންނަށް އަންގައިދިނެވެ. އިތުރަށް މަންމަގެ އަނގައިން އެ ވާހަކަ ބުނުވުމުގެ ބޭނުމެއް ނެތެވެ. އަހަރެންގެ ހިތް އިތުރަށް ޒަހަމުވުން ނޫންކަމެއް ނުވާނެއެވެ. އެ ހަގީގަތަށް ފިލަން އަހަރެން ބޭނުމެވެ.

"މަންމާ އަޅުގަނޑު ނިދާލަން ބޭނުން..." އަހަރެން އުޅުނީ އަވަހަށް މަންމަ ފޮނުވައިލާށެވެ.

"ދަރިފުޅާ... މަންމަމެން ނިންމައިފިން ދަރިފުޅު..." މަންމަ އެހިސާބަށް ބުނި ތަނައި، އަހަރެން އެނދުގައި އޮށޯވެ، ދެލޯ މަރައިލީމެވެ. މަންމަ އިތުރު އެއްޗެއް ބުނުމުގެ ކުރިން، ބާލީހަކުން މޫނު ނިވާކުރީމެވެ.

އިރުކޮޅަކު އަހަރެންގެ ކައިރީގައި އިނދެފައި މަންމަ ދިޔައެވެ. ނުނިދިފައި އެތައް އިރަކު އަހަންނަށް އޮންނަން ޖެހުނެވެ. އަހަރެންގެ ދިރިއުޅުން އަޅިއަށް ވަނީ ހެއްޔެވެ؟ ހަޔާތުގައި އަންނާނޭ އެންމެ އުފާވެރި ދުވަހުގައިވެސް އަހަރެން ހުންނަންޖެހޭނީ ހިތުގެ ފާރުގަނޑުތަކުގައި މަލަން އަޅައިގެން ހެއްޔެވެ؟

މަންމަމެން ކޮޓަރިއަށް ވަންކަން ޔަގީންކުރުމަށްފަހު އަހަރެން ކޮޓަރިން ނުކުތީމެވެ. ސިޓިންގްރޫމުގެ މޭޒުމަތީގައި މަންމަ ގެންގުޅުނު ފޮތް ބާއްވާފައި އޮތެވެ. އަހަރެން ބޭނުންވީ އެފޮތުގެ ތެރެއަށް މަންމަ ލީ ތަސްވީރުތައް ބަލާށެވެ.

ފޮތް ހުޅުވައި ނުލަނީސް، އޭގެ ތެރެއިން ތަސްވީރުތައް ފައިބައިގަތެވެ. އަހަންނަށް ހީވީ ރަނގަޅަށެވެ. އެއީ ކައިވެނީގެ ހެދުމުގެ އިތުރުން ގަހަނާ އާއި ބޫޓުތަކެއްގެ ތަސްވީރުތަކެކެވެ. އަހަރެން ކައިވެނި ކުރުވަނީ ޔާނިޝް އާއި ކަން ކަށަވަރު ވިއެވެ. ވަގުތުން ތަސްވީރުތައް އިރައިލަން ހިތް ބުންޏެވެ. މަންމަމެން އުޅެނީ އަހަރެންގެ ކިބައިން ސަލާމަތް ނުވެވިގެން ހެއްޔެވެ؟ އަހަރެންގެ ހިތުގައި ކުޑަވެސް ލޯތްބެއް ނުވާ މީހަކާއި އިނދެގެން އަހަރެން ކެތްކުރާނީ ކިހިނެތް ހެއްޔެވެ؟

