ސުކޫލު ޗުއްޓީގައި ކުދިންނަށް އަމިއްލައަށް ކަންކަން ކުރަން ދަސްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ބްރިޖް ލިޓްލް ލާނާސް ޕްރީސުކޫލްގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިރަސްމިއްޔާތުގައި ދަސްވެނިވި 27 ދަރިވަރުންނަށް އެވޯޑާއި ސްކްރޯލް ހަވާލުކޮށްދެއްވީ ފަޒްނާ އަޙުމަދެވެ.

އެކަމަނާގެ ވާހަކަފުޅުގައި ވަނީ ކުދިންނަށް އަމިއްލައަށް ކަންކަން ކުރަން ދަސްކޮށްދިނުމުގެ ގޮތުން އެ ކުދިން އަމިއްލައަށް ފާޚާނާއަށް ގޮސް ތާހިރުވާން ދަސްކޮށްދިނުން ފަދަ ކުއްޖާއަށް އެކަނި ކުރެވޭނެ ކަންކަން ޗުއްޓީ ތެރޭގައި ދަސްކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ބްރިޖް ލިޓްލް ލާނާސް ޕްރީސުކޫލުގެ ދަސްވެނިވުމުގެ ހަފުލާގައި ފަޒްނާ އަޙްމަދު ބައިވެރިވެ ވަޑައިގެންނެވުން -- ފޮޓޯ/ ރައީސް އޮފީސް

މިރަސްމިއްޔާތުގައި ދަރިވަރުންނާއި ބެލެނިވެރިންނާއި މުޚާތަބު ކުރައްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ކުދިންނާއި ބެލެނިވެރިންވެސް ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށާއި، ޗުއްޓީގެ އުފާވެރިކަމާއި ތަޖުރިބާތައް ކުދިންނަށް ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

"ޕްރީސުކޫލް ނިންމައި ދަރިވަރުން ޕްރައިމަރީ މަރުހަލާ ފަށަން ތައްޔާރުވާއިރު ޗުއްޓީ ތެރޭގައި ކުދިންނަށް ގްރޭޑް ފޮތްތައް ބެލެނިވެރިން ކިޔަވައިދޭކަން ފާހަގަކުރެވޭ. އެހެން ހެއްދެވުމުން ސުކޫލަށް ކުދިން ގޮސް ހަމަ އެފިލާވަޅުތައް ހަދަންޖެހުމުން ފޫހިވާ ގޮތް މެދުވެރިވާނެ، ފަޒްނާ ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި ޕްރީ ސުކޫލުތަކަށް މުޖުތަމުއާއި އަމިއްލަފަރުދުން އަދި ސަރުކާރުގެ ކުންފުނިތަކުން ވެދޭ އެހީތެރިކަން ފާހަގަ ކުރެއްވިއެވެ. އަދި މިހަފްލާގައި ގުރެޖުއޭޓްވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވާހަކައެއް ވެސް ވިދާޅުވެދެއްވާފައެވެ.

މިހަފްލާގައި ބްރިޖް ލިޓްލް ލާނާސް ޕްރީ ސުކޫލުން ދަސްވެނިވި ހުރިހާ ދަރިވަރުންގެ ނަން ހިމެނޭ ކުރެހުމެއް ސުކޫލްގެ ފަރާތުން ފަޒްނާ އަޙުމަދަށް ހަދިޔާކުރެއްވިއެވެ.

ބްރިޖް ލިޓްލް ލާނާސް ޕްރީސުކޫލުން ދަސްވެނިވި ހުރިހާ ދަރިވަރުންގެ ނަން ހިމެނޭ ކުރެހުމެއް ސްކޫލްގެ ފަރާތުން ފަޒްނާ އަޙުމަދަށް ހަދިޔާކުރެއްވުން -- ފޮޓޯ. ރައީސް އޮފީސް

ބްރިޖް ލިޓްލް ލާނާސް ޕްރީ ސުކޫލަކީ 233 ކުދިންނާއި އެކު 2012 ވަނަ އަހަރު ފެށުނު ޕްރީސުކޫލެކެވެ.

މިއަހަރުގެ ޖޫން މަހު އެ ސުކޫލުގެ ނަން ވަނީ ޗައިމްސް ޕްރީ ސުކޫލުގެ ނަމަށް ބަދަލުކޮށްފައެވެ.