ފަތިހު މަންމަ ގޮވުމުންވެސް އަހަރެން އޮތީ ތެދުވާހިތް ނުވެފައެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވިއެވެ. އަމިއްލަ ނަފުސު ދެކެވެސް ނަފުރަތު ކުރެވުނެވެ. މިރާންގެ ލޯބި ނުލިބެނީސް އެ ލޯތްބަށް އަލްވަދާއު ކިޔަން ޖެހުނީއެވެ. އަހަރެން ނިންމީ ކޮންމެ ގޮތެއްވެސް ވަރިހަމަ ކަމަށް ޔާނިޝްއަށް ހަގީގަތް ހާމަކުރާށެވެ. މަންމަމެން އަހަރެންގެ އަޑު ނާހާނެކަން އަހަންނަށް ޔަގީނެވެ. ޔާނިޝްދެކެ ލޯބި ނުވާ ވާހަކަ އާއި ކައިވެނި ކުރަން ބޭނުން ނުވާ ވާހަކަ އަހަރެން އޭނަ އާއި ދިމާއަށް ބުނާނީއެވެ. އޭރުން ޔާނިޝް އަމިއްލައަށް އަހަރެންގެ ދިރިއުޅުމުން ބޭރުވާނެއެވެ.

"ދަރިފުޅާ... ޔާނިޝްގެ މަންމަމެން އަންނާނެ މިރޭ... ތައްޔާރުވެލައްޗޭ..." މަންމަ އެދުނެވެ.

އަހަރެން އެއްޗެއް ނުބުނެ ދާން ހިނގައިގަތުމުން މަންމަ ގޮވައިލިއެވެ.

"މަންމައަށް ހީވަނީ ދަރިފުޅަށް މިހާރު އެނގޭނެހެން ކީއްކުރަންކަން އެމީހުން އަންނަނީ..." މަންމަ ބުންޏެވެ.

"މަންމާ!..." ހިތަށް ކުރި އަސަރުން އަހަރެންގެ އަޑު ނުކުތީ ކުރެހިގެންނެވެ. "ހަމަ އެންމެ ނިންމުމެއްވެސް ނިންމުމުގެ ހައްގު އަޅުގަނޑަށް ނެތީތޯ؟..."

ކިތަންމެ ދެރަވި ނަމަވެސް، އަހަރެން ވާހަކަ ދެއްކީ ރީތި ބަހުންނެވެ. މަންމަގެ ގަދަރަށް ދުވަހަކު އުނިކަމެއް ލިބިދާނެފަދަ ގޮތަކަށް ބަހެއް ބުނާކަށް އަހަރެންގެ ޒަމީރު ހުއްދައެއް ނުދިނެވެ.

"ދަރިފުޅަށް އެންމެ ރަނގަޅުވާނެ ގޮތަށް މަންމަމެން ހުރިހާ ނިންމުމެއްވެސް މި ނިންމަނީ... މަންމަމެން ބުނާ ގޮތަށް ހަދައިގެން ދަރިފުޅަށް ވާނެ ގެއްލުމެއް ނޯންނާނެ..." މަންމަގެ ޖަވާބު ވަރަށް ސާފެވެ.

"ލޯބިނުވާ މީހަކާ އިނދެގެން އަޅުގަނޑަށް ކޮން އުފަލެއްތޯ ލިބޭނީ؟..." އަހަންނަށް ރޮވޭގޮތްވިއެވެ.

"އެހެންވީމަ، ދަރިފުޅަށް އެނގިއްޖެ ދޯ މި ވާން އުޅޭގޮތެއް..." އަހަރެންގެ ދެކޮނޑުގައި ހިފަހައްޓައިލަމުން މަންމަ ބުނެލީ އޯގާތެރި ރާގަކަށެވެ. "މާގިނަ ދުވަހު މީހަކާ ނީނދެ ހުންނާކަށް ނުވާނެ... ދަރިފުޅު މިހާރު ތިހުރީ ބޮޑުވެފައޭ..."

"މަންމާ އަޅުގަނޑު ބޭނުމެއް ނޫން މިކައިވެނި ކުރާކަށް... އަޅުގަނޑު ލޯބިވާ މީހަކާ ކައިވެނި ކުރަން ހުއްދަ ދެއްވާ..." މަންމަގެ ހަމްދަރުދީން އަހަންނަށް އިތުރަށް ރޮވޭގޮތްވިއެވެ.

"ލޯތްބަކީ ކައިވެނީގެ ފަހުން ވާ އެއްޗެކޭ ދަރިފުޅާ..." މަންމަގެ ނިންމުން ބަދަލު ނުކުރާނެކަން ދޭހަވާފަދަ ރާގަކަށް ބުނެލިއެވެ. "މަންމަމެންވެސް މިއުޅެނީނު... ދުވަހަކުވެސް މައްސަލަ ޖެހިގެން އުޅުނު ތަން ދެކުނިންތަ؟... އޭރު ލޯބި ނުވިޔަސް، މިހާރު މަންމަމެންގެ ދިރިއުޅުންވެސް ކިހާ އުފާވެރި... އަލްހަމްދުﷲ..."

"މަންމާ..." ޝަކުވާގެ ރާގަކަށް މަންމައަށް ގޮވައިލުން ފިޔަވައި އިތުރު އެއްޗެއް ނުބުނެވުނެވެ.

އަހަރެން ދެރަވެގެން މަންމަގެ ނިންމުން ބަދަލުވާނެނަމަ އެކަން ވީހެވެ. ދުވަހަކު މަންމަގެ ކުރިމަތީގައި ނުރޯ ވަރަށް ރޮވުނެވެ. ގިސްލަގިސްލާފައެވެ.

"ޔާނިޝްއަކީ ގޯސް ކުއްޖެއް ނޫން... މަންމައަށް ޔަގީން މަންމަމެންގެ މި ނިންމުމުގެ ސަބަބުން ދަރިފުޅު ފަހުން އުފާވާނެކަން..." މަންމަ ބުންޏެވެ. "ދެން ދޭ އަވަހަށް ތައްޔާރުވެލަން... މިހާރު ދެލޯވެސް ތިހިރީ ދުޅަވެފަ..."

އަހަރެންގެ މުޅި ހަށިގަނޑުން ވަރު ދޫވެފައިވާ ކަހަލައެވެ. ހިނގާނެ ހިތްވަރުވެސް ނެތުނެވެ. ކޮޓަރިއަށް ވަދެ ދޮރު ޖެހިގޮތަށް ގިސްލާފައި ރޮވެން ފެށުނެވެ. އަހަރެންގެ އަޑު އަހާނޭ ހުރީ ކާކު ހެއްޔެވެ؟ ކޮޓަރިތެރޭގެ ހަތަރު ފާރުގެ އެތެރެއަށް އަހަރެންގެ އަޑު އޮބިގެން ދިޔުން ނޫންކަމެއް ނުވާނެއެވެ. ރޮއެރޮއެ އަހަންނަށް ނިދުނީއެވެ. ހޭލެވުނީ މަންމަ އައިސް ގޮވުމުންނެވެ. މަންމަ ހުރީ ނުތަނަވަސްވެފައެވެ. ގަޑިއަށް ތައްޔާރުނުވުމުން، ހިތްހަމަނުޖެހުން ފާޅުކުރިއެވެ.

އަހަރެން ތައްޔާރުވެލައިގެން ނުކުތްއިރު، ޔާނިޝްގެ އިތުރުން އޭނާގެ މަންމަ އާއި ބައްޕަ އިންތިޒާރުގައި ތިއްބެވެ. އަހަންނަށް އެއީ ކޮން ބައެއްކަން އެނގުނީ، އަހަރެން ފެނުމުން ތެދުވެލާފައި އައިސް އަމިއްލަ ތައާރަފެއް ދިނުމުންނެވެ.

"ދަރިފުޅާ... އާދޭ މިތާ އިށީންނަން..." ޔާނިޝްގެ މަންމަ އަހަރެންގެ އަތުގައި ހިފައިލިއެވެ.

މަންމައެއްފަދަ ގާތް އެކުވެރި ރާގެކެވެ. ކައިވެންޏަށްފަހު، އެ ދެއްކުންތެރިކަން ބަދަލުވެގެންދާނީ ކޮން ގޮތަކަށް ބާއޭ ހިތަށް އެރިއެވެ. އަހަންނަށް މައިދައިތަ ސިފަވަނީ ނުފޫޒުގަދަ، ރުޅިގަދަ ބައެއްގެ ގޮތުގައެވެ. އަހަންނަށް ވިސްނިފައި އޮތީ، އެއީ އަމިއްލަ ދަރިން ދޮންފުތުކުރާ ބައެއްގެ ގޮތުގައެވެ. ހަދަންވީ ގޮތެއް ނުނިންމިފައި ހުއްޓާ، މަންމަ ލޮލުން އިޝާރާތްކޮށް، ޔާނިޝްގެ މަންމަ ކައިރިއަށް ދިޔުމަށް އެދުނެވެ. އެ އަމުރަށް ކިޔަމަންވެ، މަންމަ އެދުނު ކަންތައް ކުރީމެވެ.

"ކިޔެވުން ކިހިނެތް ދަނީ؟..." ޔާނިޝްގެ މަންމަ ސުވާލު ކުރިއެވެ.

"ރަނގަޅު..." އަހަރެން ދިނީ ކުރު ޖަވާބެކެވެ.

"ކައިވެނި ކުރިޔަސް ކިޔެވޭނެތާ ދޯ... މަންމަމެން ހުރަހެއް ނާޅާނަން، ދަރިފުޅު ބޭނުމިއްޔާ ވަޒީފާއަށްވެސް ދެވޭނެ..." ޔާނިޝްގެ މަންމަ ހިތްހެޔޮ ރާގަކަށް ބުންޏެވެ.

އަހަންނަށް އެ ވާހަކަތައް ވީ ޖޯކަކަށެވެ. އަމިއްލަ މައިންބަފައިން އަހަރެން ކަސްތޮޅު އަޅުވައިގެން ގެންގުޅޭއިރު، މައިދައިތަ އަހަންނަށް އެވަރުގެ މިނިވަންކަމެއް ދީފާނެ ހެއްޔެވެ؟ އެއީ ހުސް އަހަރެންގެ ހިތް ބަދަލުކުރަން ދައްކާ އޮއްޓަރެއް ނެތް ފޮނި ވާހަކަތަކެއްކަން ޔަގީނެވެ.

"ދަރިފުޅަށް ޔާނިޝް ކަމުދޭތަ؟..." ޔާނިޝްގެ މަންމަ އަހައިލިއެވެ.

އަހަރެން ދިޔައީ ސިއްސައިގެންނެވެ. ޔާނިޝްގެ މަންމަގެ ފަރާތުން އެފަދަ ސުވާލެއް ކުރިމަތިވެދާނެ ކަމަކަށް އަހަރެން ކުޑަކޮށްވެސް އުއްމީދެއް ނުކުރަމެވެ. އަހަންނަށް ބަލައިލެވުނީ ޔާނިޝް އާއި ދިމާއަށެވެ. އޭރު ޔާނިޝްވެސް އިނީ އަހަންނަށް ބަލަހައްޓައިގެންނެވެ. އަހަރެން ބަލައިލުމުން، ފޯނާއި ކުޅޭކަމަށް ހެދުނެވެ.

"އާތިފާވެސް ދޯ... ދެން މީހުން ދަރިންނާ ކުރާ ކަހަލަ ސުވާލެއްތަ ތި ކުރީ..." ޔާނިޝްގެ ބައްޕަ ބުނެލިއެވެ.

"މިޒަމާނުގެ ކުދިން ނުގަންނާނެއޭ ލަދެއް..." ޔާނިޝްގެ މަންމަ ވަރަށް ހިނިއައިސްފައި ބުންޏެވެ.

މަންމަވެސް އެ ވާހަކައިގައި ބައިވެރިވެލިއެވެ.

"މަންމަމެން މިކިޔަނީ ފެށޭ ހަފްތާގަ ކައިވެނީގެ ހުރިހާ ކަމެއް ހަމަޖައްސަން... ދަރިފުޅަށްވެސް އެދުވަސްވަރު ޗުއްޓީ ވާނެތީ އެހެން ހަމަޖެއްސީ... ޕާޓީއަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދާ ކަންކަން ކުރަން ފުދޭ ވަރަކަށް ވަގުތު ނަގާނެއެއްނު ދޯ... އަންނަ މަހުގެ ދިހައެއްގަ ކައިވެނި ކުރާނީ... މަންމަމެންނަށް ފެނުނު އެންމެ ރަނގަޅު ދުވަސް އެއީ... ރާއްޖޭން ބޭރުގަ ތިބި ކުދިންނަށްވެސް އެދުވަސްވަރާ ދިމާކޮށް އާދެވެން އޮތީ... އެންމެ ރަނގަޅުތަ ދަރިފުޅަށް؟... އެބައޮތްތަ ދަރިފުޅުގެ ހިޔާލެއް؟..." ޔާނިޝްގެ މަންމަ އެއް ފައްޗަކަށް ހުރިހާ ވާހަކައެއް އަމުނައިލިއެވެ. ސުވާލުތައްވެސް ކޮށްލީ ފުލުފުލުންނެވެ.

އަހަރެން އިނީ ބުނާނެ އެއްވެސް އެއްޗެއް ނޭނގިފައެވެ. އިތުރަށް އަހަރެން ދޭންވީ ކޮން ހިޔާލެއް ހެއްޔެވެ؟ ހުރިހާ ކަމެއް އެއޮތީ އަހަރެންގެ ޣައިރު ހާޟިރުގައި މަސްވަރާކުރެވި ނިމިފައެވެ. ކައިވެނި ކުރަން އުޅެނީ އަހަންނެވެ. އެކަމަކު، ހުރިހާ ކަމެއް އަލިފުން ޔާއަށް ނިންމަނީ އެހެން ބައެކެވެ. އަހަރެންގެ ކަންފަތާއި ހަމައަށް ހުރިހާ ހަބަރެއް އައީވެސް، ހުރިހާ ކަމެއް ހަމަޖެހި ނިމުމުންނެވެ. ވީއިރު، އަހަރެންގެ މުހިއްމު ކަމެއް ކޮބައި ހެއްޔެވެ؟

"އާތިފާ އިހަށް މަޑުކޮށްބަލަ..." ޔާނިޝްގެ ބައްޕަ އެދުނެވެ. "އެ ދެކުދިން ތިވާހަކަ ދައްކަން ފޮނުވަބަލަ...."

"އެއީ ތެދެއް... އަވަހަށް ދޭ... ދެކުދިން ގޮސް ވާހަކަ ދައްކާލާ..." ޔާނިޝްގެ މަންމަ ވަރަށް ފަސޭހައިން އެއްބަސްވިއެވެ.

އަހަރެން އިނީ އެތަނުން ނުދެވިފައެވެ. ފުރުސަތުގެ ބޭނުން ހިފައި ތެދުވީމެވެ. ޔާނިޝްވެސް ދެކޮޅުހެދުމެއްނެތި ތެދުވިއެވެ. އޭނާ މިސްރާބުޖެހީ، ގެއިން ބޭރަށެވެ. އަހަރެންވެސް ޔާނިޝްގެ ފަހަތުން ބޭރަށް ނުކުތީމެވެ.

"އަހަރެން ބޭނުމެއް ނޫން މި ކައިވެނި ކުރާކަށް..." އިތުރު ވާހަކައެއް ދެއްކުމަށް މަގުފަހިކުރަން ބޭނުންނުވާތީ، އަހަރެން ވާހަކަ ފެށީ ސީދާ އަހަރެން ބޭނުންވި މައުޟޫޢު އިންނެވެ.

(ނުނިމޭ)